ads
ފުލުހުން މަގުމަތީ ޕެޓްރޯލް ކުރަނީ
ޓްރޭނިން ސްކޫލެއްގައި ދުއްވަން ޖެހޭ ގޮތަށް ގަވައިދަށް ގެނައި ބަދަލު އުވާލައިފި
ޑްރައިވިންގް ސްކޫލަށް ގޮސްގެން ނޫނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނުލިބޭ ގޮތަށް ގަވައިދަށް ގެނައި ބަދަލު ޓްރާންސްޕޯޓް މިނިސްޓްރީން އުވާލައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން އާންމުކޮށްފައިވާ ގަވާއިދުގައި ވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމުގެ ކުރިން ޑްރައިވިން ސްކޫލެއްގައި ވަކި ވަގުތެއް ވަންދެން ދުއްވަން ދަސްކުރަން ލާޒިމުވާ ގޮތަށް ހަމަޖައްސާފަ އެވެ. 

އެ ގަވާއިދުގައި އިތުރަށް ބުނެފައިވަނީ، ދުއްވަން ދަސްކުރާ މީހުން އެ ވަރަށް ދުއްވަން ދަސްކުރިތޯ ޑްރައިވިން ސްކޫލްތަކުން ކަށަވަރު ކުރަން ޖެހޭނެ ކަމަށާއި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދަން ހުށަހަޅާއިރު އެކަމުގެ ރެކޯޑްތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ. 

އޭގެ އިތުރުން ސައިކަލެއް ނަމަ މަދުވެގެން 40 ގަޑިއިރު ވަންދެން ޑްރައިވިން ސްކޫލްގައި ދުއްވަން ދަސް ކުރަން ޖެހޭއިރު، ކާރާއި ޕިކަޕް ފަދަ އުޅަނދުތައް ދުއްވަން ދަސް ކުރުމުގައި މަދުވެގެން 30 ގަޑިއިރު ހަމަކުރަން ޖެހެ އެވެ. އެ ނޫން ބާވަތުގެ އުޅަނދުތައް ދުއްވަން ދަސްކުރުމުގައި ހަމަ ކުރަން ޖެހެނީ 25 ގަޑިއިރު ކަމަށް އެ ގަވާއިދުގައި ބުނެފައި ވާއިރު، ޑްރައިވިން ސުކޫލަކަށް ކޮންމެ ކެޓެގަރީއަކަށް ނެގޭނީ އެންމެ ބޮޑުވެގެން 1500 ރުފިޔާ ކަމަށްވެސް ގަވައިދުގައި ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ މިނިސްޓްރީން ނިންމި ނިންމުން ބަދަލުކޮށް ކުރިން ހުރި އުސޫލުގެ ދަށުން ލައިސަންސް ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުޅުވާލާފައެވެ. މިއާއި އެކު އެއްގަމު ލައިސަންސް ނަގާއިރު، ޑްރިވިން ސުކޫލެއްގައި ދެން ބައިވެރިވާން ނުޖެހޭނެއެވެ. 

މި ނިންމުމާއި އެކު މީގެ ކުރިން ލައިސަންސް ނެގޭ ގޮތަށް އޮންނަ އުސޫލުގެ މަތިން، ދުއްވަން އެނގޭނަމަ، ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ތިއަރީ ޓެސްޓާއި، ޑްރައިވިންގް ޓެސްޓު ފުރިހަމަ ވުމުންން އެފަރާތަކަށް ލައިސަންސް ލިބިގެން ދާނެއެވެ،

މީގެ އިތުރުން ކުރިން އެ މިނިސްޓްރީން ވަނީ ޑްރައިވިން ސުކޫލްގައި އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތައްވެސް ވަކި ހާއްސަ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރަންޖެހޭ ގޮތަށް ގަވައިދަށް އިސްލާހު ގެނެސްފައެވެ. އެހެން ނަމަވެސް އެ ނިންމުން ފަސްކޮށް އެ ނިންމުމަށް އަމަލު ކުރުން ދެ މަސް ދުވަހުގެ މުއްދަތަކަށް އެ މިނިސްޓްރީން ވަނީ ފަސްކޮށްފައެވެ. 

އެ މިނިސްޓްރީން އެ ނިންމުންތައް ބަދަލުކޮށް ލުއިތަކެއް ދީފައި ވާއިރު، މީގެ ކުރިން މިނިސްޓްރީން ނިންމި ނިންމުމާއި ގުޅިގެން އެތައް ބައެއް ވަނީ އެކަމާއި މެދު ނުރުހުން ފާޅުކޮށްފައެވެ. އަދި އެގޮތަށް މިނިސްޓްރީން ނިންމީ ވަކި ބަޔަކަށް މަންފާ ހޯދައިދިނުމުގެ ބޭނުމުގައި ކަމަށްވެސް ނުރުހުން ފާޅު ކުރި މީހުން ވަނީ ބުނެފައެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް