ޑަނާ އައިލެންޑް ކިޔާ މި ފަޅު ރަށަށް އެ އާއިލާގެ 12 މީހުން ދަތުރު ދިޔައީ މިދިޔަ ހޯމަ ދުވަހު ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް އެނބުރި އެމީހުން ދިރިއުޅެމުންދިޔަ އަވަށަށް ދިޔައީ އެ އާއިލާގެ ހަތް މީހުންނެވެ. އަދި އެމީހުން ވަނީ ދެން ދަތުރު ދިޔަ މީހުން ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށައަޅާފައެވެ.
މި މައްސަލަ އާއި ގުޅިގެން އެގައުމުގެ ފުލުހުން ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އެމީހުން ގެއްލިގެން ހޯދަމުން އަންނަ ކަމަށާއި، މިކަމުގައި އެއާއިލާގެ ދެން ތިބި މީހުންނަށް ޝައްކުކުރެވޭ ކަންކަން ހުރި ކަމަށެވެ. އަދި މިކަމާއި ގުޅިގެން އެމީހުން މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެގައުމުގެ ފުލުހުން ބުނީ، މިހާތަނަށް އެމީހުން ދަތުރު ދިޔަ ދަށުގެ ބޮޑުބައެއް ބަލާފައި ވާކަމަށާއި، އެހެންނަމަވެސް ގެއްލުނު މީހުންގެ އެއްވެސް ހިލަމެއް އަދި ނުވާ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން އެއާއިލާގެ މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި އިރު، އެމީހުންގެ ތެރެއިން ހައްޔަރުކުރި އުމުރުން 13 އަހަރުގެ ކުއްޖާ ފުލުހުންނަށް ދިން ބަޔާނުގައި ވަނީ، ދަތުރު ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު އާއިލާގެ މީހުންނާއި އެނބުރި ރަށަށް އައި މީހުންނާއި މައްސަލަ ތަކެއް ޖެހުނު ކަމަށް ބުނެފައެވެ.
އަދި ފުރަން ހަމަޖެހިފައި އޮތް ވަގުތަށް އެމީހުން ނައުމުން އެވަގުތު ތިބި މީހުންނާއި އެކު އެނބުރި ރަށަށް އައުމަށް ފުރީ ކަމަށް އެކުއްޖާ ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި ވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލަ އެގައުމުގެ ފުލުހުން ތަހުގީގު ކުރަމުންދާ އިރު، އެމީހުން ފެންނާނެ ކަމުގެ އުއްމީދެއް ނެތް ކަމަށް އެގައުމުގެ ބައެއް ނޫސްތަކުގައި ވަނީ ބުނެފަ އެވެ.