ads
އަހުމަދު ރާއިއު ބަޝީރު ގުރުއާން މުބާރާތެއްގައި ގުރުއާން ކިޔަވަނީ...
ފުވައްމުލަކުގައި ތަރާވީސް ކުރާ 13 އަހަރުގެ ރާއިއު އެދެނީ މިސްކިތުގައި ސަކަރާތް ނުޖަހަން!
އިލްމަކީ ވަކި އުމުރަކަށް ވަކި މީހަކަށް ހާއްސަ އެއްޗެއް ނޫނެވެ. އެކި މީހުންނަށް އެކި ވަރަށް އިލްމު ދެއްވާފައި ވާއިރު، އިލްމުގެ ކަނޑުން އިންސާނުންނަށް ލިބިފައިވަނީ އެންމެ ޒައްރެއްގެ މިންވަރެވެ. އެހެން ނަމަވެސް އިލްމުގެ މުހިންމު ކަން އެނގިގެންދާ އެންމެ ބޮޑު އެއް ހެއްކަކީ އެކަލާނގެ ވަހީބަސްފުޅެވެ. އަދި އެކަލާނގެ މަލާއިކަތުންގެ ވާހަކަ ޒިކުރު ކުރައްވައި ތިން ވަނައަށް އިލްމުގެ އަހުލުވެރިންގެ ވާހަކަ ވަހީކުރައްވާފައި ވެއެވެ. އިލްމާއި އެއްވަރަށް ހުނަރު ލިބިއްޖެ މީހަކީ ކާމިޔާބު ވެދާނެ މީހެކެވެ. އެ ކަމުގައި ވަކި އުމުރެއް ވަކި މީހެއް އިސްތިސްނާ ނުވެއެވެ.

ލިބުނު ފުރަތަމަ ދަރިފުޅަށް ގުރުއާނުގެ އިލްމުން އާރޯކަން ހޯދުމަށް ގަދައަޅާ މަސައްކަތް ކުރަމުންދާ ސ. ހިތަދޫ (ފިންލޭންޑް) ނަންދާ ޒުބައިރު އާއި ޏ. ފުއައްމުލައް (ރަޔާން) ހަސަން ބަޝީރުގެ އުއްމީދުގެ އަލިކަމުގައި ކުލަ ޖެއްސުމަށް ދަރިފުޅު އަހުމަދު ރާއިއު ބަޝީރު ދަނީ ގަދައަޅާ މަސައްކަތް ކުރަމުންނެވެ.

މި އާޓިކަލް ގައި ގެނެސްދޭން މިއުޅެނީ އުމުރުގެ ތަފާތު ކުޑަ އަދި ރާއްޖޭގެ ނިސްބަތުން މަދުން ފެންނަ އެހެނަސް، އެ ތައުލީމެއް ރާއްޖޭގައި ފުޅާވަމުން އަންނަ ގުރުއާނުގެ އިލްމުން ހާފިޒެއްގެ ދަރަޖަ ހޯދަމަށް ގަދައަޅާ މަސައްކަތް ކުރަމުން އަންނަ އުމުރުން 13 އަހަރުގެ އަހުމަދު ރާއިއު ބުޝްރީ ވާހަކަ އެވެ. 

ރާއިއު އެދަނީ އޭނާގެ މައިންބަފައިންގެ އުއްމީދުގައި ކުލަ ޖައްސަމުންނެވެ. ރާއިއު އަށް ގުދުރަތުން ލިބިފައިވާ ރީތި އަޑާއިއެކު ގުރުއާން ކިޔަވާ ފުވައްމުލަކު ފުނާޑު އަވަށު މަސްޖިދުއް ސިއްދީގުގައި މި އަހަރު ތަރާވީސް ނަމާދު ކުރަމުންނެވެ.

ރާއިއުގެ މަންމަ "ސީއެންއެމް" އަށް ބުނީ ރާއިއު އަށް ލިބިފައިވާ އިލްމާއި ހުނަރަކީ ރާއިއުގެ ބައްޕަގެ އާއިލާ އިން ވާރުތަ ވިކަމެއްކަމަށެވެ.

"އަދި ރާއިއުގެ ކާފަ ގެވަސިއްޔަތެއް ރާއިއު ގުރުއާން ހިތު ދަސް ކުރުވުމަކީ" ރާއިއުގެ މަންމަ ނަންދާ ބުންޏެވެ. 

ރާއިއު އަށް މިހާރުވެސް ގުރުއާނުގެ ބޮޑުބައެއް ދަސްވެފައިވާ ކަމަަށް ރާއިއުގެ މަންމަ ބުނެއެވެ. އެންމެ ކުޑަ އިރުއްސުރެ ގުރުއާނަށް ރާއިއު ޝައުގުވެރިކަން ހުންނާތީ ރާއިއުގެ ބައްޕަޔާއި އެއްބަނޑު ބޭބެ ހުޅުވައިގެން އުޅުނު ގުރުއާން ކުލާހެއްގައި ރާއިއު ކައިރީގައި ބައިންދައިގެން ބޭބެ ގުރުއާން ކިޔަވައިދެމުން ދިޔައެވެ.

އޭރު ރާއިއުގެ އުމުރުން އެންމެ ދެ އަހަރު ކަމަށާއި، އެ ގޮތަށް އަޑު އަހަަން އިނދެ ރާއިއު އައްމާފޮތުގެ ބައެއް ސޫރަތްތައް ދަސް ކޮށްފައިވާ ކަމަށް ރާއިއުގެ މަންމަ ނަންދާ ބުންޏެވެ.

އޭގެ ފަހުން ގޭ ކުރިމަތީގައި ހުރި ގުރުއާން ކުލާހަކަށް ރާއިއު ގުރުއާން ކިޔަވަން ވެއްދި އެވެ. އަދި ނާސަރީ ނިމުމުން ކެންގަރޫ ކިޑްސް ޕްރީ ސްކޫލަށް ދަރިފުޅު ވެއްދިއެވެ. 

ކެންގަރޫ ކިޑްސް ގައި ރާއިއު ކިޔަވަމުން ދިޔައިރު އައްމާފޮތް އެއްކޮށް ހިތުދަސް ކުރި ކަމަށާއި އެހާ ހިސާބުން ރާއިއު އަށް ގުރުއާން ހިތުދަސް ކުރުވުމުގެ އުއްމީދު އާލާވެގެން ދިޔަ ކަމަށް ނަންދާ ބުންޏެވެ. އޭގެ ފަހުން ރާއިއު ހިފްޒު ކުލާހަކަށް ވެއްދި ކަމަށާއި، މިހާރު ރާއިއު ތައުލީމު ހާސިލް ކުރަމުންދަނީ ފުވައްމުލަކު ހާފިޒު އަހުމަދު ސުކޫލުގައި ކަމަށެވެ.

ހާފިޒު އަހުމަދު ސުކޫލުން ވެސް އެދެނީ ރާއިއުއަށް ފަހި މުސްތަގުބަލަކަށެވެ. އެ ސުކޫލުން ބުނީ މި ރަމަޟާން މަހު ފުވައްމުލަކު ފުނާޑު މަސްޖިދުއް ސިއްދީގުގައި އެ ސްކޫލްގެ ގުރޭޑް ހަޔެއްގެ ދަރިވަރު އަހްމަދު ރާއިޢް ބުޝްރީ ދަނީ އިމާމުވެ ތަރާވީހު ނަމާދު ކުރަމުން ކަމަށެވެ. ރާއިއު ކުރާ މަސައްކަތުގައި ބަރަކާތް ލައްވާ ފުރިހަމަ ކާމިޔާބު ދެއްވުން އެދި ﷲ ސުބުހާނަހޫ ވަތައާލާގެ ހަޟްރަތުގައި  ދުއާ ކުރާ ކަމަށެވެ.

"ސުކޫލުގެ އެންމެހައި ދަރިވަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިން، ރާއިއުގެ ހިތްވަރަށް ފަހުރުވެރިވެ،"އެ ސުކޫލުން ބުނެއެވެ.

ރާއިއުގެ އުމުރުން 13 އަހަރެވެ. ރާއިއު ކިޔަވަމުން ދަނީ ހާފިޒު އަހުމަދު ސުކޫލުގެ ގުރޭޑް ހަޔެއްގައެވެ. ނަންދާ ބުނީ އުއްމީދު ކުރި ގޮތަށް ރާއިއު ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. ސުކޫލުގެ އެހެނިހެން މާއްދާ ތަކުންވެސް ރަނގަޅު ނަތީޖާ ރާއިއު ހޯދާ ކަމަށް ނަންދާ ބުންޏެވެ.

ނަންދާ ބުނީ ރާއިއުދެކެ އަބަދުވެސް އޭނާގެ ބޮޑު ބޭބެ، އަލީ ވަސީމް ވަރަށް ލޯބިވާ ކަމަށާއި، އަބަދުވެސް އޭނާ ގޮވައިގެން ނަމާދަށް ދާކަމަށެވެ. 


"އެންމެ ކުޑަ އިރުން ފެށިގެން ދަރިފުޅުގެ ބޭބެ ދަރިފުޅު ގޮވައިގެން އަބަދު ވެސް ދާނެ މިސްކިތަށް. އެގޮތަށް ގޮސް އިމާމްވެ ނަމާދު ކުރޭ. މިދިޔަ އަހަރު ވެސް ރާއިއު އަށް ފުރުސަތު ލިބުނު މިސްކިތު ގައި ތަރާވީސް ކުރަން. އެހެން ނަމަވެސް މިދިޔަ އަހަރު ތަރާވީސް ނުކުރޭ. މިއަރު އެއްކޮށް މަސްޖިދުއް ސިއްދީދުގައި ތަރާވީސް ކުރަނީ ދަރިފުޅު،" ނަންދާޒު ބުންޏެވެ.

ޓީވީން ރާއިއު ބަލަނީ ދީނީ ޗެނެލް ކަމަށްބުނެ ނަންދާ ބުނީ ޓީވީ ބެލުމަށްފަހު ރާއިއު އަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ރާއިއު އާއި އެއް އުމުރުގެ ކުދިންނަށް މިހާރުވެސް ނަސޭހަތް ދީ ހަދާކަމަށެވެ. އަދި ނަންދާ ބުނީ ރާއިއު މިހާރުވެސް ކިޔަވަން ބޭނުންވާ ކުދީންނަށް ދަސްކޮށް ދިނުމުގެ ޝައުގުވެރިކަން އެބަ ހުރިކަމަށެވެ.

"ނަމާދު ކުރަން ބުނާނެ ކުދިން ކައިރީގައި. މިސްކިތުގައި ސަކަރާތް ނުޖަހަން ބުނާނެ." ނަންދާ ބުންޏެވެ.

ނަންދާ ބުނީ ރާއިއުގެ އުއްމީދަކީ ދީނީ ދަރުސް ދެއްވާ ދުނިޔޭގެ މަޝްހޫރު ފަރާތް ތަކެއް ކަމަށްވާ މުފްތީމެންކް ފަދަ ޒާކިރު ނައިކް ފަދަ ފަރާތަކަށް ވުމަށް ކަމަށެވެ. މާތް ﷲ ގެ ރަހުމަތް ފުޅުން ރާއިއު އަށް އެދުވަސް ދައްކަވަން ދުއާ ކުރާ ހާލު ނިންމާލަމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް