މިގޮތަށް ނިންމާފައިވަނީ ސިޓީ ކައުންސިލުން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ. ފައިމަގުގައި އުޅޭ ގަނޑިއެެއް ކަނޑައެޅުމަށް ހުށަހެޅުއްވީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އައިމިނަތު ޔުމްނާ އެވެ. އޭނާ ހުށަހެޅުއްވީ އީދު ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ވެހިކަލް ދުއްވުން މަނާކޮށް އެވަގުތަކީ ފައިމަގުގައި އުޅޭ ވަގުތުކޮޅަކަށް ހެދުމަށެވެ.
އެ ހުށަހެޅުއްވުމާއިއެކު ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ފައިމަގުގައި އުޅޭ ވަގުތެއް ކަނޑައަޅާއިރު އެކަން ކުރާނީ ކޮންކޮން ތަންތަނެއްގައިތޯ ނިންމެވުން މުހިންމު ކަމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ، މީގެ ކުރީ އަހަރުތަކުގައި ހުޅުމާލޭގައި އެފަދަ ވަގުތެއް ކަނޑައެޅުމުން ރައްޔިތުންނަށް ދިމާވި އުނދަގޫތަކެވެ.
އެހެންކަމުން އެ ކަންކަމަށް ވިސްނާ ބައްދަލުވުމުގައި ކުރެވުނު ބަހުސްތަކަށްފަހު ނިންމާފައިވަނީ، އީދު ދުވަހު 16:00 އިން 20:00 އަށް ހުޅުމާލެ ނުހިމެނޭގޮތަށް، ހަމައެކަނި މާލޭގައި ހިނގާފައި އުޅޭ ވަގުތެއް ކަނޑައެޅުމަށެވެ.
ކަލަންޑަރުގައި ވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ މަހުގެ ދެ ވަނަ ދުވަހެވެ. މީގެ ކުރީ އަހަރުތަކުގައިވެސް އީދު ދުވަހަކީ ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ނިންމާ އެ ދުވަހުގެ ބައެއް ގަޑިތަކުގައި ވެހިކަލް ދުއްވުން މަނާ ކުރެއެވެ.
ނަމަވެސް މީގެ ކުރީ އަހަރުތަކުގައި ހިނގާފައި އުޅޭ ވަގުތުގެ ގޮތުގައި އީދު ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ޒަރޫރީ ބޭނުމަށް އޮޕަރޭޓް ކުރަންޖެހޭ އުޅަދެއް ފިޔަވައި އެެހެން އެއްވެސް އުޅަނދެއް ނުދުއްވޭ ގޮތަށް މާލޭ ސިޓީގެ މާލެ އަދި ވިލިމާލޭވެސް ހިމަނައެއ
ވެހިކަލްތަކުގެ ތެރެއިން އެވަގުތުތަކުގައި ދުއްވޭ އުޅަނދުތަކަކީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި، އެމްބިއުލެންސް އާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސައިކަލް އަދި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންދާ ބަހުގެ ހިދުމަތުގެ އިތުރުން އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތަށް އެކަންޏެވެ.