ads
އިސްކަންދަރު ސުކޫލު-- ފޮޓޯ:ސޯޝަލް މީޑިއާ
ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ސުކޫލުތަކުން އަމަލުކުރަން ވީ ގޮތްތައް!
ނޮވެލް ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ސުކޫލުތަކުން އަމަލުކުރަން ވީ ގޮތްތައް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން ތައުލީމު ފޯރުކޮށްދިނުމަކީ މިނިސްޓްރީގެ ސިޔާސަތެއް ކަަމަށެވެ.

އެގޮތުން ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ އަސަރު ދިވެހިރާއްޖެއަށް ކުރާ މިންވަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ އިރުޝާދާއެކު، ދަރިވަރުންނާއި ސްކޫލް މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.


އެހެންކަމުން ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށްޓަކައި، އާންމު ދިރިއުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު މިނިސްޓްރީން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ސްކޫލްތަކުން ވެސް އަމަލުކުރުމަށް ވަނީ އަންގާފައެވެ. 

އެގޮތުން ސްކޫލުގައި އަދި ގޭގައި އުޅޭއިރުވެސް އާންމު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އަންގާފައެވެ. އެގޮތުން ކެއްސާ، ކިނބިހިއަޅާ އިރު ޓިޝޫއަކުން އަނގައާއި ނޭފަތް ނިވާ ކުރުމާއި އަދި ވަގުތުން ޓިޝޫ ކުނިވަށިގަނޑަށް އެއްލައިލުމަށްފަހު އަތްދޮވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

އޭގެ އިތުރުން ބޭރުގައި އުޅެފައި ގެއަށް އައިސް އަދި ސްކޫލުގެ ކުލާހުން ބޭރުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަށްފަހު ރަގަޅަށް އަތްދޮވުން ނުވަތަ ސެނިޓައިޒާ ބޭނުންކުރުމަށް ވަނީ އަންގާފައެވެ.

ހަމައެހެންމެ ހުންއައުން، ކެއްސުން، ކަރުގައި ރިއްސުން، އަރިދަފުސް ރޯގާޖެހުން، ނޭވާ ކުރުވުންފަދަ ކަމެއް
ފާހަގަކުރެވިއްޖެނަމަ، އެފަދަ ދަރިވަރުންނާއި ސްކޫލުގެ މުވައްޒަފުން، ބަލި ރަގަޅުވަންދެން ގޭގައި މަޑުކުރުމަށް ވެސް ވަނީ އަންގާފައެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް 31,481 މީހަކަށް ޖެހިފައިވާއިރު މިބަލީގައި 639 މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް މި ބަލި ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިފައެއް ނުވެ އެވެ.  

އެބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން މިހާރު ވަނީ ފިޔަވަޅުތަކެއް ވެސް އަޅާފައިވެ އެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނި ހޫނުމިން ހުރި މިންވަރު ދެނެގަތުމަށް ތާމަލް ކެމެރާ ބޭނުންކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް