ads
މުލީ ހޮސްޕިޓަލް——ފޮޓޯ:އަހްމަދު ސާކިފް/ސީއެންއެމް
މުލީ ހޮސްޕިޓަލުގައި 40 އެއްހާ ފުރާޅު، ވާރޭ ހިޔާވާނެ ގޮތެއް ނެތް!
ރައްޔިތުންގެ މަޖިލީހަށް މިއަދު ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ ހާޒިރުކުރައްވާފައެވެ. މެމްބަރުންނަށް ސުވާލުކުރައްވަން ލިބުނު ފުރުސަތުގައި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވަނީ، މ. މުލީ ހޮސްޕިޓަލުގެ އެކްސްޓެންޝަން މަސައްކަތް ފެށޭނެ ތާރީހެއް ސާފުކޮށްދިނުމަށް އެދިފައެވެ.
Advertisement

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ހޮސްޕިޓަލުގެ މަސައްކަތް އަމާޒުކޮށްފައިވަނީ މިއަހަރުގެ ތާޑު ކުއާޓާއަށް ކަމަށާއި އެހެންކަމުން މިއަހަރުތެރޭ އެ މަސައްކަތް ފަށާނެ ކަމަށެވެ. މުލީ ހޮސްޕިޓަލާއި ބެހޭގޮތުން އިތުރަށް ވާހަކަ ކުރިއަށް ގެންދަވަމުން މިނިސްޓަރު ވިދާޅުވީ، މުލީ ހޮސްޕިޓަލުގައި މިހާރު އޮތީ 40 އެއްހާ ފުރާޅުކަމަށާއި، ވާރޭ ހިޔާވާނެ ގޮތެއް ވެސް ނެތްކަމަށެވެ. އަދި އެއިން ކޮންމެ ފުރާޅެއްގެ ދަށުން ފެން ލީކުވަމުންދާ ކަމަށެވެ. 

"މުލީގެ ހޮސްޕިޓަލު އެގިވަޑައިގަންނަވާނެ މީހާރު ހުރީ 40 އެއްހާ ފުރާޅު. އެއިން ކޮންމެ ފުރާޅެއް ތެރެއިން އެބަ ލީކުވޭ. އެހެންވީމަ އަޅުގަނޑުމެން ޖެހޭނީ ވަރަށް ބޮޑު ބަދަލުތަކެއް އެތަނަށް ގެންނަން އެހެންނޫނަމަ އެތަނުން ވާރޭ ހިޔާވާނެ އެއްވެސް ގޮތެއް ނެތް. އެއީ އެތިކޮޅުކޮޅުން އެތިކޮޅުކޮޅުން އިތުރުކުރަމުން އިތުރުކުރަމުން ގޮސް ވެފައި ހުރި ގޮތެއް." މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ މި ސަރުކާރުގެ ފަރާތުން ރަށްރަށުގައި ހަދަމުންދާ ހޮސްޕިޓަލުތަކުގައި އިރާދަކުރެއްވިއްޔާ އިތުރު ފުރާޅާއި އެކްސްޓެންޝަން ނުލާ 2040 އާއި ހަމަޔަށް ބޭނުންކުރެވޭނެ ކަމަށެވެ. 

ގާތްގަނޑަކަށް 32 އަހަރުވެފައިވާ މުލީ ރީޖަނަލް ހޮސްޕިޓަލަކީ އެއަތޮޅުގެ ގިނަ ރައްޔިތުންތަކެއް ހިދުމަތް ހޯދަމުންދާ ތަނެކެވެ.

މުލީ ހޮސްޕިޓަލުގައި 40 އެއްހާ ފުރާޅު އޮތްކަމަށް މިނިސްޓަރު ސިފަކުރެއްވި ސަބަބާއި ބެހޭގޮތުން އެ ރަށު ކައުންސިލް ނައިބު ރައީސް އަހްމަދު ސާކިފް އާއި "ސީއެންއެމް" އިން ސުވާލުކޮށްލުމުން ވިދާޅުވީ، އެ ހޮސްޕިޓަލަކީ އެކި ފަހަރުމަތިން ޓިކޮޅުކޮޅު ގުޅުވަމުން އެކިތަންތަންކޮޅުން ހިޔާކޮށްފައިވާ ހޮސްޕިޓަލެއް ކަމަށެވެ. އެހެންކަމުން ގިނަ މީހުންވެސް ސިފަކުރަނީ އެ ހޮސްޕިޓަލަކީ ފުރާޅު ގިނަ ހޮސްޕިޓަލެއްގެ ގޮތުގައި ކަމަށެވެ. މިނިސްޓަރު ވެސް 40 އެއްހާ ފުރާޅު އޮތްކަމަށް އެ ސިފަކުރެއްވީ އެކަން ސިފަކުރެއްވުމަށް ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ގިނަ މީހުން ސިފަކުރާނެ އެގޮތަށް އެއީ ވަކިތަންތަންކޮޅުން ފުރާޅު އަޅާފަ ހުރީމަ. ގިނަކަން ސިފަކުރަން ހެން އަޅުގަނޑަށް ބޮޑަށް ހީވަނީ މިނިސްޓަރު އެގޮތަށް އެ ސިފަކުރެއްވީ. 40 އެއްހާ އެއް ނޫން އެކަމަކު ވަރަށް ގިނަ ވާނެ. ގާތްގަނޑަކަށް އަށްވަރަކަށް ފުރާޅުން ކަންނޭނގެ ހިޔާކޮށްފަ އޮތީ. އެކަަމަކު އެވިދާޅުވި ގޮތަށް ވާރެކޮޅެއް ވެހިލާފިނަމަ ލީކުވޭ އެކި ތަންތަނުން" ސާކިފް ވިދާޅުވިއެވެ.

ހޮސްޕިޓަލުގެ ހާލަތު ދަށް ކޮށް އޮންނަތާ މިހާރު އަށް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައިވެސް ހެލްތު މިނިސްޓަރު ނަސީމް އާއި ބައްދަލުކޮށް މަޝްވަރާކުރައްވާފައިވާނެ ކަމަށް ސާކިފް ވިދާޅުވިއެވެ. އަދި މިއަހަރު އެމަސައްކަތް ނިމޭނެ ކަމުގެ ޔަގީނަކަން ދެއްވި ކަމަށް ސާކިފް ވިދާޅުވިއެވެ. 

މުލީ ހޮސްޕިޓަލުގައި މިހާރުވެސް ވާރެކޮޅެއް ވެހިލާފިނަމަ ހިޔާވާނެ ގޮތެއް ނެތެވެ. ޑެންޓިސްޓް ޗެއަވެސް ހަލާކުވެފައި ހުންނަތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. އެ ހޮސްޕިޓަލަކީ ރީޖަނަލް ހޮސްޕިޓަލަަކަށްވާއިރު، އަދި ގިނަ ބަޔަކު ހިދުމަތް ހޯދާތަނަކަށް ވާއިރު ހޮސްޕިޓަލުގެ ހާލަތު ވަރަށް ބޮޑަށް އެފަދަ ހޮސްޕިޓަލަކާއި ނުބައްދަލު ކަމަށް ސާކިފް ވިދާޅުވިއެވެ. 

"ހޮސްޕިޓަލުގެ ހާލަތު ވަރަށް ދަށް ކޮށް އޮންނަތާ މިހާރު ގާތްގަނޑަކަށް އަށް އަހަރު މިވަނީ. އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތްކަމެއް އެއީ ރަނގަޅު ފެންވަރުގެ ޑޮކްޓަރުން ނުލިބުންވެސް. މިކަންކަން އަޅުގަނޑުމެން ވާނީ މިނިސްޓަރާއި ހިއްސާކޮށްފަ ވަރަށް ފަހުން. މިނިސްޓަރު ވިދާޅުވި މިއަހަރުތެރޭ ހޮސްޕިޓަލު އިމާރާތުގެ މަސައްކަތް ފައްޓަވާނެ ކަމަށް" ސާކިފް ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފަށަން ނިންމާފައިވާއިރު، މުލީގައި ނިންމާފައިއޮތީ އާ ހޮސްޕިޓަލެއް އިމާރާތް ކުރުމަށެވެ. އަދި އެ ހޮސްޕިޓަލަކީ 2040ވަނަ އަހަރާއި ހަމަޔަށް ކުދިކުދި މަރާމާތު ގެންނަން ނުޖެހި ސަލާމަތްވާނެ ހޮސްޕިޓަލެއް ކަމަށް މިއަދު މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. އަދި އެ ހޮސްޕިޓަލުގެ ޑިޒައިން ދާއިރާގެ މެމްބަރާއި ހަވާލުކުރައްވާނެ ކަމަށް ނަސީމް ވިދާޅުވިއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް