ads
ވިލިގިލި
ދަތްއަޅާ އިނގިލި ބުރިކޮށްލި މީހާ ކޯޓުގެވެސް ހުރުމަތް ކަނޑައިގެން 5 މަހަށް ޖަލަށް
ގއ. ވިލިނގިލީގައި ގެއަކަށް ވަދެ އެ ގޭގެ ހަތަރު އަންހެނެއްގެ ގައިގައި ދަތް އަޅައި އަނިޔާކޮށް، އެކަކުގެ އިނގިލި ބުރިކޮށްލި މައްސަލާގައި ރޭ ހައްޔަރުކުރި މީހާ ކޯޓަށް ހާޒިރުކުރުމުން ތަކުރާރުކޮށް ކޯޓުގެވެސް ހުރުމަތް ކަނޑާލައިގެން ފަސް މަސް ދުވަހަށް ޖަލަށް ލުމާއިއެކު ޝަރީއަތް ނިމެންދެން ބަންދުކުރަން އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ގ. ޗެރީހައުސް، ކ. މާލެ، އަލީ ހަސަން ނަމަކަށް ކިޔާ މީހަކު ރޭގެ ވަގުތެއްގައި ވަނީ ވިލިގިލީ ގެއަކަށް ވަދެ އެގޭގެ މީހުންނާއި މާރާމާރީ ހިންގައި އެކެއްގެ އިނގިލި ބުރިކޮށްލައިގެން ހައްޔަރުކޮށްފައެވެ.

"ސީއެންއެމް"އަށް އެގިފައިވާގޮތުގައި އޭނާ ވިލިނގިއްޔަށް ދިޔައީ މީގެ ދުވަސް ކޮޅެއް ކުރިން އޭނާގެ ދަރިން ކައިރިއަށެވެ. ކައިވެނި ރޫޅުނު ފަހުން ދަރިން ދިރިއުޅެމުން ދިޔައީ އެކުދިންގެ މަންމަ އާއި އެކުއެވެ. 

އޭނާ ވަނީ ރޭ ކުދިން ފަތިސް ނަމާދަށް ގެންދަން ކަމަށްބުނެ ދަންވަރު ތިނެއް ޖެހިއިރު އެކުދިން ބަލާ ގޮސްފައެވެ. އެހެން ނަމަވެސް އެކުދިންގެ މަންމަ ފަރާތު އާއިލާއިން ވަނީ އެކުދިން ވަގަށް މާލެ ގެންދަން އަލީ ހަސަން މަސައްކަތް ކުރަނީކަމަށްބުނެ އެ ކުދިން ފޮނުވަން ދެކޮޅު ހަދާފައެވެ. 

މިކަމާއި ގުޅިގެން އުފެދުނު ދެބަސްވުމުގެ ތެރޭ އަލީ ހަސަން ވަނީ އޭނާގެ ކުރީގެ އަނބިމީހާގެ ކޮއްކޮގެ އިނގިލީގައި ދަތް އަޅާ ބުރިކޮށްލާފައެވެ. އަދި އިތުރު ތިން މީހަކަށްވެސް އަލީ ހަސަން ވަނީ އެކިވަރުގެ އަނިޔާތައް ކޮށްފައެވެ. އެގޮތުން އިތުރު އަންހެނެއްގެ މުލަށްދަނޑީގައި އޭނާ ވަނީ ދަތް އަޅާފައެވެ. އަދި އުމުރުން 60 އަހަރުގެ އަންހެނެއްގެ އިނގިލި ބިނދިފައި ވާއިރު، 74 އަހަރުގެ ފިރިހެނެއްގެ އަނގަ މަތި އަލީ ހަސަން ވަނީ ފަޅާލާފައެވެ. 

ފުލުހުން އޭނާ ހައްޔަރު ކުރީ މާރާމާރީ ހިންގުމަށްފަހު މިސްކިތުގައި އިންދާ ކަމަށްވެސް އެރަށުން މައުލޫމާތު ދިން މީހަކު ވަނީ ބުނެފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރުމަށް އެރަށު މެޖިސްޓްރޭޓް ކޯޓަށް އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ހާޒިކުރުމުން އޭނާ ކޯޓުގެ ހުރުމަތް ކަނޑާލައިގެން ފަސް މަސް ދުވަހަށް ޖަލަށް ލުމާއިއެކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެ ކޯޓުގެ ހުކުމުގައި ވާގޮތުން، އޭނާގެ ފަރާތުން ހަތަރު އަންހެނަކަށް ވަނީ އަނިޔާލިބިފައެވެ. އެގޮތުން އެކެއްގެ މެދު އިނގިލިން އެއް ސެންޓިމީޓަރުގެ ތަނެއް ދަތްއަޅާ ކަނޑާލާފައިވާއިރު، އެބައި އެއްކޮށް ނިޔަފަތިތަކާއިއެކު ކަނޑާލާފައިވާ ކަމަށް ފޮޓޯތަކުން އަދި ބަޔާންތަކުން އެގޭ ކަމަށް ހުކުމުގައި ވެއެވެ. 

އަދި އުމުރުން ދުވަސްވީ މީހެއްގެ އިގިލިވެސް ބިންދާލާފައިވާއިރު، އިތުރު ފަރާތެއްގެ އަތަށާއި ފަޔަށް އަނިޔާދީފައިވާ ކަމަށް ހުކުމުގައިވެއެވެ. އެކަމަށް ބަޔާންދީފައިވަނީ އޭނާގެ ދަރިންގެ މަންމަގެ އާއިލާގެ މީހުން ކަމަށް ހުކުމުގައިވެއެވެ. 

ފަސް މަސް ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާފައިވަނީ، ޝަރީއަތުގެ އަޑުއެހުމަށް ގާޒީ ވަޑައިގަތުމުން އޭނާ ކޮޅަށް ތެދުވެފައި ނުވުމުން ނަސޭހަތް ދިނުމަށްފަހުވެސް އަމުރަށް ނުކިޔަމަންތެރިކަން ދައްކާ ކޯޓުގެ ހުރުމަތް ކަނޑާލާފައިވާތީއެވެ. 

ގާޒީ ވަޑައިގަތުމުން ޝަރީއަތުގެ މަޖިލީހުގައި އެވަގުތު ތިބޭ އެންމެ ކޮޅަށް ތެދުވަންޖެހޭކަމާއި، ނުވާނަމަ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލާ 15 ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަން އެގިހުރެ ތަކުރާރުކޮށް 10 ފަހަރު އެދުމުންވެސް އޭނާ ކޮޅަށް ތެދުވެފައެެއް ނުވެއެވެ. އެއިން ކޮންމެ ފަހަރަކު 15 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ޝަރީއަތުން އިއްވުމުންވެސް އޭނާ އަޑުހަރުކޮށް "ޖަޒާކަށްﷲ ހައިރަން" މިގޮތަށް ބުނެ، ކޮޅަށް ތެދުވާން އިންކާރުކޮށްފައިވެއެވެ. 

ފަހުން އޭނާގެ ދިފާއުގައި ވާހަކަދައްކަން ދިން ފުރުސަތުގައިވެސް ކޮޅަށް ތެދުވެހުރެ ވާހަކަދައްކަން އޭނާ ވަނީ އިންކާރުކޮށްފައެވެ. އެހެންކަމުން އެ ފުރުސަތު އޭނާއަށް ނުދީ ޝަރީއަތުގެ މަޖިލިސް ނިންމާލީ ފަސް މަސް ދުވަހުގެ ޖަލު ހުކުމަކާއުއިއެކު އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް އޮތްކަމަށް ބަލާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް