ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ އަދަދަދާއި، ފައިސާ ލިބޭ ޕާޓީތައް ބަޖެޓުގައި އިލެކްޝަން ކޮމިޝަނުން ހިމަނަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޕާޓީތަކުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންގެ އަދަދަށް ބަލައިގެންނެވެ. ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ މަދުވެގެން 10،000 މެމްބަރުން އެހާތަނަށް ހަަމަވެފައިވާ ޕާޓީތަކަށެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލު "ސީއެންއެމް" އަށް ވިދާޅުވީ، 5000 އެއްހާ މެމްބަރުން މަދުވެފައިވާކަން ފާހަގަކުރެވުނީ މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން ޕީޕީއެމްގައި ރަޖިސްޓްރީ ކޮށްފައިވާ މެމްބަރުންގެ ލިސްޓު މަދުވަމުންދާކަން ފާހަގަކުރެވިގެން ބެލިބެލުމުން ކަމަށެވެ.
އެގޮތުން އޮކްޓޫބަރު މަހު އެކަނިވެސް 2000 އެއްހާ މެމްބަރުން ލިސްޓުން މަދުވެފައިވާ ކަމަށާއި، ޖެހިގެން އައި ނޮވެމްބަރާއި، ޑިސެމްބަރުވެސް ގިނަ އަދަދެއްގެ މެމްބަރުން ޕާޓީން މަދުވެފައިވާކަން ބެލިބެލުމުން ފާހަަގަކުރެވުނު ކަމަށެވެ. އެގޮތަށް މިހާތަަނަށް 5000 އެއްހާ މެމްބަރުން މަދުވެފައިވާކަމަށް ލިސްޓުން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ޕީޕީއެމް މެމްބަރުންގެ ލިސްޓުގައި 15 ފެބުރުވަރީ 2022ގެ ނިޔަލަށް ޕާޓީގައި މެންބަރުން ތިބި އަދަދުގެ ގޮތުގައި ދައްކަނީ 34368 އެވެ. ތޮލާލު ވިދާޅުވީ، ޕީޕީއެމްއިން ބަލަހައްޓާ ދަފްތަރުގައި 60،000 އަދި އިލްކްޝަނަށް ހުށަހަޅާފައިވާ އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި 40،000 މެމްބަރުން ތިބެން ޖެހޭނެ ކަމަށެވެ.
ތޮލާލު ވިދާޅުވީ، ޕާޓީން އުނިވި މެމްބަރުންނަށް ގުޅައިގެން ބެލިބެލުމުން އެމީހުން ބުނެފައިވަނީ ޕީޕީއެމްއިން ވަކި ނުވާކަމަށް ކަމަށާއި، އިތުރު ޕާޓީއަކަށްވެސް ސޮއިކޮށްފައި ނުވާނެކަމަށް ކަމަށެވެ. އެހެންކަމުން އެޕާޓީގެ މެމްބަރުން ވަގަށް ނެގި ޕާޓީތަކާއި މެދު ފިޔަވަޅު އަޅައި ޖޫރިމަނާކުރަންވެސް ޖެހޭނެކަމަށް ތޮލާލު ވިދާޅުވިއެވެ.
އެ ޕާޓީން މެމްބަރުން ވަގަށް ނެގި ކަމުގެ ތުުހުމަތު ރައްދުވާ ޕާޓީތަކުގެ ނަންތައް ހާމަކުރަން ބޭނުން ނުވިނަމަވެސް އޭނާ ވިދާޅުވީ، ޕާޓީން ބެލިބެލުމުން ޕާޓީގައި ކައުންސިލު މެމްބަރުންނަށް ދަންދެން އެ ޕާޓީތަކަށް ގެންގޮސްފައި އެބަހުރި ކަމަށެވެ. އެގޮތުން ނަން ހާމަކުރަން ބޭނުންނުވާ ތިން ޕާޓީއެއްގެ ނަން ފާހަގަކުރެއްވިއެވެ.
ތޮލާލު ވިދާޅުވީ ވަގަށް ޕާޓީތަކުން މެމްބަރުން ފަސޭހަ ކަމާއިއެކު ގެންދެވެނީ އީސީގައި ފިންގަޕްރިންޓް ވެރިފައި ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުމުން ކަމަށެވެ. ތޮލާލް ވަނީ 5000 އެއްހާ މެމްބަރުން އެހެން ޕާޓީތަކުން ވަގަށް ގެންގޮސްފައިވާއިރު، އެކަން އިލެކްޝަން ކޮމިޝަނުން ބަލާ އެކަން ކުރި ޕާޓީތަކާއިމެދު ފިޔަވަޅު އަޅުމަށް ގޮވާލާ އީސީއަށް ޓެގްކޮށް ޓްވީޓްވެސް ކުރައްވާފައެވެ.
ޕީޕީއެމް ގިނަ އަދަދެއްގެ މެމްބަރުން ވަަގަށް ނަގާފައިވާކަމަށް އެ ޕާޓީން ތުހުމަތުކުރިއިރު، ވަރަށް ފަހުން އެމްއާރްއެމްއިންވެސް ވަނީ އެމީހުންގެ ޕާޓީގެ މެމްބަރުން ވަގަށް ނެގި ކަމުގެ ތުހުމަތު ކޮށްފައެވެ. އެ ޕާޓީން މެމްބަރުން ވަގަށް ނެގި ކަމަށް ތުހުމަތުކުރީ އަލަށް އުފެދުނު އެމްއެންޕީ އަށެވެ. ނަމަވެސް އެމްއެންޕީން އެކަން ދޮގުކުރެއެވެ.
ބޮޑެތި ސިޔާސީ ޕާޓީތަކުގައި މެމްބަރުން ތިބި އަދަދު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ): 54782
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް: 34368
ޖުމްހޫރީ ޕާޓީ(ޖޭޕީ): 20139
އަދާލަތު ޕާޓީ 10589
މޯލްޑިވްސް ރިޕޯމް މޫމްވްމެންޓް(އެމްއާރްއެމް) 2302
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) 8432
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) 6769
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) 3477