
މި މައްސަލަ އެލްޖީއޭއަށް ހުށައަޅާފައިވަނީ، ރާއްޖޭގައި ފުރަތަމަ ފައިބާ އޯޕަން އެކްސަސް ނެޓްވޯކް ގާއިމް ކުރި ފަންބޮނޑި މޯލްޑިވްސްއިންނެވެ.
އެކުންފުނިން އެލްޖީއަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެކުންފުނިންގެ ލ. ފޮނަދޫގައި ފައިބާ އޯޕަން އެކްސަސް ނެޓްވޯކެއް ގައިމް ކުރުމަށް ހުއްދަ ނުދިނުމަށް ނިންމި ނިންމުމަކީ ގާނޫނު އަސީސީން ލިބިދޭ ހައްގެއް ނިގުޅައިގަނެ ގާނޫނާއި ގަވައިދާއި ހިލާފަށް އެކުންސިލުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ފޮނަދޫ ކައުންސިލުން އެކުންފުންޏަށް ފޮނުވާފައިވާ ސިޓީގައި އެރަށުގައި މިހާރު ވެސް ތިން ފަރާތަކުން ފައިބާ އޯޕަން އެކްސަސް ނެޓްވޯކެއް ގާއިމްކޮށް ހިދުމަތް ދެމުންދާ ކަމަށް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ފަންބޮނޑި މޯލްޑިވްސް އިން އެލްޖީއޭއަށް ފޮނުވާ ސިޓީގައި ބުނެފައި ވަނީ އެރަށުގައި ހަމައެކަނި ފައިބަރ ނެޓްވޯކެއް ގާއިމްކޮށްފައި ވަނީ ދިރާގުން ކަމަށެވެ. އިތުރު ތިން ފަރާތަކުން ފައިބާ ނެޓްވޯކް ގާއިމްކޮށްފައިވާ ކަމަށް ބުނާ ބުނުމަކީ އަސްލެއް އަސާސެއްނެތް ކަމަށެވެ.
ފަންބޮނޑި މޯލްޑިވްސްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަން ފާތިމަތު އާސިޔާ ވިދާޅުވީ ފޮނަދޫ ކައުންސިލުން އެކުންފުންޏަށް ހުއްދަ ނުދިނުމަށް ނިންމާ ސިޓީ ފޮނުވާފައި ވަނީ ގާނޫނާއި ގަވައިދާއި ހިލާފަށް އުސޫލުން ބޭރުން ކަމަށެވެ. އަދި އެހެން ފަރާތްތަކަކަށް ހުއްދަދީފައި ވުމަކީ އެކުންފުންޏަށް ހުއްދަ ނުދީ ހިފެހެއްޓޭނެ ސަބަބެއް ނޫން ކަމަށެވެ.
މިކަމާއި ގުޅިގެން ފޮނަދޫއިން ވާހަކަ ދެއްކި މީހަކު ވެސް ބުނީ ދިރާގު ފިޔަވައި މިހާރު އެރަށުގައި ޓީވީ ހިދުމަތް ދިނުމަށް މިހާރު ބޭނުން ކުރަމުންދަނީ ވެސް ވަރަށް ކުރިން އެރަށުގައި ގާއިމް ކޮށްފައިވާ އާދައިގެ ނެޓްވޯކްތަކެއް ކަމަށާއި ދިރާގު ފިޔަވައި އިތުރު އެއްވެސް ބައެއް އެރަށުގައި އިންޓަނެޓް ވެސް ފޯރުކޮށްދެމުން ނުދާ ކަމަށެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ބޭނުން ކުރާ ފައިބާ އޯޕަން އެކްސަސް ނެޓްވޯތަކަކީ ޓެކްނޮލޮޖީގެ އެތައް ހިދުމަތްތަކެއް އެންމެ ކަނެކްސަނެއް މެދުވެރިކޮށް ލިބިދޭ ގޮތަށް ފަރުމާ ކޮށްފައިވާ އިންފްރާސްޓަކްޗަރ ނިޒާމެކެވެ.
ފަންބޮނޑިން ގެންދަނީ މިހާރު ވެސް އިތުރު ހަތް ރަށުގައި މިފަދަ ނެޓްވޯކް ތަކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.