ads
އީދު ދުވަހު ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ހާއްސަ ހުއްދައެއް ދޫކުރަނީ
ފިތުރު އީދު ދުވަހު ހިނގާފައި އުޅޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ހާއްސަ ހުއްދައެއް ދޫކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
Advertisement

ފިތުރު ޢީދު ދުވަހު 4 ގަޑިއިރަށް މާލޭގައި ވެހިކަލް ދުއްވުން މަނާކޮށް، ފައިމަގުގައި އުޅޭ ގަޑިއެއް ގޮތުގައި އީދު ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00 ހަމަޔަށް ވަނީ ކަނޑައަޅާފައެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ އެވަގުތު ތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް އޮވެގެން ވެހިކަލް ދުއްވަންޖެހިދާނެ ފަރާތްތަކަށް ދޫކުރާ ހާއްސަ ހުއްދައެއްގެ ގޮތުގައި އެ ވެހިކަލްތަކަށް ސްޓިކާއެއް ދޫކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެފަދަ ވެހިކަލްތަކަށް ދޫކުރާ ސްޓިކާ ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ ހެނދުނު 09:00 އިން ހަވީރު 15:00 އަށެވެ. އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ. ސްޓިކާ ދޫކުރާނީ ބޮޑު ތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭ ބައިންނެވެ.

ކަލަންޑަރުގައި ވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ މަހުގެ ދެ ވަނަ ދުވަހެވެ. މީގެ ކުރީ އަހަރުތަކުގައި ވެސް އީދު ދުވަހުގެ ވަކި ވަގުތަކީ ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ނިންމާ އެ ދުވަހުގެ ބައެއް ގަޑިތަކުގައި ވެހިކަލް ދުއްވުން މަނާ ކުރެއެވެ.

ވެހިކަލްތަކުގެ ތެރެއިން އެވަގުތުތަކުގައި ދުއްވޭ އުޅަނދުތަކަކީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތަކާއި، އެމްބިއުލެންސް އާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސައިކަލް އަދި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންދާ ބަހުގެ ހިދުމަތުގެ އިތުރުން އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތަށް އެކަންޏެވެ.

މީގެ ކުރީ އަހަރުތަކުގައި އެދުވަހު ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ޒަރޫރީ ބޭނުމަށް އޮޕަރޭޓް ކުރަންޖެހޭ އުޅަދެއް ފިޔަވައި އެެހެން އެއްވެސް އުޅަނދެއް ނުދުއްވޭ ގޮތަށް އޮންނަނީ މާލޭ ސިޓީގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭ އެވެ.

ނަމަވެސް މިފަހަރު ފައިމަގުގައި އުޅޭ ވަކިވަގުތެއް ހާއްްސަކޮށް ވެހިކަލް ދުއްވުން މަނާކޮށްފައިވަނީ މާލޭގައި އެކަންޏެވެ.

އެގޮތަށް ނިންމާފައިވަނީ ކުރީ އަހަރުތަކުގައި ހުޅުމާލޭގައި އެފަދަ ވަގުތެއް ކަނޑައެޅުމުން ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިވެފައިވާތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް