ޓޫރިޒަމް މިނިސްޓްރީން ހާމަކުރި މި އަހަރުގެ ތަފާސް ހިސާބްތައް ދައްކާ ގޮތުގައި މި އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ 52،081 ފަތުރުވެރިންނާއެކު ރަޝިއާއިން ކަމަށްވާއިރު، މާޗު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ޒިޔާރަތްކޮށްފައި ވަނީ 50،832 ފަތުރުވެރިންނެވެ.
ނަމަވެސް ރަޝިއާގެ ފަހަތުން ދެވަނައިގައި އޮތް ޔޫކޭ އިން މާޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 49،555 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މާޗު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެގައުމުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 44،597 ފަތުރުވެރިންނެވެ. އަދި ޔޫކޭގެ ފަހަތުން އޮތް އިންޑިއާއިން މާޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 46،154 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މާޗު މަހުގެ 23 ގެ ނިޔަލަށް އެ ގައުމުން ޒިޔާރަތް ކޮށްފައިވަނީ 41،559 ފަތުރުވެރިންނެވެ.
މިގޮތުން، ލަފާކުރެވޭ ގޮތުގައި މި ހަފްތާ ތެރޭގައި މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ލިސްޓުގެ އެއްވަނައިގައި އޮތް ރަޝިއާގެ މައްޗަށް ޔޫކޭ ކުރިހޯދައި، އެއްވަނަ އެގައުމަށް ވާނެއެވެ. އަދި ލިސްޓުގައި ރަޝިއާ ތިންވަނައަށް ވެއްޓި ދެވަނައަށް އިންޑިއާ އަރާނެ ކަމަށްވެސް ބެލެވެއެވެ.
ރާއްޖެއަށް މި އަހަރުގެ މާޗު 30 ގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ 10 ގައުމު:
ތަފާސް ހިސާބްތައް ދައްކާގޮތުން މި އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 427،677 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، އޭގެ ތެރެއިން 131،764 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޖެނުއަރީ މަހު ކަމަށް ޓޫރިޒަމް އިން ބުނެއެވެ. އަދި ފެބްރުއަރީ މަހު 149،008 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މާޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 146،905 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ރާއްޖެއަށް މިހާރު 27 އިންޓަނޭޝަނަލް ފްލައިޓެއް ދަތުރު ކުރަމުން އަންނައިރު، މި އަހަރު ނިމުމުގެ ކުރިން ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެގޮތުން މި އަމާޒަށް ވާސިލު ވެވޭނެކަމުގެ އުންމީދު އޮތްކަން ޓޫރިޒަމް މިނިސްޓަރު މައުސޫމްވެސް ވަނީ ހާމަކުރައްވާފައެވެ.
މިދިޔަ އަހަރު ރާއްޖެ އަންނާނެ ކަމަށް ޓޫރިޒަމްއިން ކަނޑައެޅި އަމާޒަށް ވާސިލުވެފައިވާއިރު، އަހަރު ނިންމާލާފައިވަނީ 1.32 މިލިއަން ފަތުރުވެރިންނާއެކުގައި ކަން ފާހަގަ ކޮށްލެވެއެވެ.