ads
ފޮޓޯ: ގޫގަލް
ތިމާގެ ފުރާނައަށް ދޭން ޖެހޭ ކާނާ!
ﷲ ސުބުހާނަހޫ ވަތައާލާ އާދަމްގެފާނު ހެއްދެވީ ވެލީންނެވެ. ނުވަތަ މަށީންނެވެ. އިންސާނުންގެ ތެރެއިން އެންމެ ފުރަތަމަ އުފެއްދެވީ އާދަމްގެފާނެވެ. ތަކެތީގެ ތެރެއިން އެންމެ ފުރަތަމަ ހެއްދެވީ ގަލަމެވެ. މިދުނިޔެ އުފެއްދެވުމަށްފަހު މަލާއިކަތުންނާއި ޖިންނީން އެއިލާހު ވަނީ އުފައްދަވާފައެވެ. އެއިލާހު މަލާއިކަތުން އުފައްދަވާފައިވަނީ އެއިލާހުގެ އަމުރުފުޅުތައް ތަންފީޒުކުރުންމަތީ ދެމިތިބުމަށެވެ.

މަލާއިކަތްބޭކަލުން އުފައްދަވާފައިވަނީ އެއިލާހުގެ ނޫރުންނެވެ. އިންސާނުން ބޭނުންވާފަދަ ހުރިހާ ޖިސްމާނީ އެދުންތަކާއި އަރީޒާތަކުން އެއިލާހުވަނީ މަލާއިކަތުން ސަލާމަތްކުރައްވާފައެވެ. އެބޭކަލުން ރެއާއި ދުވާލު ﷲ ސުބުހާނަހޫ ވަތައާލާއަށް ތަސްބީހަކިޔައި ތަހްމީދުކޮށް ތިބެތެވެ. އަދި އެއިލާހުގެ އަމުރުފުޅުތައް ތަންފީޒުރެއްވުމުގައި ކިޔަމަންތެރިކަމާއެކު ތިއްބަވައެވެ. މަލާއިކަތުންގެ އަދަދު ގަދަކީރިތިވަންތަ ﷲ ތައާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގިގެން ނުވެއެވެ.

ދެންފަހެ މިދުނިޔެމަތީގައި އިންސާނުން ލެއްވުމަށް ގަދަ ކީރިތިވަންތަ ﷲ ސުބުހާނަހޫ ވަތައާލާ އިރާދަކުރެއްވި ހިނދު ދުނިޔޭގެ ބިމުން ވެލި ގެނައުމަށް އެއިލާހުގެ މަލާއިކަތުންނަށް އެންގެވިއެވެ. އެވެލީގެ ޒަރީއާއިން އެއިލާހު އާދަމް އަލައިއްސަލާމް އުފެއްދެވިއެވެ. އަދި އޭގެފަހުގައި ފުރާނަ އެޅުއްވިއެވެ. އަހަރެމެން އިންސާނުންގެ ދެރަ ނިކަމެތިކަމާއެވެ. ނެތުމުގެ ތެރެއިން ވެލީގެ ޒަރީއާއިން އަހަރެމެން އިންސާނުންގެ ހަށިގަނޑުގައި ލެއާއި، މަހާއި ކައްޓާއި، ދަތާއި، ނިޔަފައްޗާއި އިސްތަށްޓާއި އަދިވެސް ތަފާތު މާއްދާތަކެއް ވާގޮތަށް ހަލްގުކުރެއްވި ﷲ ސުބުހާނަހޫ ވަތައާލާގެ ކުޅަދުންވަންތަކަމާއެވެ.

އިންސާނުން އުފެދުނު ހާދިސާއިން ދަލީލު ލިބޭގޮތުގައި އިންސާނާގެ ހަށިގަނޑުގައިވަނީ ދެކަމެކެވެ. ނުވަތަ އެހެން އިބާރާތަކުން ބުނާނަމަ އިންސާނާ ބެހިގެންވަނީ ދެބަޔަކަށެވެ. އެއްބަޔަކީ އޭނާގެ ޖިސްމާނީ ހަށިގަނޑެވެ. އަނެއްބަޔަކީ އޭނާގެ ރޫހެވެ. (ފުރާނައެވެ). އިންސާނާގެ ހަށިގަނޑުގެ ހަމަޖެހުމަށް އަހަރެމެން ކިޔަނީ ރަނގަޅު ސިއްހަތެވެ. ރަނގަޅު ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ވަރަށް ގިނަ ކަންތައްތަކެއް ބޭނުންވެއެވެ. މިސާލަކަށް ކެޔުމާއި ބުއިމެވެ. ފެނެވެ. ސާފުތާހިރުކަމެވެ. އިންސާނާގެ ހަށިގަނޑަށް ބޭނުންވާ މިފަދަ ކަންތައްތައް ނެތިއްޖެނަމަ، އިސާހިތަކު އެ ހަށިގަނޑު ނިކަމެތިވެ، ބަލިކަށިވެ، ބަލިވެދާނެއެވެ. އަހަރެމެންގެ ޖިސްމާނީ ހަށިގަނޑަށް ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓަކައި ކާނާ ބޭނުންވާފަދައިން ރޫހާނީ ހަށިގަނޑަށްވެސް "ކާނާ" ބޭނުންވެއެވެ. އެކަމަކު އެއީ އަހަރެމެންނަށް ފެންނަ ކާނާއެއް ނޫނެވެ. އިންސާނާގެ ރޫހުގެ ނުވަތަ ފުރާނައިގެ ކާނާއަކީ ﷲ ސުބުހާނަހޫ ވަތައާލާއަށް އީމާންވުމުގެ ސަބަބުން ލިބޭ ދާއިމީ ހިތްހަމަޖެހުމެވެ. އަދި އެ ކާނާއަކީ އީމާންކަމުގެ ސަބަބުން އިހްސާސްކުރެވޭ ފޮނިކަމެކެވެ. އެއީ ހަމައެކަނި ﷲ ސުބުހާނަހޫ ވަތައާލާ ހަނދުމަކުރުމުން ލިބޭ ހިތްހަމަޖެހުމެކެވެ. އެހެން އެއްވެސްކަމަކުން އިންސާނާގެ ރޫހަށް ހަގީގީ ކާނާއެއް ނުލިބޭނެއެވެ. އިންސާނާއަށް ހަގީގީ ހިތްހަމަޖެހުމެއްވެސް ނުލިބޭނެއެވެ. ހަށިގަނޑު ފުރިހަމަ ސިއްހަތެއްގައި ބެހެއްޓުމަށްޓަކައި ހަށިގަނޑުގެ ޖިސްމާނީ އެދުންތައް ކިތަންމެ ގިނައިން ފުއްދަމުންދިޔަ ކަމުގައިވިޔަސް، އީމާންކަމުގެ ނޫރުން ހިތް އަލިވެ، އީމާންކަމުގެ ފޮނިކަމާއި ލައްޒަތު އިހްސާސްކުރެވިގެން ނޫނީ، ހަގީގީ ހިތްހަމަ ޖެހުމާ ހަމައަށް ވާސިލެއް ނުވެވޭނެއެވެ.

ހަށިގަނޑު ފުރިހަމަ ސިއްހަތެއްގައި ބެހެއްޓުމަށްޓަކައި ރަނގަޅު ކާނާ ކާންޖެހޭގޮތަށް، އިންސާނާގެ ރޫހާނީ ބާރު ގަދަކުރުމަށްޓަކައިވެސް "ކާނާ" ބޭނުންވެއެވެ. އެއީ އެންމެހާ ފާފަތަކުގެ ތޫނު ވަކިތަކުން ތިބާގެ ނަފްސު ސަލާމަތްކުރުމެވެ. އަދި ﷲ އަށް ކިޔަމަންތެރިވުމެވެ. އެއިލާހަށް އުރެދުމަށްވާ އެއްވެސްކަމެއްގައި ބައިވެރިނުވުމެވެ. އެއިލާހު އެންގެވިގޮތަށް ތިބާގެ ބަސްތަކާއި އަމަލުތައް ބައްޓަންކުރުމެވެ. އެއިލާހު އަމުރުކުރައްވާފައިވާ ކަންތައްތައް ކުރުމާއި ދުރުވުމަށް އަންގަވާފައިވާ ކަންތައްތަކުން ދުރުވުމެވެ. ﷲ ގެ މަގުގައި ސާބިތުކަމާއެކު ފަސްނުޖެހި ކުރިއަށް ދިޔުމެވެ. ﷲ އާ ގުޅުން ބަދަހިކުރުމެވެ. ނަމާދު ކުރުމާއި ތަގުވާވެރިވުމެވެ.
ކޮންމެ ފުރާނައަކަށްވެސް މިދުނިޔެމަތީގައި އެފުރާނަ އުފެއްދެވި ފަރާތުން ވަނީ އަޖަލެއް ކަނޑައަޅުއްވާފައެވެ. އަންނަން އޮތް ދުނިޔޭގައި ތިބާއަށް ހިތްހަމަޖެހުން ލިބޭނީ މިއަދު ތިބާގެ ފުރާނާއަށް "ކާނާ" ދީގެންނެވެ. ވެލިން އެއްވެސް ފާފައެއް ނެތި އުފެދިފައިވާ އަހަރެމެން އިންސާނުން ވެއްޔަށް އެނބުރިދަނީ ފާފަތަކައިގެންނެވެ. ތައުބާވެ ތިބާގެ ފުރާނައަށް އޭގެ ހައްގު ހޯދައިދޭށެވެ. އެފުރާނަ ހެއްދެވި ފަރާތުން އެފުރާނައަށްޓަކައި އަދާކުރުމަށް އަންގަވާފައިވާ ހައްގު އަދާކުރާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް