މިއަދު މާރުކޭޓުގައި ކަނޑޫދޫ މިރުސް 750 އަދި 800 ރުފިޔާއަށް ވިއްކަމުން އަންނައިރު، 100 ގްރާމް ވިއްކަމުން އަންނަނީ 75 ރުފިޔާ އާއި 80 ރުފިޔާއަށެވެ. އޭގެ ތެރެއިން 800 ރުފިޔާއަށް ކިލޯއެއް އަދި 100 ގްރާމް 80 ރުފިޔާއަށް ވިއްކަމުން އަންނަ ކަނޑޫދޫ މިރުހަކީ ލ.އަތޮޅުގައި ހައްދާ މިރުހެވެ.
ލޯކަލް މާރުކޭޓުން "ސީއެންއެމް" އާ ވާހަކަ ދެއްކި ވިޔަފާރިވެރިޔަކު ބުނީ، ކަނޑޫދޫ މިރުހަށް އިއްޔެއަށްވުރެ މިއަދު ޑިމާންޑު ބޮޑު ކަމަށާއި، އެގޮތުން އަގު އުފުލިގެންދިޔައީ މިރުސް ލިބުމުގައި ދިމާވެގެން އުޅޭ ދަތިތަކުގެ އިތުރުން ފަހުން ލިބުނު ޝިޕްމަންޓްގެ އަގުބޮޑުވުމުން ކަމަށެވެ.
މިގޮތުން، ލަފާކުރެވޭ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ކަނޑޫދޫ މިރުހަށް އޮތް ޑިމާންޑަށް ސަޕްލައި ނުކުރެވި، އަގު އިތުރަށް ބޮޑުވެގެންދާނެ ކަމަށް ސީއެންއެމްއާ ވާހަކަދެއްކި މީހާ ބުންޏެވެ. އޭނާ ބުނީ، މަސައްކަތް ކުރަނީ ވީހާވެސް ކުޑަ އަގެއްގައި ރައްޔިތުންނަށް މިރުސް ވިއްކަން ކަމަށާއި، ނަމަވެސް ދިމާވާ އެކި ދަތިތަކާއެކު އެމީހުންނަށްވެސް އަގުބޮޑު ކުރަން މަޖުބޫރު ވަނީ ކަމަށެވެ.
ރޯދަ މަސް ފެށުމުގެ ކުރިން ކަނޑޫދޫ މިރުސް ވިއްކަމުން ދިޔައީ ކިލޯއެއް 350 ރުފިޔާއަށެވެ. ކުރީ ރޯދަ މަސްތަކުގައި ކަނޑޫދޫ މިރުހެގެ އަގު 1،000 ރުފިޔާއަށްވުރެ މައްޗަށްވެސް އަރައިގެންދިޔައެވެ. އަދި މިއަދު ކިލޯއެއް 800 ރުފިޔާއަށް ހުރިއިރު، އިއްޔެ ކިލޯއެއް ވިއްކާފައި ވަނީ 600 ރުފިޔާ އާއި 700 ރުފިޔާއާ ދެމެދުގެ އަގެއްގައިކަން ފާހަގަކޮށްލެވެއެވެ.
ކަނޑޫދޫ މިރުހުގެ އިތުރުން މާރުކޭޓުގައި އިންޑިޔާ އާއި ލަންކާ އަދި ޔުގާންޑާ މިރުސްވެސް ލިބެން އެބަހުއްޓެވެ. އެގޮތުން ލަންކާ މިރުސް 100 ރުފިޔާއަށް ވިއްކަމުން އަންނައިރު، ޔުގާންޑާ މިރުސް ވިއްކަމުން އަންނަނީ 180 ރުފިޔާއަށެވެ.