މަސްވެރިންގެ ބައެއް ޝަކުވާ ތަކަކީ އަބަދުވެސް މަސްވެރިން ކުރަމުން އަންނަ ހުއްޓުމެއް ނެތް ޝަކުވާ ތަކެކެވެ. އަބަދުވެސް ރާއްޖޭގައި މަސްވެރިކަން ކުރެއެވެ. މަސްވެރިކަމުގެ ސިނާއަތު ރާއްޖެގައި ފުޅޭ ވެގެން އައީ 1990 ގެ ތެރޭގައިއެވެ. މި މަސއްކަތަކީ ތާއަބަދުމެ ދިވެހިން އާމްދަނީއަށް ކުރަމުން އައި މަސައްކަތެވެ. ދިވެހިންގެ ލޭނާރެވެ.
ނަމަވެސް ދުނިޔޭގެ އޮއިވަރުތަކުގެ ހަލުވި ދުވެލީގައި އެހެން ގައުމު ތަކެކޭ އެއް ފަދައިން ރާއްޖޭގެ އެކި އެކި ދާއިރާތައް ސަރުކާރުން ކުރި އަރުވަމުން ދާއިރު، މަސްވެރިކަމުގެ ދާއިރާ އަށް އިހުމާލު ވަމުންދާ ކަމީ މިއަދު ދިވެހި މަސްވެރިން އެކަމާ ކަންބޮޑުވާ ކަމެކެވެ. މަސްވެރިކަން ކުރި އަރަމުން ދަނީ އެއްވެސް ހަލުވި ކަމެއް ނެތް ބަރަވެލި ދުވެލިީގައި ކަަމަށް ބުނެ މަސްވެރިން އަބަދު ވެސް ޝަކުވާ ކުރެ އެވެ.
ގއ. ކަނޑުހުޅުދޫ ސީހޯސް ދޯނީގެ ކެޔޮޅު ރަޝީދު އަބުދުއްﷲ ވެސް ވަނީ ޝަކުވާ ތަކެއް ކޮށްފައެވެ. ހަގީގަތުގައި ހުރިހާ މަސްވެރިންގެވެސް ޝަކުވާ ތަކެވެ. ހުރިހާ މަސްވެރިންގެ ވެސް އިހުސާސް ތަކެވެ. ލަވައިގައި ބުނެފައި ވެއެވެ.
ލަވައި ގައި ބުނަނީ މަސްވެރިންނަކީ ދިވެހި ކަނޑުގައި ރިޒްގު ހޯދުމަށް ނުނިދައި މަސައްކަތް ކުރާ ބައެއް ކަމަށެވެ.
"ހޭ މިގައުމުގެ ވެރިންނޭ މި ޝަކުވާ އަޑު އަހާށޭ، އޭރު ކުރި ވައުދުގެ ޝަކުވާ އަޑު އަހާށޭ، އޭރު ކުރި ވައުދު ތަކުގެ ހަދާން ވެސް ކޮށްބަލާށޭ، ބުނެފައި ވާއިރު، ބޭނި މަސްކޮޅު ކިރޭނެ ގޮތެއް ނެތޭ، ވޭނުގައި އުޅެމުންދާ އަނބިދަރިން ހާދަ ޝަކުވާއެއް ތިމަންނާ މެންނާ ކުރެއޭ." ލައިވައިގައި ބުނެއެވެ.
"25 އާއި 30 ގުނާ އަދަދުން މަސްބާނާއިގެން އައިސް މަސްނުކިރި ކޫއްޑޫ ފަޅުގައި ތިބެންޖެހޭ އިރު، ހުސްވެ އަތްމަތި ދަތި ވަމުންނޭ ދަނީ. ގިސްލަމުން ހާލު މާޔޫސް ކުރޭ، ބޭނުވި މަސްކޮޅު ކިރުވުމަށް ހޭދަކުރަންޖެހޭ އެތައް ގަޑި އިރެއްދާއިރު، ބޭނި މަސްކޮޅު ނުކިރުވި، ދާން ޖެހެނީ ހުސް އަތާ "
އެވަގުތަކީ ހާދަ ހިތްދަތި ކުރުވާ ވޭނަކަށް ކަމަށް ރަޝީދުގެ ލަވައިގައި ބުނެފައި ވެއެވެ.
މަސްވެރިން ހުއްޓުމެއްނެތި މިފަދައިން ޝަކުވާ ކުރަމުންދާ އިރު، ސަރުކާރުން ބުނަމުންދަނީ ޝަކުވާތަކުގެ އަޑު އަހާ ކަމަށެވެ. ނަމަވެސް ދޭތެރެ ތޭރެއިން ފެންނަމުންދާ މަންޒަރު ތަކުންވެސް މަސްވެރިންގެ ޝަކުވާތަކާއި އުދާސް ތަކުގެ އަޑު އަހަމުންދާ މަންޒަރެއް ފެންނަމުންނެއް ނުދެއެވެ. މީގެ ތިންމަސް ދުވަސް ކުރިންވެސް ވެސް މަސްވެރިންވަނީ އެމީހުން ބާނާ މަސްކޮޅު ނުކިރި އެއްލާލަންޖެހި ކޫއްޑޫ ފަޅުގައި މުޒާހަރާ ކޮށްފައެވެ.
މީގެ ތިންމަސް ކުރިން މަސްނުކިރި އޮތް އޮތުން ހައްލުވެގެން ދިޔައީ މަސްވެރިކަން ދަށަށް ދިޔައީމަވެ. ނަމަވެސް ތިންމަސް ފަހަނަ އަޅައި އެދުވަސް އިޔާދަވީ މަސްވެރިކަން ރަނގަޅުވެ މަސްބޭނެން ފެށީމައެވެ. ކަނޑު ރޯދިން ލިބޭ ރިޒުގު މި ގޮތަށް ކޮންޓްރޯލް ކުރުމުން ލިބޭ ފައިދާ އަށްވުރެ ލިބޭ ގެއްލުން ބޮޑު ކަމަށް މަސްވެރީން ބުނެއެވެ.
ނަމަވެސް ކޮންމެ ވެސް ވަރަކަށް އެދުވަސް ކޮޅު އައިސްވެސް ކޫއްޑޫ އިން ލިބުނު ކަމަށާއި، އޭގެ ސަބަބުން މަސް އުކާލަން ނުޖެހުނު ކަމުގައިވިޔަސް މަޑު ކޮށްގެން ތިބެން ޖެހި ފާއިތުވެގެން ދިޔަ ވަގުތަކީ އަނބުރާ ލިބޭނެ ވަގުތެއް ނޫން ކަމަށް ރަޝީދު ބުންޏެވެ. މަސްވެރިންނަށް އަބަދު ކަނޑުގެ ރޯދި ނުލިބޭނެ އެވެ. އެއީ ބައެއް މޫސުން ތަކުގައި ލިބޭ އެއްޗެއް ކަން ހަމަ އެކަނި އެނގޭނީ މަސްވެރިން ނަށެވެ. އޭގެ ދަތި ކަމާއި އުދަނގޫ އިހުސާސް ވާނީ ވެސް ހަމައެކަނި މަސްވެރިންނަށެވެ.
މިއީވެސް އެ އަތޮޅުގެ ބައެއް މަސްވެރިންގެ އަޑެވެ. އެ މަސްވެރިންގެ އާދޭހެވެ. ކަނުލައި އަޑު އަހާ ބައެއް ނެތި އެވެރިންވެސް ގޮވާ ގޮވުމެވެ.
މިއަދުވެސް ކޫއްޑޫ މަސްވެރިންނަށް ބޭނުންވާ ކެޕޭސިޓީ ނެތްކަމަށް މަސްވެރިން ބުނެއެވެ. އަދި މަސްތައް ކިރުން އޭރު ކޮންޓްރޯލް ކޮށް ފައިވީ ކެޕޭސިޓީ ނެތިގެން ކަމަށް ކޫއްޑޫ އިން ވެސް ވަނީ ބުނެފައެވެ.
މަސްވެރިކަން ރަނގަޅުވެ ބާނާ މަސްކޮޅު އެއްލާލާ ދަރަޖަ އަށް ގައުމުގެ ހާލަތު ގޮސް އެތައްގަޑި އިރު ވަންދެން ކިއުގައިތިބޭ ހާލަތަށް މަސްވެރިކަން ވެއްޓުނީމަ ގައުމު ތަރައްގީ ވީތޯއެވެ؟ މިއީ ހައްތާވެސް އުފެދޭ ސުވާލު ތަކެވެ. ވެހޭހާ ވާރެއަކާއި ގަދަ އަވީގައި ލޯބޯ ފިއްސައިގެން މަސްވެރިން ބާނާ މަސްތައް އުކާލާ މަންޒަރު ސޯޝަލް މީޑިއާގެ ބައެއް ޕޭޖު ތަކުގައި ދައުރު ވަމުންދާއިރު، ހެވިފައި ދުރުގައި ބަލަން ތިބެން ފަސޭހަ ވެދާނެއެވެ. ނަމަވެސް މިއީ ބައެއްގެ ހާދަ ބުރަ މަސައްކަތެއް ކަމަށް ވިސްނައިގެން ކޭމްޕޭން ތަކުގައި ކުރަމުންދާ ވައުދު ފުއްދުމަށް މަސްވެރިން ގޮވާގޮވުމުގެ އަޑު ކަމާބެހޭ މުއައްސަސާ ތަކުން އަޑު އަހަމާ ހިގާށެވެ.
މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ކޫއްޑޫއަށް އިތުރު ކެޕޭސިޓީ ހޯދައި ދިނުމަކީ ޒިންމާވާން ވާންޖެހޭ ފަރާތްތަކުގެ ޒިންމާއެކެވެ.
މި ހުރިހާ ޝަކުވާތަކާއި އުދާސް ތަކުގެ ތެރެއިން މަސްވެރިއެއްގެ ޝުއޫރުތައް ރަޝީދު ގެނެސްދިނީ ތަފާތު ކޮށެވެ. ކޫއްޑޫ ފަޅުގައި ހޭދަކުރަން ޖެހުނު 36 ގަޑި އިރު އޭނާ ސިފަކުރީ ލަވައަކުންނެވެ. ކޮންމެ މަސްވެރި އެއްގެވެސް މަސްވެރި ކަމުގެ ހަޔާތުގައި އެންމެ ހިތް ދަތިވާ ވަގުތަކަށް ވާނީ ގިނަ އަދަދަކަށް މަސް ބާނައި އެމަސް ނުކިރި އޭގެ ހަމަ އަގު ނުލިބި ވަގުތު ތައް ބޭކާރު ކުރެވޭ ހާލަތަށް ކަންކަން ދިޔައިމެވެ.
36 ގަޑި އިރު ދޯނި ކޫއްޑޫ ފަޅުގައި އޮވެ، ހޭދަވެގެންދިޔަ ވަގުތު ރަޝީދު އަމިއްލަ އަތުން ލިޔެ، ފޮޓޯ އާއި، ލަވައިގެ ވީޑިއޯ މަސްވެރިންގެ ޕޭޖުން ހަދާފައިވާ، އަދި ލަވަކިއުންތެރިއާ އަހުމަދު ޝިފާއު އަޑުން ކިޔާފައިވާ އަސަރުގަދަ، މަސްވެރިންގެ އިހުސާސް ތައް އަންގައިދޭ ލަވައަކީ ހުރިހާ މަސްވެރިންވެސް ސަރުކާރަށް ދޭން ބޭނުންވާ ބޭނުންވާ މެސެޖެވެ. އެ ފަރާތް ތަކުގެ ހިތުގެ ޝުއޫރެވެ.
މިއަދު ރަޝީދު ފަދަ އެތައް ކެޔޮޅަކު އެބަތިއްބެވެ. އެންމެންނަކީ ލަވައިން އިހުސާސް ތައް ބޭރު ކުރާނެ ފަރާތައް ނޫން ކަމުގައި ވިޔަސް އެ ފަދަ ކޮންމެ ކެޔޮޅުކުވެސް އަދި ކޮންމެ ފަޅުވެރިޔަކުވެސް އެ ތިބީ އެ އުދަނގޫ ހާލަތުން އަރައިގަނެވޭނެ ގޮތެއް ނެތިފައެވެ. ހަމަ އަގު ހޯދުމަށް ދާނެ ވަކި ކޮޅެއް ނޭގިފައެވެ. މަސްވެރިކަން ރަނގަޅުވާ ހިސާބުން މަސްކިރުވުން ކޮންޓްރޯލް ވެގެން ދެއެވެ.
ރަޝީދު ފަދަ އެތައް ކެޔޮޅުން ތިބި އިރު، އެފަދަ ކޮންމެ ކެޔޮޅަކުވެސް އާދޭސް ކުރަމުން އެދަނީ ބާނާ މަހަށް ހަމަ އަގު ހޯދައިދީ ދިނުމަށެވެ.