ads
ބޮޑުވަޒީރު ތޯމަސް ތަބާނެ (މ) އަދި މިހާރުގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެސަޔާ ތަބާނޭ (ވ) ގައި-- ފޮޓޯ: އޭއެފްޕީ
ލެސޯތޯ ބޮޑުވަޒީރުގެ ކުރީގެ އަނބިކަނބަލުން މަރާލިކަމުގެ ތުހުމަތު ފަސްޓް ލޭޑީއަށް!
ލެސޯތޯގެ ބޮޑުވަޒީރުގެ ކުރީގެ އަނބިކަނބަލުން މަރާލިކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ މިހާރުގެ އަނބިކަނބަލުންނާ ދައުވާ އުފުލަން ނިންމައިފި އެވެ.
Advertisement

ދެކުނު އެފްރިކާ ބައްރުގެ މި ގައުމުގެ ފުލުހުން ތަހުގީގު ފެށުމާއެކު މިހާރުގެ ފަސްޓް ލޭޑީ މެސަޔާ ތަބާނޭ އަމިއްލައަށް ވަނީ ފުލުހަށް ހާޒިރުވެވަޑައިގެންފަ އެވެ. 

ކުރީގެ އަނބިކަނބަލުން ލިޕޯލިއޯ ތަބާނޭގެ މަރާ ގުޅިގެން ބޮޑުވަޒީރު ތޯމަސް ތަބާނޭއާ ވެސް ފުލުހުން ވަނީ ސުވާލު ކުރައްވާފަ އެވެ. 

ލިޕޯލިއޯ ދިރިއުޅުނު ގޭގެ ބޭރުގައި ބަޑި ޖަހާ މަރާލާފައި ވަނީ ތޯމަސް މަގާމުގެ ހުވާ ކުރެއްވުމުގެ އެންމެ ދެ ދުވަސް ކުރިން 2017 ވަނަ އަހަރު އެވެ.

އޭރު ތޯމަސް އާއި ލިޕޯލިއޯ ވަރިވުމުގެ މައްސަލަ ދިޔެއީ ކޯޓުގައި ކުރިއަށެވެ. އެ ހަމަލާގެ ތުހުމަތު އެންމެ ފުރަތަމަ އެޅުވީ ގޭންގެއްގެ ބޮލު ގައެވެ. 

ނަމަވެސް ޕޮލިސް ކޮމިޝަނަރު ވަނީ އެ ތަހުގީގު އިތުރަށް ކުރިއަށް ގެންގޮސްފަ އެވެ. އަދި ތަހުގީގުން ލިބުނު މައުލޫމާތުގެ އަލީގައި އުމުރުން 42 އަހަރުގެ މެސަޔާ ހައްޔަރު ކުރުމުގެ އަމުރެއް ވަނީ ކޯޓުން ނެރިފަ އެވެ. 

ކޯޓު އަމުރު ނެރުނުއިރު، ޖެނުއަރީ 10 ވަނަ ދުވަހުން ފެށިގެން މެސަޔާ ވީނުވީތަނެއް އެނގިފައެއް ނުވެ އެވެ. އެހެންކަމުން ފުލުހުން ނިންމީ އޭނާ ފިއްލެވީ ކަމަށެވެ. 

އެކަމަކު ވަކީލުންނާއި ފުލުހުންނާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ދެކުނު އެފްރިކާ އާއި ލެސޯތޯ ގުޅޭ ބޯޑަރު ސަރަހައްދުން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. 

މެސަޔާގެ އިތުރުން ލެސޯތޯ އާއި ދެކުނު އެފްރިކާއަށް ނިސްބަތްވާ އިތުރު އަށް މީހަކާ ދެކޮޅަށް ވެސް އެ މައްސަލައާ ގުޅިގެން މަރުގެ ތުހުމަތު ކުރެވެ އެވެ. 

މިއަދުގެ ވަގުތެއްގައި އެމީހުންނާ ދެކޮޅަށް ކޯޓުގައި ދައުވާ އުފުލާނެ އެވެ. އަދި ކަފާލާތުގެ ދަށުން ދޫކުރަން އެދިއްޖެ ނަމަ، އެއާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

މި މައްސަލަ ފެންމަތިވުމާއެކު ލެސޯތޯގައި ދަނީ ބޮޑުވަޒީރު ތޯމަސް ތަބާނޭގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އެއާއެކު ޖެނުއަރީ 16 ގައި އެމަނިކުފާނު ވިދާޅުވީ އިސްތިއުފާ ދެއްވާނެ ކަމަށެވެ. ނަމަވެސް ވަކި ދުވަހެއް އިއުލާނެއް ނުކުރައްވަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް