އެފަތިވަރުގައި ރައްޔިތުން ޖެހި ވޯޓުދީ ވެރިކަން ވެސް ބަދަލު ކުރިއެވެ. 2008 ވަނައަހަރު އުފެދުނު އެމްޑީޕީގެ ވެރިަކަމުން ދެއްކި ނަތީޖާއަކީ އޭގެ ކުރިން ހިންގާފައިވާ މައްސަލަތަކުގައި އަތް ނުލުމެވެ. އެކަންކަމަށް މާބޮޑު ސަމާލު ކަމެއް ނުދިނުމެވެ. އެހެންކަމުން އެއީ މާބޮޑު ކަންކަމެއްގެ ގޮތުގައި ސަރުކާރުގައި އެރު ތިބި ފަރާތްތަކަކަށް ނުވިސްނުނެވެ. އަދި އޭގެ ފަހުން ކުރިން ސަރުކާރުގައި ހިންގަމުން އައި ޖަރީމާ ތަކަށްވުރެ ބޮޑު ޖަރީމާތައް ހިންގަން ފެށިއެވެ. ކޮރަޕްޝަންގެ ތަފާތު އަމްލު ތަކެވެ. ގާނޫނާ ހިލާފް ކަންކަމެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި އަބްދުﷲ ގާޒީ ބަންދު ކުރެވުނެވެ. އެކަހެރިކޮށް ބެހެއްޓުނެވެ. އެއީ ގާނޫނާ ހިލާފަށް ކުރި ކަމެއްކަމަށް އޭރު އިދި ކޮޅުގައި ތިބި ފަރާތްތަކުން ގޮވަމުން ދިޔައެވެ. އަދި ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވަރަށް ބާރަށް ގޮވަމުން ދިޔައެވެ. އެހެން ނަމަވެސް ކަން ވެގެން ދުިޔައީ މުޅިން އެހެން ގޮތަކަށެވެ.
މަގުމަތިން ވައްޓާލީ ސަރުކާރެވެ. އެއްބަޔަކު އެއީ ބަޣާވާތެކޭ ކިޔާއިރު އަނެއްބަޔަކަު އެއީ ޖިހާދެއް ކަމަށް ގަބޫލު ކުރެއެވެ.
ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު ދެން އެމްޑީޕީން ނުކުތީ މަގުމައްޗަށެވެ. ފުލުހުން ނުކުމެ ތަޅާ ދުންކާލިއަރުވާލިއެވެ. ދެންވެސް ގޮވަންފެށީ އަނިޔާވެރި އަމަލުތައް ހިންގި ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ވާހަކައެވެ. މިފަހަރު އަނެއްކާވެސް އެމްޑީޕީންނެވެ. އެހެންނަމަވެސް 2013 ވަނައަހަރު އެމްޑީޕީއަށް ވެރިކަން ނުލިބި ރައީސް ޔާމީނަށް ވެރިކަން ލިބުނެވެ. އަނެއްކާވެސް އެމްޑީޕީން ގޮވާލަގޮވާލަ ތިބީ ގާނޫނުގެ ކުރިމައްޗަށް ގެންނަ ވާހަކައެވެ.
ރައީސް ޔާމީނުގެ ސަރުކާރުގައި ވެސް ގާނޫނުން ބޭރުން ގިނަ ކަންތައްތަކެން ހިނގައިގެން ދިޔަ ތަން ފެނުނެވެ. މަޖލީހުގެ މެންބަރުން ތަކެއްގެ ގޮނޑި ގެއްލުވާލުމެވެ. ސުޕްރީމް ކޯޓުގެ ފުރާޅު ސިފައިން ލައްވާ ނެގުމެވެ. ރައްޔިތުންގެ މަޖިލީހަށް ސިފައިންވައްދައި ހިންގި އަމަލުތަކެވެ.
މަޖިލިސްތެރޭގައި އަޑުން އަޑުނަގައި އޭރުވެސް އެއީ ކުށެއްކަން ބުނެ ގޮވިއެވެ. އަދި އެމައްސަލަތައް ބަލާނެ ކަމަށް ރޮއި ހޭރެމުން ދިޔަ މެންބަރުންވެސް ފެނުނެވެ. ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ހިނގާފައިވަނީ އެވެރިކަމުގައެވެ. އެމައްސަލަ ބަލާނެ ކަމަށް ވައުދުވަމުން އައި ސަރުކާރަކީ މިއެވެ. މައްސަލައިގެ ހިމެނޭ އެންމެ އިސްމީހުން ކަމަށް ތުހުމަތު ކުރި ދެމީހުން ކަމަށްވާ އޭރުގެ ރައީސް ޔާމީނާއި ނައިބުރައީސް އަދީބު ފެންނަނީ ވަރަށް މިނިވަން ކޮށެވެ.
މިވެރިކަމުގެ ނިމޭ ކޮޅަށް މިއޮތީ އެޅިފައެވެ. ފެންނަމަންޒަރުތައް ހަމަދާދި އެއްގޮތެވެ. އިދިކޮޅު ޕާޓީން މިހާރު ވަނީ ކެމްޕޭން ފަށާފައެވެ. އިންޑިޔާއައުޓް ކެމްޕޭނެވެ. ސަރުކާރުން މިހާރު އެއޮތީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެފައެވެ. އަދި އިމާރާތްތަކުގައި ދަމާ ބެނާތައް ފުލުހުން އެދަނީ ނަގަމުންނެވެ. ޕީޕީއެމުން މިހާރު ބުނަމުން އެދަނީ ސަރުކާރުން ނެރެފައިވާ ގަރާރަކީ ގާނޫނާ ހިލާފް އެއްޗެއް ކަމަށެވެ.
އިންޑިޔާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ރައީސް ސޯލިހުގެ ގަރާރަކުން ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް ގާނޫނީ ބައެއް ބޭފުޅުން މިކަން ކުރެވޭނެ ކަމާމެދު ވަނީ ސުވާލު އުފައްދަވާފައެވެ. ގާނޫނީ ވަކީލު ދިޔާނާ ސައީދު ވިދާޅުވަނީ ރައިސުލްޖުމްހޫރިއްޔާގެ ގަރާރަކީ ގާނޫނީ ބާރު އޮންނަ އެއްޗެއް ކަމަށާއި އެހެންކަމުން އެ އޮތަރައިޒް ކުރާނެ ގާނޫނީ މަސްދަރެއް އޮންނަން ޖެހޭ ކަމަށެވެ.
ރައީސަށް ގަރާރު ނެރެވޭނީ ތިން ހާލަތެއްގައި ކަމަށާއި އެއީ ހަނގުރާމަ އާއި ސުލްހަ އިއުލާން ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށާއި ރިޔާސީ ކޮމިޝަން އުފައްދަވަން ކަމަށް ދިޔާނާ ފާހަގަ ކުރައްވައެވެ.
މީގެ އިތުރުން ރައީސްގެ ގަރާރަކީ ގާނޫނަކާ އެއްފަދަވާ އެއްޗަކަށްވާއިރު ގާނޫނު ހެދުމުގެ ބާރަކީ ރައްޔިތުންގެ މަޖިލީހަށް ހާއްސަވެފައި އޮންނަ ކަމަކަށް ވާތީ މަޖިލީހުގެ ދައުރެއް ނޯންނަ ގޮތަށް ރައީސަށް ގަރާރު ނުނެރެވޭނެކަން ސާފުވާ ކަމަށް ވެސް ދިޔާނާ ވަނީ ވިދާޅުވެފައެވެ.
ދިޔާނާގެ އިތުރުންވެސް އެތައް ވަކީލުންނެއް މި ގަރާރާމެދު ފާޑު ވިދާޅުވެއެވެ.
ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ކެމްޕޭން ހުއްޓުވަން ރައީސްސޯލިހު ނެރުއްވި ގަރާރު ބާތިލުކުރަން އިދިކޮޅު ކޯލިޝަނުން މިހާރު ވަނީ ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށަހަޅައިފަ އެވެ.
ރައީސް މައުމޫނުގެ ވެރިކަމަށްފަހު ދެންއައި ވެރިކަންތަކުން ކޮށްފައިވާ ގާނޫނާ ހިލާފް ކަންކަން މިރާއްޖޭގައި ބެލޭތަނެއް ނުފެނެއެވެ. ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ކަންކަން އަދިވެސް އެހެރީ އަތް ނުލެވިއެވެ. ޑރ އަފްރާޝީމާއި، އަހްމަދު ރިލްވާން މައްސަލަ އޮތޯ އޮތްތާންގައެވެ. މަޖީލީހުން ބޭރުކޮށްލި މެންބަރުންގެ މައްސައްލައެވެ. ރާއްޖޭގެ ތާރީހުގައި ހިނގާ ދިޔަ އެންމެ ބޮޑު ވައްކަމުގެ މައްސަލއެވެ. ކޮވިޑާ ގުޅިގެން ގެނައި ތަކެއްޗައް ވެރިންތަކެއް ހިޔާނާތްތެރިވި މައްސަލައެވެ. މި ފަދަ އެތައް މައްސަލައެއް ހުރީ އަތް ނުލެވި އެވެ. އަތް ލާން ކެރޭނެ ބަޔަކު އުޅޭހެން ހިއެއް ނުވެއެވެ.