އާތިކާގެ މައްސަލައަކީ، ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ 22 މުވައްޒަފަކު ސޮއިކޮށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ބަލަމުންދާ މައްސަލައެކެވެ.
ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އެ މައްސަލައާ ގުޅިގެން މިނިސްޓްރީގެ ބަހަކީ ކޮބާތޯ ސުވާލުކޮށްފަ އެވެ.
ބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ މިނިސްޓްރީއެއް ކަމަށާ ވަރަށް ޒިންމާދާރުކޮށް މަސައްކަތް ކުރާ ވަރަށް ގިނަ މުވައްޒިފުން ތިބި މިނިސްޓްރީއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވިއިރު ރައީސް އޮފީހުގެ ޕްރެސްގައި މިއަދު އާތިކާ ވެސް ބައިވެރިވެވަޑައިގަތެވެ. އަދި އެ މިނިސްޓްރީން ފާއިތުވި ދުވަސްތަކުގައި ކޮށްފައިވާ މަސައްކަތްތައް އެ ޕްރެސްގައި އޭނާ ހިއްސާކުރެއްވި އެވެ.
ދިވެހި ބަހާއި ތަރިކައާ ބެހޭ ވުޒާރާގެ މުވައްޒަފުންތަކެއް ސޮއިކޮށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅި ޕެޓިޝަންގެ ކޮޕީއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އެ ޕެޓިޝަނުގައި ބުނެފައި ވަނީ އެ ވުޒާރާގެ މުވައްޒަފުންގެ ހައްގުތަކަށް ބެލުމެއް ނެތި ހަމަހަމަކަމުގެ އުސޫލުން ބޭރުން ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ބެލުމެއް ނެތި ގަނާ ކުރުމުގެ އުސޫލުން އެވަގުތަކު ބޭނުންވާ ފަރާތެއް ލައްވައި ބޭނުންވާ ކަމެއް އެ ވުޒާރާގެ ބައެއް ވެރީން ކުރަމުންދާ ކަމަށެވެ.
ޕެޓިޝަންގައި ފާހަގަކޮށްފައިވާ މައްސަލަތައް
• މީޓިންތަކަށް ސައި ތައްޔާރުކުރުމަކީ ސަޕޯޓް ސްޓާފުންގެ މަސައްކަތަކަށް ވިޔަސް "ބައެއް ބޭފުޅުންނަށް" ސައި ތައްޔާރުކުރާ ވަރަށް ވުރެ އެ މުވައްޒަފުން އެކަށީގެން ނުވާ ކަމަށް ބުނެ، އެޑްމިނިސްޓްރޭޓިވް ސްޓާފުން ލައްވައި ގަދަކަމުން ސައި ތައްޔާރުކުރުވުން.
• އެއް ލެވެލްއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މަސައްކަތް ހަވާލުކުރުމުގައި ތަފާތުކޮށް ވަކިވަކި މުވައްޒަފުންނަށް އިސްކަންދިނުން.
• ރަސްމީ މަސައްކަތު ވަގުތުގެ ބޭރުން ހަފުތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކުގައި ދުރާލައި އިންތިޒާމު ކުރުމެއް ނެތި ވަކި ހާއްސަ ހާލަތަކާ ނުލައި މުވައްޒަފުންނަށް ދަތިވާ ގޮތަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މުވައްޒަފުން އޮފީހަށް ނުކުތުމަށް މަޖުބޫރުކުރުން.
• ވަކިވަކި މުވައްޒަފުންނަށް ޒާތީ ގޮތުން ޖައްސާލުން.
• އޮފީހުގެ ރަސްމީ ގަޑީގައި މުވައްޒަފުން ނޫން މީހުން އޮފީހަށް ގެނެސް އޮފީހުގެ މަސައްކަތްތަކުގައި ޝާމިލުކޮށްގެން ގެންގުޅުން.
• ރިޕޯޓިން ހައިރާކީ އޮޅޭ ގޮތަށް މަސައްކަތް ހަވާލުކުރުން.
• ކޯޕަރޭޓް ޑިޕާޓްމަންޓުގެ ސިޔާސީ އިސް ބައެއް ބޭފުޅުންނާ އެކު، އެކްޓިން ޕީއެސް އިންނަވައިގެން އިސްލާމްދީނުގެ ހަމަތަކާއި ދިވެހިންގެ ރީތި އާދަތަކާއި ސަގާފަތަށް ބުރޫއަރާ ގޮތަށް އޮފީހުގެ އެހެން ބައެއް މުވައްޒަފުންގެ ސިފަޔާއި ބުރުސޫރައަށް މަލާމާތް ރައްދުވާ ގޮތަށް ނެތިމޮށުން.
• އޮފީހުގެ މުވައްޒަފުންނަށް ކުރެވޭ ކަހަލަ ބައެއް މަސައްކަތް ހަވާލުނުކޮށް ބޭރުން މީހުން ގެނެސްގެން ކުރުވުން.
• މުވައްޒަފުންނަށް އެނގުމަކާ ނުލައި، ވަކި ސަބަބެއް ބަޔާންކުރުމެއް ނެތި، ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން ވަކި ބޭފުޅަކު އަންގަވައިގެން ކަމަށް ބުނެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކުރުން.
• ގަވާއިދާ ހިލަފާށް އަމަލުކުރަން އެންގުމާއި އެ ކަހަލަ ކަންކަމުގެ ކަންހިނގާދިޔަ ގޮތުގެ ރިޕޯޓް ތައްޔާރުކުރުމަށް އެއްބާރުލުން ނުދިނުން.
• މިގޮތަށް އެކްޓިން ޕީއެސް ކުރައްވާ ހުރިހާ ކަމަކީ ސީދާ މިނިސްޓަރު ވިދާޅުވެގެން ކުރާ ކަމެއް ކަމަށް މުވައްޒަފުންނަށް އަންގައި ބިރުދައްކާ މަޖުބޫރުން ކަންކަން ކުރުވުން.