
ޕްރިޔަންކާގެ ފޮތުގައި ލިޔެފައިވާގޮތުގައި އެއް ރޭ ދަންވަރު އޭނާއަށް ހޭލެވުނުއިރު، އޭނާގެ މަންމަގެ އަތުގައި ތުއްތު ތުއްތު ކުއްޖެއް އޮތެވެ. އެ ކުއްޖާ ފެނުނީ ހޮސްޕިޓަލުގެ ބޭރު މަގެއްގައި ޕާކުކޮށްފައި އޮތް ވެހިކަލްއެއްގެ ދަށުން ނެވެ.
ޕްރިޔަންކާ ބުނީ އެ ތުއްތު ބޭބީ ގޭގައި ގެންގުޅެން އޭނާ ވަރަށް ބޮޑަށް ބޭނުންވެގެން މަންމަ ކައިރީ އާދޭސް ކުރި ކަމަށާއި، ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަންމަ ބުނި ކަމަށެވެ. އަދި އެކަން ނުކުރެވޭނެ ސަބަބުވެސް މަންމަ ވަރަށް ރަނގަޅަށް ތަފްސީލު ކޮށްދިން ކަމަށެވެ.
އޭނާގެ ފޮތުގައި ވާގޮތުން އެންމެ ފަހުން އެކުއްޖާ ދޭން ނިންމީ ދަރިން ނުލިބޭ ދެމަފިރިންނަށް ކަމަށެވެ. ކުއްޖާ އެދެމަފިރިންނަށް ދޭން ވެގެން ދިޔަ މަގުމަތީ ކާރުތެރޭ ކުއްޖާ އުރައިގެން އިނީވެސް ޕްރިޔަންކާއެވެ. އޭނާ ބުނީ ކުއްޖާ ދަރިން ނުލިބޭ އެދަމަފިރިންނަށް ދިން ވަގުތުކޮޅުގެ ހަނދާނަކީ ނުފިލާނެ ހަނދާނެއް ކަމަށާއި، ކުއްޖާ ހަވާލުކުރުމުން ޝުކުރުވެރިކަމާއިއެކު ބިން މައްޗަށް ތިރިވެ އަންހެން މީހާ ރޯން ފެށި ގޮތް ދުވަހަކުވެސް ހަނދާން ނުނެތޭ ކަމަށެވެ.
ނިކްއާއި ޕްރިޔަންކާއަށް ދަރިއަކު ލިބިފައިވަނީ ސެރޮގެސީ މެދުވެރިކޮށް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ކުއްޖަކު ލިބުނުކަން ސޯޝަލް މީޑިއާގައި އެދުވަހު ހާމަކުރިނަމަވެސް ކުއްޖާގެ ފޮޓޯއެއް އަދި ކުއްޖާއަށް ކީ ނަމެއްވެސް އަދި ދެމީހުންވެސް ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
ނަމަވެސް ކުއްޖާގެ އުފަންދުވަހުގެ ސްޓިފިކެޓްއާއި ހަވާލާދީ ޓީއެމްޒީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކުއްޖާއަށް ކިޔާފައިވަނީ “މާލްތީ މޭރީ ޗޯޕްރާ ޖޯނަސް' އެވެ.
އެދެމަފިރިން ސެރޮގެސީ މެދުވެރިކޮށް ކުއްޖެއް ހޯދިިއިރު ދެމީހުން ކުއްޖެއް ހޯދުމަށް ގެންގުޅޭ ޕްލޭނާއި ބެހޭގޮތުން އިންޓަވިއުއެއްގައި ސުވާލުކުރުމުން ޕްރިޔަންކާ މީގެ ކުރިން ވަނީ އެކަމުގެ ވަގުތު ޖެހުމުން އެކަންވެސް ކުރާނެ ކަމަށާއި އަދި ބޭނުންވަނީ ދެމީހުންނަށް ވަގުތު ދީ އެކީގައި ވަގުތު ހޭދަކުރަން ކަމަށް ބުނެފައެވެ.
އިންޑިއާގެ ރީތީގެ ރާނީކަން 2000 ވަނަ އަހަރު ހޯދި ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޮޕްރާ އަށް މިހާރު ވަނީ 38 އަހަރުވެފަ އެވެ.
ޕްރިޔަންކާ ވަނީ ދުވަހަކު ވެސް އޭނާގެ ކައިވެނި ކުރެވޭނެ ކަމަށް ހިތަށް ނާރާ ކަމަށް ބުނެފަ އެވެ. އޭނަ ބުނެފައި ވަނީ އޭނަގެ އުމުރުން 35 އަހަރުވުމާއެކު ކައިވެނި ކުރަން ބޭނުންވެ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރެވުނު ކަމަށާއި އޭރު ދެން ދުވަހަކު ވެސް ކައިވެނި ކުރެވޭނެއޭ ހިތަށް ނާރާ ކަމަށެވެ.