ads
ލަންކާގެ ފިހާރައެއް ކައިރީ ކިއު ހަދައިގެން ތިބި ރައްޔިތުން
ލަންކާއިން ކާބޯތަކެތި ހުސްވެ، އެތައް ބަޔަކު ބަނޑަށް ޖެހިދާނެ!
ސްރީލަންކާ އަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާގެ ސަބަބުން އެގައުމުން ކާބޯތަކެތި ހުސްވެ، ގިނަ ބަޔަކު ބަނޑަށް ޖެހިދާނެ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ލަންކާއަށް ދިމާވެފައިވާ ކާރިސާގެ ސަބަބުން އެގައުމުގެ މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި، އެގައުމަށް ކާބޯތަކެތީގެ ކާރިސާއެއް ކުރިމަތި ވެދާނެ ކަމަށް ލަފާކޮށްފައި ވާއިރު، މިހާރުވެސް އެގައުމުގެ ގިނަ ފިހާރަތަކާއި މޯލްތަކުން ކެއުން ބުއިމަށް ބޭނުންވާ އަސާސީ ތަކެތި ވަނީ ހުސްވެފައެވެ. 

މީގެ އިތުރުން އެގައުމުން ހިކި ކިރާއި، ދިޔާ ކިރުގެ ބާވައްތައް މުޅިން ކަހަލަ ގޮތަކަށް ހުސްވެފައި ވާކަމަށާއި، މިކަމުގެ ސަބަބުން ޖީލެއް ނެތި ދިއުމުގެ ބިރު ހީވެފައި ވާކަމަށްވެސް ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ. 

ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާގެ ސަބަބުން އެގައުމުގެ ހާލަތު ބޮޑުތަނުން ދަށްވެ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ވަނީ މުޅިން ކަހަލަ ގޮތަކަށް ހުއްޓިފައެވެ. މީގެ އިތުރުން އެގައުމަށް ބޭނުންވާ ކައްކާ ގޭސް ނުލިބުމުގެ ސަބަބުން އެތައް ބަޔަކު އަންނަނީ ގޭސް ވިއްކަމުން އަންނަ ތަންތާ ދިގު އަދި ގިނަ ކިއުތަކެއް ހަދާފައެވެ. 

ލަންކާގެ ހާލަތު ގޯސްވެފައި ވާއިރު، އެގައުމުގެ ގިނަ ރައްޔިތުން އަންނަނީ އެގައުމުގެ ސަރުކާރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. އަދި މިއީ، ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ސަބަބުން އެގައުމަށް ދިމާވި ކާރިސާއެއް ކަމަށާއި، ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވަގުތުން އިސްތިއުފާ ދިނުމަށްވެސް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ. 

ބޭރު ފައިސާގެ ދަތިކަން ދިމާވެ ކާބޯތަކެއްޗާއި ބޭސް އަދި އެހެން ޒަރޫރީ ސާމާނު ލިބުން ދަތިވެފައިވާ ލަންކާގައި ތަކެތީގެ އަގު މަތިވިޔަ ނުދީ ހިފެހެއްޓުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް މީގެ ކުރިން ރައީސް ގޮތަބަޔަ ރާޖަޕަކްސަވަނީ އެއްބަސްވެ ވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް