
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި މުޅި ރާއްޖެއަށް ވެސް މި އީދު ބަންދުގައި މޫސުން ގޯސްވުން އެކަށީގެންވާ ކަމަށާއި، ހޮނިހިރު ދުވަހުން ފެށީގެން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައިގަދަވުން އެކަށީގެން ވަކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
"ސީއެންއެމް" އަށް މައުލުމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މި ފެށޭ މޭ މަހުން ފެށިގެން ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރުން އެކަށީގެން ވާކަމަށެވެ.
އީދު ބަންދާއި ދިމާކޮށް ވިއްސާރަ ވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވާއިރު، ލ. އަތޮޅުން ފެށިގެން އައްޑޫ އާއި ހަމައަށް މެޓް އޮފީހުން މިއަދު ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ނެރެފައިވާ އެލާޓުގައި ބުނެފައިވަނީ، އެ ސަރަހައްދުގެ ރައްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި، ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.