
ނަން ނުޖެހުމަށް ޝަރުތުކޮށް "ސީއެންއެމް"އަށް މައުލޫމާތު ދިން ފަރާތަކުން ބުނީ އައިމިނަތުދިޔެ ފްރޭމްކޮށް ހައްޔަރު ކުރުމުގެ ސަބަބުންނާއި، ބަންދުގައި ހޭދަވި މުއްދަތުގައި ނަފްސާނީ ގޮތުން ގިނަ ގެއްލުން ތަކެއް ލިބިފައި ވާކަމަށެވެ. އޭގެ ސަބަބުން ވަޒީފާ އަދާކުރަމުންދާ ސުކޫލުގެ މާހައުލަށް ނުކުތަސް އެ އިހުސާސްތައް އޭނާ އަށް ވާނެ ކަމަށެވެ. ނަމަވެސް އަންނަ އާދީއްތަ ދުވަހުން ފެށިގެން ވަޒީފާ އަށް ނުކުތުމަށް އާމިނަތުދިޔެ އަށް ސުކޫލުން އަންގާފައިވާ ކަމަށެވެ.
އެ ސުކޫލުގެ މަސައްކަތުމީހެއްގެ ވަޒީފާ އަދާކުރަމުންދާ އާއިމިނަތުދިޔެ އަށް މިއަރު މާޗް މަސް ތެރޭގައި އެ ސުކޫލުން އަންގާފައިވަނީ އުމުރުން ހަ އަހަރުގެ ކުއްޖަކު ފާހާނާ އަށް ގެންދިއުމުގެ ތެރޭގައި ދިމާވި މައްސަލައެއްގެ ސަބަބުންން ސުކޫލުން ވަކި ގޮތެއް އަންގަންދެން ގޭގައި މަޑުކޮށްލުމަށް ކަމަށެވެ.
އެގޮތުން ސުކޫލުން އެންގުމާއި އެކު އާމިނަތުދިޔެ ގެއަށްގޮސް ހުއްޓާ ފުލުހުން ކޯޓް އަމުރަކާއި އެކު އައިސް އާމިނަތުދިޔެ ހައްޔަރު ކުރި ކަމަށެވެ. ނަމަވެސް އާމިނަތު ދިޔެ މިހާރު ޖަލުން ދޫކޮށްލާފައިވާ ކަމަށާއި، ސުކޫލުން އޭނާ އަށް ވަޒީފާއަށް އަލުން ނުކުތުމަށް އަންގާފައިވާ ކަމަށެވެ.
ޖިންސީ ގޯނާގެ އެ މައްސަލައާ ގުޅުންހުރި ލިޔެކިޔުން ތަކާއެކު، ޖިނާއީ ދައުވާއެއް ކުރުމާމެދު ގޮތެއް ނިންމައި ދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފުލުހުން ހުށަހެޅުމުން މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަން ކުރުމަށް ފަހު، ޖިނާއީ ދައުވާއެއް ކޮށްގެން ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާކަމަށް ބަޔާންކޮށް ޕީޖީ އޮފީހުން މައްސަލަ ވަނީ އަނބުރާ ފޮނުއްވާލާ ފައެވެ. އެހެންކަމުން އައިމިނަތުދިޔެ ބަންދުންދޫކުރި އެވެ.
އަދި އެފަރާތުން މައުލޫމާތު ހިއްސާކުރަމުން ބުނީ އާމިނަތުދިޔެ ބަލަމުންދާ ކުދިން ތިބުމާއެކު އެ ކުދިންނަށް ފަސޭހައިން ބޭނުން ކުރެވޭހެން ގޭގައި ފާހާނާއެއް ހެދުމަށް މީގެ ކުރިން އައިމިނަތުދިޔެ ވަނީ ބެންކު މެދުވެރި ކޮށް ލޯނެއް ނަގާފައި ކަމަށެވެ.
އާއިލާއިން ތުހުމަތުކުރާ ގޮތުގައި އާމިނަތުދިޔެއާއި އެ ޖިންސީ ގޯނާގެ މައްސަލައާއި އެއްވެސް ގުޅުމެއް ނެތެވެ. ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ ކުއްޖާގެ ކާފަކަމަށް ބުނެ އައްޑޫގައި ސިލްސިލާ މުޒާހަރާ ތަކެއްވެސް ކުރިއެވެ.
މުޒާހަރާތަކުގައި ގޮވާލާފައި ވަނީ އާމިނަތުދިޔެ ވަނީ ފްރޭމްކޮށްފައި ކަމަށާއި، އޭނާ ވަގުތުން ދޫކޮށްލުމަށްފަހު ކުއްޖާގެ ކާފަ ހައްޔަރު ކުރުމަށެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އެމައްސަލާގައި އިތުރު މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭވަރުގެ ހެއްކެއް ނުލިބޭ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަމުން އެމީހާ ބުނީ މައްސަލައާ ގުޅިގެން އާމިނަތުދިޔެ ހައްޔަރު ކޮށް ފައިވަނީ މާޗް 24 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދު ކުރުމަށް އޭރު އަމުރުު ކުރީ ކަމަށެވެ.