
އާތިފްގެ އަންހެނުންނާއި ދަރިން ބައިތިއްބާފައި ތިބެނީ އާތިފްގެ ރަށް ނިލަންދޫގައެވެ. އާތިފް އައީ މާލޭގައި، ނޫސްވެރިއެއްގެ ވަޒީފާ އަދާކުރަމުން ނެވެ. އާތިފް ވަޒީފާ އަދާކުރަމުން ދިޔައީ ބިޒީ ޝެޑިއުލް އެއްގަ އެވެ. ގިނަފަހަރު ރަށަކަށް ނުދެވެއެވެ.
އެހެން އުޅެން ޖެހިފައި ވުމާއެކު، އާތިފް އެހެންގޮތެއް އިހުތިޔާރި ކުރިއެވެ. އަފްރާ ފެނި އަފްރާ އަށް ހިތް ލެނބުނެވެ. ހަގީގަތުގައިވެސް އަފްރާދެކެ އާތިފް ލޯބި ވިއެވެ. ރަށަށް ނުދެވި މާލޭގައި އުޅެން ޖެހުނަސް އާތިފް އަކަށް ބޮޑުކަމަކަށް ނުވީ އަފްރާގެ ލޯބި ހިތްފުރެންދެން ލިބުނީމަ ކަމަށް އާތިފް ބުންޏެވެ. ސަބަބަކީ އާތިފް އެދޭ ކޮންމެ ވަގުތެއްގައި އާތިފް އެދޭ ކޮންމެ ކަމެއްް ކުރުމަށް އަަފްރާ ހުންނަނީ ރުހި ގަބޫލުވެގެން ކަމަށްވާތީ ކަމަށެވެ.
އާތިފް އޭނާގެ ބައިވެރިޔާއާއެކު ވަގުތު ހޭދަ ކުރަމުން ދިޔަ ދުވަސް ތަކުގެ ވާހަކަތަކާއި އެދުވަސް ތަކުގައި ހިނގައިދިޔަ ފިތްކަަނޑައިގެންދާ ފަދަ ބިރުވެރި ހާދިސާ އެއް ކިޔައިދިނެވެ.
އާތިފް ބުނީ ރަށަށް އަނބިމީހާއާއި ދަރިން ކައިރިއަށް ނުދެވޭތާ ތިން އަހަރު ވެފައިވާތީ އެ އަހަރު ޗުއްޓީ އަށް ރަށަށްދާން ވިސްނި ކަމަށެވެ.
ފުރުމުގެ ކުރިން އާތިފް އޭނާގެ ލޯބިވެރިއާ އަށް ބުންޏެވެ.
އާތިފް ރަށަށް ފުރިއެވެ. ތިން އަހަރަށް ފަހު ރަށުގައި ފައި ޖެހުމާއި އެކު ރައްޓެހިން ކިބައިން އާތިފް އަކަށް ސަލާމަތެއް ނުވެވުނު ކަމަށާއި، އެކުގައި އުޅުނު ރައްޓެހިން ދޫނުކޮށްގެން އެއްރޭ ދޫނި ހިފަން ފަޅު ރަށަކަށް ދާން ނިންމި ކަަމަށް އާތިފް ބުންޏެވެ.
ދޫނިހިފަން ދިޔައީ އާތިފްގެ ރަށާއި ޖެހިގެން އޮތް "ހުކުރުއެޅި" ކިޔާ ފަޅު ރަށަކަށް ކަމަށާއި، އެރޭ އެރަށުގައި މަޑު ކުރަން ފުރަތަމަ ނިންމި ކަމަށެވެ.
އެރަސުގައި އެހެން ބަޔަކު އުޅޭ ކަމަށްވެސް ގްރޫޕްގައި ދިޔަ ބައެއް ކުދިން ބުންޏެވެ. ރަށުގެ އަނެއްކޮޅުން ޓޯޗު ބައްތީގެ އަލިވެސް ފެނުނުނީމައި ބަޔަކު އުޅޭ ކަން ގަބޫލު ކުރީ އެވެ.
އަފޫ އެތައް ދުވަހެއްގެ ފަހުން ފެނުމުން އެ ރަށުން ދާ ހިތް އަސްލު ނުވި ކަމަށް އާތިފް ބުންޏެވެ. އޭރު އެންމެން ޑިންގީ އަށް އަރަމުން ދިޔައިރު، އަފޫ އާއި އެކު އެރަށުގައި މަޑުކޮށްލުމަށް ބޭނުންވި ކަމަށާއި، އަފޫ ހުރީ ވަރަށް ބާރަށް އަތުގައި ހިފައިގެން ކަމަށް އާތިފް ބުންޏެވެ.
އޭރު ޑިންގީ ތެރެއިން ގުރޫޕް އެންމެން ގޮވަމުން ދިޔަކަމަށާއި، އަވަހަށް ފުރަން އައުމަށް ބުނި ކަމަށް އާތިފް ބުންޏެވެ. އެހެން ރެ އެއްގައި މިރަށަށް އަންނާނެ ކަމަށް އަފޫގާތުގައި ބުނުމަށްފަހު، އާތިފް ޑިންގީ އަށް އެރިއެވެ.
ކައިރީގައި އޮތް އާތިފް މެންގެ ރަށަށް، އާތިފް މެނަށް ދެވުނީ ފަތިހު ފަހެއް ޖެހިފަހުން ކަމަށާއި، ރަށަށް ގޮސް ދަތުރުގައި ދިމާވި ވާހަކަތައް އެންމެން ކޮފީ މޭޒަށް ކިޔައިދިން ކަމަށް އާތިފް ބުންޏެވެ.
އެހާ ހިސާބުން އެގުނީ އެރޭ ރަށު އެއްވެސް މީހަކު އެ ފަޅު ރަށަށް ނުދާކަމަށާއި، އާތިފްގެ އަތުގައި ހިފައިގެން ހުރި މީހަކު އެއްވެސް މީހަކަށް ނުފެންނަ ކަމަށެވެ. އެހާ ހިސާބުން ވަރަށް ބިރު ގަތް ކަމަށާއި، ދުވަހަކުވެސް އެރަށަށް ނުދާން ގަސްތުކޮށް ރަށުގައި މާގިނަ ދުވަހެއް މަޑު ނުކޮށް އަވަހަށް މާލެ އައީ ކަމަށެވެ.
ނޯޓް: މިވާހަކަ އަކީ ބައެއް އިތުރު ތަކާއި އެކު، ރާއްޖޭގެ ރަށެއްގައި ހިގާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކަ އެކެވެ. މިވާހަކައިގައި ބޭނުން ކޮށްފައިވަނީ އެމީހުންގެ އަސްލު ނަމެއް ނޫނެވެ.