ads
ބަލިއެދުގައި އޮތް މީހެއްގެ ފޮޓޯ——
ކެންސަރު ބަލީގައި މަންމަ މަރުވީ ޝަހާދަތް ލާ، އިސްލާމްދީން ގަބޫލުކުރިތާ 3 ދުވަސްތެރޭ!
މިއީ ލަންޑަނަށް ނިސްބަތްވާ އެެއްވެސް ދީނެއް ގަބޫލުނުކުރާ މީހަކު އިސްލާމުދީނަށް ވަދެވުނުގޮތާއި، އޭނާގެ މަންމަ މަރުމަތީ އިސްލާމްވީ ގޮތުގެ ހަގީގީ ވާހަކައެކެވެ. މި އާޓިކަލްގައި މި ވާހަކަތައް ލިޔެފައި މިވަނީ އޭނާ ކިޔައިދީފައިވާ ގޮތަށެވެ.

އަހަރެންގެ ނަމަކީ ރަހީމް ޖަން އެވެ. އަހަރެން އުފަންވީ އަދި އަހަރެން މުޅި ދިރިއުޅުން ވޭދުކުރަމުން މިދަނީ ލަންޑަނުގައެވެ. އަހަރެންގެ ބައްޕަ ލަންޑަނަށް އައީ 1940ގެ އަހަރުތަކުގައެވެ. އަހަރެންގެ މަންމަ އަކީ އައިރިޝް ކެތަލިކް އެކެވެ. ބައްޕައާއި މަންމަ ދިމާވަނީ ލަންޑަނުންނެވެ. ނަމަވެސް އަހަރެމެން ފެށުނީންސުރެ އެއްވެސް ދީނެެއް ފޮލޯ ނުކުރަމެެވެ. 

your imageރަހީމް ޖަން އޭނާގެ ވާހަކަތައް ކިޔައިދެމުންދިޔަ ވަގުތު 

އަހަންނަށް މިހާރު 44 އަހަރެވެ. އަހަރެންގެ ކައިވެންޏަށް 19 ވަރަކަށް އަހަރުވަނީއެވެ. އަލްހަމްދުލިއްލާހް، އަހަރެންގެ ފަސް ދަރިން އެބަތިބެވެ.

އިސްލާމްވުމުގެ ކުރިން އޭރު އަހަރެން މަސައްކަތް ކުރަމުންދިޔައީ ދުނިޔޭގެ އެންމެ މަޝްހޫރު މިއުޒިކް އިންޑަސްޓްރީ ކަމަށްވާ މޯޓައުން ރިކޯޑުގައެވެ. ދުނިޔޭގެ މަޝްހޫރު އާޓިސްޓު ސްޓީވި ވޯންޑަ ފަދަ އާޓިސްޓުންނާއިއެކު އަހަރެން މިއުޒިކް އިންޑަސްޓްރީގައި މަސައްކަތް ކުރީމެވެ. ބައިވަރު ކާމިޔާބީ ތަކެއް ހޯދީމެެވެ. 

އަހަރެމެން ގަބޫލުކުރަންޖެހޭ ވަކި ދީނެއް އަހަރެން ހަނދާން ހުންނަން ފެށީންސުރެ އާއިލާތެރޭ ނޯވެއެވެ. އެޔަކަށް އަހަންނަކަށް އެއްވެސް މީހަކު މަޖުބޫރެެއް ނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން އަހަރެން އެއްވެސް ދީނެއް ގަބޫލެއް ނުކުރަމެވެެ. އަހަރެންގެ ދީނަކީ އޭރު ލަވައިގެ ދުނިޔެއެވެ.

މިހާރު ވިސްނާލުމުން އަހަންނަށް ގަބޫލުކުރެވެނީ އިސްލާމްދީނުގެ ނޫރު އަހަރެންނާއި ހަމަޔަށް އައުމަށް މަޑުމަޑު ފިޔަވަޅުތަކެއް ދިރުއުޅުމުގައި ކަނޑަތުވިކަމެވެ. ހާއްސަކޮށް އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަދި ކަޒިންގެ ހިއްސާ އެކަމުގައި ވަރަށް ބޮޑެވެ. 

އަހަރެމެން ކޮންމެ އަހަރަކު މަޖާކޮށް ހަދަން ޗުއްޓީއަށް ތަންތަނަށް ގޮސް އުޅެމެވެ. އެއްފަހަރެއްގައި ޗުއްޓީއަށް ތައްޔާރުވެފައިވަނިކޮށް އޭނާ ގުޅާފައި މިފަހަރު ހައްްޖަށް ދާން ޖެހިއްޖެ ކަމަށް ބުންޏެވެ. އަހަރެން އެދަތުރު ނުދިއުމަށް ވަރަށް އާދޭސް ކުރީމެވެ. އޭނާގެ މަންމަ އަށް ގުޅާފައިވެސް އާދޭސްކުރީމެވެ. މަންމަގެ ޖަވާބަކަށްވީ އުމުރުން 18 އަހަރު ވެފައިވާތީ މިއީ އޭނާ ހައްޖުގެ އަޅުކަމަށް ދާން ޖެހޭ ފަހަރު ކަމެވެ. އެދަތުރެއް އަހަންނަކަށްވެސް އޭނާއަކަށްވެސް ލަހެއް ނުކުރެވުނެވެ. 

އަހަރެން ހަނދާން އެބަހުއްޓެވެ. އޭނާ ހައްޖުން އެބުރި އާފަހުން ވަރަށް ބޮޑަށް ބަދަލުވިއެވެ. އަހަރެމެންނާއިއެކު ބޭރުގައި އުޅުން މަދުކުރިއެވެ. ޕާޓީތަކާއި މިއުޒިކް އިވެންޓުތަކަށް އެއްވެސް ގޮތަކަށް ނާދެއެވެ. މުޅިންހެން ދީނާއި ގާތުގައި އޭނާ އުޅެން ފެށިއެވެ. މި ބަދަލު އަންނަން ފެށުމުން އަހަރެން އޭނާއާއި ބައްދަލުކުރީމެވެ. އޭނާގެ މޫނުމަތިން ނުތަނަވަސްކަމެއް ނުފެނެއެވެ. ފެނުނީ ހިތްހަމަ ޖެހުމާއި އުފާވެރިކަމެވެ.

އެކަމާއި އަހަރެން ވަރަށް ވިސްނީމެވެ. ދުނިޔޭގެ ހުރިހާ އެއްޗަކާއި މަޖާތަކެއްގެ ތެެރޭގައި އަހަރެން އުޅެމުންދިޔައިރު، އަހަރެންނަށް އެވަރުގެ ހިތްހަމަ ޖެހުމެއް ނުލިބެނީ ކީއްވެބާއޭ ހިތަށް އެރިއެވެ. އަހަރެންގެ ދިރުއުޅުމުގައި ޑިޕްރެސްވާންޖެހޭ ފަހަރު ގިނައެވެ. އެފަހުން އަދި ވަކިން ބޮޑަށް އެކަން ބޮޑުވިއެވެ. އަބަދު ކޮޓަރީގައި ބަންދުވެ ވިސްނެން ފެށިއެވެ.

މިހާ ހިސާބަށް ދިއުމުން މީހާ މޮޔަވެއްޖެކަމަށް ހީވި ފަހަރުތައްވެސް ދިޔައެވެ. އަހަރެން ހަނދާން އެބަހުއްޓެވެ. އެއްދުވަހު ކޮޓަރީގައި އެކަނިމާއެކަނި ބަންދުވެގެން އިދެގެން އަހަރެން މޮޔަވަނީ އޭ ހިތަށް އަރަން ފެށުމުން ކަލާނގެއެއް ގަބޫލުނުކުރިނަމަވެސް އެދުވަހު އަހަރެން ކަލާނގެއާއި “ޑީލެއް” ހެދީމެވެ. އަހަރެން ވާހަކަދައްކަމުންދިޔައީމެވެ. އަަހަރެން އެދުނީ އަހަރެން އެ ނުތަނަވަސްކަމުން ސަލާމަތްކޮށްދީފިނަމަ ތިން ހަފްތާ ވަންދެން އެއްވެސް ގޯސް އަމަލެއް އަހަރެން ނުކުރާނެ ކަމަަށެވެ. އަހަރެންގެ ހަޔާތުގައި އޭރު ގިނަ ފާފަތަކެއް ވަނީ ކުރެވިފައެވެ. އަދި އަހަރެން ބުނީމެވެ. އެދުވަހުން ފެށިގެން ތިން ހަފްތާ ވަންދެން ގުރުއާން ކިޔަވާނަމެވެ.

އެދުވަހު އަހަރެން ގުރުއާން ފޮތް ހުޅުވީ ހަގީގަތުގައިވެސް ތިން ހަފްތާއަށް ކަލާނގެއާއި ދެމެދު އަހަރެން ހެދި ޑީލަކުންނެވެ. އެކަން ފުރިހަމަ ކުރާށެވެ. ވައްލާހި، އެދުވަހުން ފެށިގެން އަހަރެން އެ ފޮތް ދުލެއް ނުކުރަމެވެ. 

މި ކިޔައިދެނީ އަޖައިބެެެެއްފަދަ ކަމެއްގެ ވާހަކައެވެ. ހަގީގަތުގައިވެސް އަހަރެންނަކަށް ގުރުއާންއަކީ އަދި މާތްﷲ އަކީ ކޮން ފަރާތެއް ކަމެއް އޭރު ނޭނގެއެވެ. ނަމަވެސް އެ ފަރާތަށް އަަހަރެންގެ ދިރިއުޅުމުގައި ހުރި ނުތަނަވަސްކަމާއި ހިތުގައި އޮތް އެއްޗެއް އެގުނެވެ. ގުރުއާން ފޮތް ހުޅުވާ އަހަރެން ފުރަތަމަވެސް ކިޔަން ފެށި އާޔަތުގައި އޮތީ، “ހަމަ ކަށަވަރުން އުނދަގޫ ކަމާއިއެކު، ފަސޭހަކަން ވެއެވެ.”އަހަރެންނަށް ވަގުތުން ރޮވެން ފެށުނެވެ. ކަލަކު ވޮޑިގެންވެއޭ، އެކަލާނގެއީ މޮޅަށް ދެނަވޮޑިގެންވާ ރަސްކަލާނގެކަން އަހަންނަަށް އިހްސާސް ކުރެވުނެވެ.

އަހަރެން މިއުޒިކާއި ލަވައިގެ ދުނިޔެ ދޫކޮށްލީމެވެ. އެއީ ކީއްވެތޯ މީހުން އަހާ އުޅުނެވެ. އިސްލާމްދީން ދަސްކުރުމާއި، ނަމާދާއި، ރޯދަ، އަދި ގުރުއާން ކިޔެވުމުގައި އަހަރެން ހޭދަކުރި ފުރަތަމަ އަހަރު ދުވަހަކީ އުނދަގޫ ދުވަސްތަކެކެވެ. 

މަންމައަށް ކެންސަރު ޖެހިފައިވާކަން އެގުމާއި، މަރަށް ތައްޔާރުވުން

ދެން އެނގުނީ މަންމައަށް ކެންސަރު ޖެހިފައިވާކަމެވެ. ދިރިހުންނަން މަންމައަށް އޮތީ އެންމެ ތިން ހަފްތާއެވެ. އިސްލާމްދީނާއިމެދު މަންމަގެ ހިތް ހެޔޮވި ފަހަރަކީ އެއީއެވެ. ވައްލާހި، ދެން ކަންތައްވަމުންދިޔަ ގޮތަކީ އަޖައިބެކެވެ. 

މަރުވުމާއި ވަރަށް ގާތްވެފައިވަނިކޮށް އެއްދުވަހު މަންމަ އަހަންނަށް ގޮވިއެވެ. ގޮވާފައި ބުނީ، މަރުވުމުން ވަޅުލަން ބޭނުން ނުވާކަމަށާއި، ބޭނުންވަނީ އަންދާލުން ކަމަށެވެ. އަހަރެން ބުނީމެވެ. މައްސަލައެއް ނެތެވެ. އެކަމަކު އެކަން ކުރާނީ ކާކު ހެއްޔެވެ؟ މަންމަ ދެން އެހީ ދެން އޮތް ގޮތަކީ ކޮބައިހެއްޔޭ؟ އެވެ.

އަހަރެން ބުނީމެވެ. ދެން އޮތްގޮތަކީ މަންމަ މަރުވުމުން މަންމަގެ އަންހެން ދަރިފުޅާއި، ދަބިދަރި މަންމަ ފެންވަރުވާ ހިނަވާ ވަރަށް އާދައިގެ ހުދު ފޮތިގަނޑަކުން ނިވާކުރާނެއެވެ. އެހެންމީހަކަށް ނުފެންނާނެއެވެ. އެކަން ނިމުމުން މަންމަގެ ފިރިހެން ދަރިންގެ ކޮނޑުގައި އުފުލައިގެން ގޮސް ވަރަށް އާދައިގެ ގޮތަކަށް ފޮތިގަނޑާއިއެކު ފަސްލާނެއެވެ. 

މިވާހަކަތައް ކިޔައިދިނުމުން މަންމަ ވަގުތުން ބުނީ މަރުވުމުން އޮންނަން ބޭނުންވާ ތަނަކީ އެއީ ކަމަށެވެ. ބޭނުންވަނީ ވަޅުލާން ކަމަށެވެ.

އެކަމަކު މަންމައަކީ މުސްލިމަކަށް ނުވާތީ އެގޮތަށް ވަޅުލެވޭކަށް ނެތެވެ. އެއް ދުވަހެއްގައި ހަމަކުއްލިއަކަށް މާތްﷲ ވޮޑިގެންވާކަމާއި، ރަސޫލާ ވެސް ގަބޫލުކުރިއެވެ. އަހަންނަށް އެވަރުން ހިތްހަމަ ޖެހުން ލިބުނެއެވެ. މަންމައަށްޓަކައި ދުއާކޮށް، މުސްލިމެއްގެ ގޮތުގައި ވަޅުލަން ބަހަނާއެއް ލިބުނުކަމަށް އަހަރެން ގަބޫލުކުރީމެވެ. ނަމަވެސް އަހަރެންގެ 14 އަހަރުގެ ދަރިފުޅު ބުންޏެވެ. ބައްޕާ އެވެ. މާމަ މުސްލިމެއްގެ ގޮތުގައި ވަޅުލަން އެވަރު ނުފުދެއެވެ. އެގޮތް ބޭނުންނަމަ މާމަ ޖެހޭނީ ޝަހާދަތުގެ ދެކަލަމަ ދުލުން ކިޔާ ހިތުން ގަބޫލުކުރާށެވެ. 

މިއީ އަހަންނަށް ވަރަށް އަސަރުކުރުވިކަމެކެވެ. މިކަން އެގޮތަށް ކުރަން ބުނެފިނަމަ ޝަހާދަތް ކިޔަން މަންމަ އިންކާރުކޮށްފިނަމަ އަހަރެން ހަދާނީ ކިހިނެތްތޯ ވިސްނާ ރޮވެން ފެށުނެއެވެ. މިދަނޑިވަޅުގައި އަހަރެންގެ ފިރިހެން ދަރިފުޅު ބުންޏެވެ. ބައްޕަ ފިކުރުނުކުރާށެވެ. އަހަރެން ތިކަން ކުރާނަމެވެ. މާމަ ޝަހާދަތް ކިޔާނެއެވެ. 

އެގޮތަށް ބުނެ މައްޗަށް އަރާ މަންމަ ކައިރީ އެއްގަނޑިއިރު ހޭދަކޮށްފައި އައިސް ދަރިފުޅު ބުންޏެވެ. ފިކުރުނުކުރާށެވެ. މާބޮޑުކަމެެެއް ނޫނެވެ. އުނދަގުލަކާއި ނުލާ ފަސޭހައިން މާމަ ޝާހަދަތުގެ ދެކަލިމަ ކިޔާފިއެވެ. ގަބޫލުނުކުރެވިގެން ހަމަ ހަގީގަތުގައިވެސް ކީ ތޯ އަހަރެން ތަކުރާރުކޮށް އެހީމެވެ. ދަރިފުޅު ބުންޏެވެ. އާއެކެވެ. ހަމަ އަރަބީން ޝަހާދަތުގެ ދެކަލިމަ މާމަ ކިޔާފިއެވެ. 

އަލްހަމްދުލިއްލާހް، އޭގެ ތިން ދުވަސް ފަހުން މަންމަ ނިޔާވީއެވެ. މަންމަ ނިޔާވީ ރަމްޟާން މަހެެއްގައެވެ. އަހަރެން އޭރު މަސައްކަތްކުރީ ދީނީ ނަސޭހަތްދިނުމުގައި ޓީވީގައެވެ. ﷲއަކްބަރް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގުޅާ މަންމަގެ ނަމުގައި ސަދަގާތް ދިނެވެ. މަންމަގެ ނަމުގައި ބަޔަކު މިސްކިތެއް ބިނާކުރިއެވެ. 

މާތްﷲ އެބަޔަކަށް ހިދާޔަތު ދެއްވަވަން ހުރި ބަޔަކަަށް ހިދާޔަތު ދެއްވައެވެ. އަހަރެންނާއި އަހަރެންގެ އާއިލާ އެފަދަ މީހުންގެ ތެރޭގައި ހިމެނުއްވި ކަމަށްޓަކައި ހަމްދު ކުރަމެވެ.
އެކި މީހުންނަށް މާތްﷲ ހިދާޔަތު ދެއްވަނީ އެކި ގޮތްގޮތަށެވެ. އަހަރެންނަށް މެދުވެރިކުރެއްވީ އަހަރެންގެ ދިރިއުޅުމާއި ގުޅިފައިވާ އާޔަތެކެވެ. އެ އާޔަތައް އަހަރެންގެ ހިތުގައި ހާއްސަ ގަދަރެއް ދެވިފައިވެެއެވެ.

އެދެނީ އެ އާޔަތުން ކޮންމެވެސް ދުވަހަކުން އަހަންނާއި އަހަރެންގެ އާއިލާއާއި މާތްﷲ މުހާތަބު ކުރައްވާ އަޑުއަހާލުމުގެ ނިއުމަތް ދެއްވުމެވެ. އިންޝާﷲ. 

81%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް