ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
އިތުރު 14 ރިސޯޓެއް މި އަހަރު ހުޅުވަނީ
މިއަހަރު އަލަށް 14 ރިސޯޓެއް ހުޅުވަން ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު މިނިސްޓަރު މައުސޫމް މަޖިލީހަށް ހާޒިރުކޮށް، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުالله ރިޔާޒު ވަނީ ތ.އަތޮޅުން ރިސޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްތަކާއި ގުޅޭގޮތުން މިނިސްޓަރާއި ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުން ކަމަށާއި، އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. 

މިއާއެކު، ތ.އަތޮޅުން ފަތުރުވެރިކަން ތަރައްގީކުރުމަށް އިއުލާންކޮށްފައިވާ ރަށްތަކުގެ ތެރެއިން އެއް ރަށް ކަމަށްވާ އޮޅުފުށިން ބިޑް ލިބިފައިވާ ކަމަށާއި، އެހެންކަމުން އެ ރިސޯޓް ހުޅުވޭނެކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މީގެއިތުރުން، އޮޅުފުއްޓާއެކު ރިސޯޓް ތަރައްގީ ކުރުމަށް ހުޅުވާލި އެހެން ރަށްތަކުގެ ބިޑްތައް އިވެލުއޭޓް ކޮށް، އަންނަ މަހު އެ ރަށްތައް ހަވާލު ކުރެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު އަލަށް 14 ރިސޯޓެއް ހުޅުވޭއިރު، 3،742 ޓޫރިސްޓް އެނދުވެސް މާކެޓަށް ހުޅުވިގެންދާނެކަމަށާއި، އަދި އެ އެނދުތަކަކީ 'ޓްރިޕަލް ބެޑް' ގެ ގޮތުގައި ގުނާނަމަ އެ އަދަދު 5،600ށް އިތުރުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ނަމަވެސް މިދިޔަ އަހަރު ހުޅުވި ރިސޯޓުތަކާއި. މި އަހަރު ހުޅުވޭނެ ކަމަށް ލަފާކުރެވޭ ރިސޯޓުތަކުގެ ތެރޭގައި ތ.އަތޮޅުގެ އެއްވެސް ރިސޯޓެއް ނުހިމެނޭ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް