ads
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ހިތްހަމަޖެހުމަކީ ދީނީ އަޅުކަންތައް ފުރިހަމަގޮތުގައި އަދާ ކުރެވުން
މިއަހަރުގެ ރަމަޟާން މަހާ ބައްދަލުވިއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި، ދިރިއުޅުމުގެ އާންމު ހާލަތަށް ރުޖޫއަވެވި، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކޮށް، ދީނީ ގޮތުން އަދާކުރަންޖެހޭ އެންމެހައި އަޅުކަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް މަގު ތަނަވަސްވެފައިވާތީކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
Advertisement

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 1443 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ. 

ރައީސް ސާލިހުގެ ހިތާބުގައި އެމަނިކުފާނު ވަނީ މިމަތިވެރި ފުރުސަތުގެ ބޭނުންހިފައި، ފުރިހަމައަށް ރޯދަހިފުމާއި ތަރާވީހް ނަމާދުކުރުމާއި ކީރިތި ގުރްއާން ކިޔެވުމުގައި ހީވާގިވެ، ރޫހާނީ ދިރުން އިތުރުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ރަމަޟާން މަހަކީ ރަހްމަތުން ފުރިގެންވާ، ފުއްސެވުމާއި ދިންނެވުމުގެ މައްސަރަކަށްވާތީ، އަނެކާއަށް އޯގާތެރިކަން އިސްކުރުމާއި އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް އާލާކުރުމާއި، މައާފްކުރުމާއި، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު މުއާމަލާތުކުރުމުގެ ރީތި އާދަތައް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމާއި އެކަކު އަނެކަކަށް އެހީތެރިވެ، އަނެކުންގެ ބުރަތަކާއި ދަތިތައް ފިލުވައިދީ އިންސާނިއްޔަތުކަން އިސްކުރުމަކީ، މި މަހުގެ ދަރުމަ އާއި ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނޭ ކަންތައްތައްކަން ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަމަޟާން މަހަކީ ކީރިތި ގުރްއާނުގެ ހިދާޔަތުން މުޅި އިންސާނިއްޔަތަށް އަލިކޮށްދިން މައްސަރު ކަމަށްވާތީ، ގިނަގިނައިން ގުރްއާން ކިޔެވުމުގެ އާދަ ހަރުލެއްވުމާއި ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކޮށް، ސުންނަތް އަޅުކަންތަކަށް ފަރުވާތެރިވެ، ރޭއަޅުކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ހިތާބު ނިންމަވާލައްވާފައި ވަނީ މި މާތް މައްސަރުގެ ނިއުމަތްތަކާއި ދަރުމައާއި ސަވާބު، މުޅި އިސްލާމީ އުންމަތަށް މިންވަރުކުރެއްވުން އެދި ދުއާ ދަންނަވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް