ads
އޭޑީކޭ ހޮސްޕިޓަލް--
އޯ ޕޮޒިޓިވްގެ ބަދަލުގައި ޒުވާނެއްގެ ގަޔަށް އެޅީ އޭ ޕޮޒިޓިވް ލޭ
އޭޑީކޭ ހޮސްޕިޓަލުން ޒުވާނެއްގެ ގަޔަށް އޯ ޕޮޒިޓިވްގެ ބަދަލުގައި އޭ ޕޮޒިޓިވް ލޭ އެޅި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޯ ޕޮޒިޓިވް ލޭގެ ބަދަލުގައި އޭ ޕޮޒިޓިވްލޭ އެޅީ އީދު ދުވަހުގެ ހެނދުނު މާލޭގައި ހިނގި މާރާމާރީއެއްގައި ޒަހަމްވި ޒުވާނެއްގެ ގަޔަށެވެ. 

މިކަމާއި ގުޅިގެން މިހާދިސާގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވަނީ، އޯ ޕޮޒިޓިވް ލޭ ހުރި ޒުވާނާގެ ގަޔަށް އޭ ޕޮޒިޓިވް ލޭ ގެ ތިން ޕޮއިންޓު ލޭ އަޅަމުން ދަނިކޮށް އެކަން އެނގުމުން އެކުއްޖާގެ މަންމަ ވަނީ އެ ކުއްޖާގެ ގައިގާ ހުންނަނީ އޯ ޕޮޒިޓިވް ލޭ ކަމަށް ބުނެ ޑޮކްޓަރުންނަށް އެކަން އަންގާފައި ކަމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލުން އެކަން ގަބޫލު ނުކޮށް ހޮސްޕިޓަލުން ވަނީ އެކުއްޖާގެ ގައިގައި ހުންނަނީ އޭ ޕޮޒިޓިވް ކަމަށް ބުނެ ލޭ އެޅުން ކުރިއަށް ގެންގޮސްފައި ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. 

އެހެން ނަމަވެސް އެކުއްޖާގެ އާއިލާއިން ތަކުރާރުކޮށް އެދުމުން އަލުން އެ ކުއްޖާގެ ލޭ ޓެސްޓު ކުރުމަށް ފަހު ވެސް ކުއްޖާގެ ގައިގައި ހުންނަނީ އޭ ޕޮޒިޓިވް ކަމަށް އެ ހޮސްޕިޓަލުން ބުނި ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. 

"މި ވީގޮތަކީ މި ހާދިސާ ހިނގައިގެން މިތަނަށް (އޭޑީކޭ) އަށް ގެނައި ދެ ކުދިންގެ ލޭ ބަދަލުކޮށް އޮޅުވާލީ. ދެން ފެމިލީއިން އޯ ޕޮޒިޓިވް އޭ ކުއްޖާގެ ހުންނަނީ ބުނީމަ ވެސް ގަބޫލު ނުކޮށް އޭ ޕޮޒިޓިވް ލޭ ތިން ޕޮއިންޓު އެޅި ފަހުން އަނެއްކާ ވެސް ފެމިލީއިން ކިޔާތީ ޓެސްޓު ހެދީ ފެމިލީ ކުރިމަތީގައި. އެ ޓެސްޓު ވެސް އޭ ޕޮޒިޓިވް ކަމަށް ދެއްކުމުން ފެމިލީ މީހުން ހިމޭނުން ތިއްބާ އޭގެ އެތައް އިރެއް ފަހުން ވަދެފައި މި ބުނަނީ މިސްޓޭކެއް ހެދުނީއޭ އަސްލު. ކުއްޖާގެ ގައިގައި ހުރީ އޯ ޕިޒިޓިވްއޭ،" އެފަރާތުން ބުންޏެވެ.

މި ކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، އެފަދަ ކަމެއް ހޮސްޕިޓަލުގައި ހިނގައިގެން އުޅޭ ކަމަށާއި، އެހެން ނަމަވެސް އެކަން އެނގުނު ހިސާބުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ. އަދި އެކުއްޖާ ހާލު ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުން އައްފާލް ވިދާޅުވީ، އަނިޔާވެގެން ހޮސްޕިޓަލަށް ގެނައި ދެ މީހުންގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށާއި، އެހެން ނަމަވެސް އަދި ވެސް ދެ މީހުން އޮތީ އައިސީޔޫގައި ކަމަށެވެ.  

28%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
48%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް