ads
އަލީ ވަހީދު
އަދިވެސް އަލީ ވަހީދުގެ ނަން ރެޑް ނޯޓިސް ވެބްސައިޓަކު ނެތް!
ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކުރުމަށް މިއަހަރުގެ މާޗް މަހުގެ ތިން ވަނަ އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުނު ކަމަށް ފުލުހުން ބުނިނަމަވެސް އަދިވެސް އޭނާގެ ނަން ލިސްޓުގައި ހިމަނާފައި ނުވާކަން އެނގިއްޖެއެވެ.

އަލީ ވަހީދުގެ މައްސަލައާއި ގުޅިގެން ފުލުހުން ހަތަރެއް މާޗް 2022 ގައި ބުނީ، އަލީ ވަހީދަށް ތުހުމަތުކުރެވޭ މައްސަލާގައި ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެން އޭނާ ހައްޔަރު ކޮށްގެން ރާއްޖެ ގެންނަން ރެޑް ނޯޓިސް ނެރެފައި ވާކަމަށެވެ. އަދި އޭނާ ހައްޔަރު ކޮށްގެން ގެނައުމަށް ނެރުނު ރެޑް ނޯޓިސް އާ ގުޅިގެން ޕީޖީ އޮފީހާ އެކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަން ފަށާފައި ވާކަމަށް ފުލުހުން ބުންޏެވެ.  

އެހެން ނަމަވެސް ރެޑް ނޯޓިސް ނެރެފައިވާ މީހުންގެ ނަންތައް ހިމެނޭ އިންޓަޕޯލްގެ ރަސްމީ ވެބްސައިޓުގައި އަދިވެސް އަލީ ވަހީދުގެ ނަން ހިމެނިފައި ނުވެއެވެ. އެހެން ކަމުން އަލީ ވަހީދު ހައްޔަރު ކުރުމަށް ރެޑް ނޯޓިސް ނެރެފައިވާކަން ވަނީ ކަށަވަރު ނުވެފައެވެ.  

މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރުމަށް ފުލުހުންނަށް ގުޅާލުމުން އެކަމުގެ މައުލޫމާތު ސާފު ކުރުމަށްފަހު ފަހުން ޖަވާބެއް ދޭނެ ކަމަށް ވަނީ ބުނެފައެވެ. 

މީހެއް ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވާނަމަ، ވަގުތުން އެމީހެއްގެ ނަން އިންޓަޕޯލް ރެޑް ނޯޓިސް ލިސްޓުގައި ހިމަނާނެއެވެ. 

މިހާތަނަށް މިމައްސާލާގައި ކަން ހިނގާފައިވާ ގޮތް

އަލީ ވަހީދުގެ މައްޗަށް ހިންގާ ޝަރީއަތުގައި ބައިވެރިވާން ރާއްޖެ އައުމަށް ސްޕްރީމް ކޯޓުން ޗިޓް ފޮނުވުމުންވެސް ރާއްޖެ ނައިސް ކޯޓުގެ އަމުރަށް ގޮންޖެހައި، ރާއްޖެ ވަޑައިގެންފައިނުވާތީ އަލީ ވަހީދުގެ މައްޗަށް ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެން ކުރި 2 މަހާއި 12 ދުވަހުގެ ހުކުމް ތަންފީޒު ކުރުމަށް އޭނާ ހާޒިރު ކުރަން ކަރެކްޝަނަށް ކޯޓުން އޮތީ މިދިޔަ އަހަރުގެ އޮގަސްޓު 11 ގައި އަމުރު ކޮށްފައެވެ. އެ ހުކުމް ކުރިތާ މިހާރު ފަސް މަސްވެފައިވާއިރު، އަލީ އެއްވެސް ބަޔަކަށް ރާއްޖެ ގެނެވިފައެއް ނުވެއެވެ.

އެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންގެ އެހީއަށް އެދޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަންސް އިން އޭރު ބުނެފައިވަނިކޮށް ފުލުހުން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު ބުނީ އޭނާ ގެނެއުމުގެ މަސައްކަތް ކުރަމުންދަނީ އެ ހުކުމް ތަންފީޒު ކުރުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުުލުހުން އޭރުވެސް ބުނެފައިވެއެވެ. 

ނަމަވެސް އޭގެފަހުން ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އަލީ ވަހީދު ރާއްޖެ ގެނައުމަށް ކޯޓުން އަމުރު ކޮށްފައިވާތީ ކަރެކްޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާއިރު މިހާތަނަށް އޭނާ ހޯދައިގެން ރާއްޖެ ގެނެސް ކަރެކްޝަނާއި ހަވާލުކުރުމަށް ކުރެވުނީ ކޮން މަސައްކަތެއްތޯ އަދި އިންޓަޕޯލް ރެޑް ނޯޓިސް ނެރެން ކުރީ ކޮން މަސައްކަތެއްތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ސީޕީ ހަމީދު ވަނީ އިންޓަޕޯލް ރެޑް ނޯޓިސް ނެރިގެން އަލީ ވަހީދު ހޯދުމަށް އެ އިދާރާއިން އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށް އެއްބަސްވެފައެވެ. 

އެކަމަށް އަމާޒުވި ފާޑުކިޔުންތަކަށްފަހު މިދިޔަ ޖެނުއަރީ ތެރޭގައި ފުލުހުން ބުނީ އެކަން އޭރު ނުކުރީ އެކަމަށް ބޭނުންވާ އިގިރޭސި އަމުރެއް ނުލިބިގެން ކަމަށެވެ. އެއަމުރު ފަހުން ލިބިގެން އަލީ ގެނެއުމުގެ މަސައްކަތް އަލުން ފުލުހުން މިހާރު ފަށާފައިވާއިރު އަލީއަށް އިއްވި ދެމަހާއި 12 ދުވަހުގެ ޖަލު ހުކުމުގެ މުއްދަތުވެސް މިހާރު އޮތީ ފަހަނައަޅާފައެވެ.

އަލީ ވަހީދު މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައިވެ އެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް