އެގައުމުގެ ފުލުހުންނަށް މި މައްސަލަ ހުށައެޅީ އުމުރުން 29 އަހަރުގެ އަމްރިތް ސިންހަ ނަމަކަށް ކިޔާ ޒުވާނެއް ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ. އަދި މިއީ އޭނާ ވަޒީފާ އަދާ ކުރަމުންދިޔަ ތަނުން ބޭންކަށް ޖަމާކުރަން ދިން ފައިސާ ކަމަށާއި، ބޭންކަށް ދިޔަ މަގުމަތީ ކުރޮޅި އެއް ތެރޭ އެ ފައިސާ ދަބަސް ހަނދާން ނެތިގެން ބެހެއްޓުނީ ކަމަށް އެ ޒުވާނާ ފުލުހުންނަށް ދިން ބަޔާނުގައި ވަނީ ބުނެފައެވެ.
މި ފައިސާ ހޯދުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. އަދި ފައިސާ ހޯދައިދޭ މީހާއަށް އެ ކުންފުނިން ވެސް ވަނީ އިނާމު ދޭނެ ކަމަށްބުނެފައެވެ.
މި ފައިސާތައް ފެނުމުން އެ ކުންފުނިން ވަނީ އެ މީހާއަށް އެއް ލައްކަ ރުޕީސް އާއި ކާރެއް ގަންދޭން ނިންމާފައެވެ. އަދި އެ މީހާ ދިރިއުޅެމުން ދިޔަ ގޭގައި ހުރި މަރާމާތްތައްވެސް ކޮށްދިނުމަށް ވަނީ ނިންމާފައެވެ.
މިކަމާއި ގުޅިގެން އެ ކުރޮޅި ޑުރައިވަރު ބުނީ، ފައިސާތައް ހަވާލު ކުރީ ބަދަލުގައި އެއްވެސް އެއްޗެއް ހޯދުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ކުންފުނިން އެ ކޮށްދިނީ ދުވަހަކުވެސް އަގު ނުކުރެވޭނެ ވަރުގެ ކަމެއް ކަމަށާއި، އެކަން މުޅި އުމުރުވެސް ބަލައި ގަންނާނެ ކަމަށް އެމީހާ ވަނީ ބުނެފައެވެ.