ads
ސައީދު ޔޫސުފް
ސައީދު ޔޫސުފްގެ އެންމެ ފަހުބަސް: "ދަރިފުޅާ! ދެން ނޭނގެ ބައްޕައަށް އާދެވޭނެ ކަމެއް"
ދުނިޔޭގެ ލައްވާފައިވާ ކޮންމެ ދިރުމަކީ ނެތިވެ ފަނާވެދަނިވި އެއްޗެކެވެ. އިންސާނާ ކުރު އަޖަލަކުން ނިމިދާއިރު، ކޮންމެ މީހަކުވެސް ބޭނުންވާނީ ހެޔޮ ރީތި މަރަކުން ނިމިދިއުމަށެވެ. ތިމާ ހެއްދެވި ފަރާތަށް ހާލިސް ކަމާއެކު އަޅުކަން މަތީގައި އެކަލާނގެ މަގުގައި ދަތުރުފެށި ކޮންމެ އަޅަކަށް ހެޔޮނިމުމަކުން ނިމުން އެކަލާނގެ މެދުވެރި ކުރަައްވާނެ ކަން ކަށަވަރެވެ.
Advertisement

އިއްޔެ މިފަނާވަނިވި ދުނިޔެއާއި ވަކިވެ، މައްކާގެ ބިމުގެ ފަސްދަށަށް ދިޔައީވެސް ދުނިޔޭގައި ހެޔޮ އަމަލުކޮށް ރީތި މަރެއް ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރި މީހެކެވެ. ނަމާދުކޮށް ދުއާކޮށް ހެޔޮމަގުގައި އުޅެމުންދިޔަ އަޅެކެވެ. ދުނިޔޭގައި އުޅުނު މަދު ދުވަސްކޮޅު އަނބިމީހާއާއި އާއިލާ އަށް އަޅާލި އޯގާތެރި ފިރިއެވެ. ދަރިންނަށް ހެޔޮމަގު ވިސްނައިދީ ދަރިންތަރުބިއްޔަތު ކުރުވި އޯގާތެރި ބައްޕައެވެ.

ދުނިޔޭގައި އުޅުނު މަދު ވަގުތުކޮޅު ހަލާލު ބުރަ މަސައްކަތުން ކާންބޯން ރިޒުގު ހޯދިއެވެ. ހަޔާތުން ފުރަތަމަ ފަހަރަށް އުމްރާ އެއް ފުރިހަމަކޮށް ދެވަނަ އުމްރާއެއް ރ. މީދޫ ސައިދު ޔޫސުފް ވެސް ތިން ދަރިންނާއި ލޯބިވާ އަނބިމީހާ ގޮވައިގެން މައްކާ ބިމަށް ދަތުރުފެށިއެވެ.

ތިމާގެ ފަސްމުށް ވާނެ ތަނެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ. ނަމަވެސް އެ ދިމާލަށް ސައީދު ޔޫސުފް ވެސް ދަތުރުފެށިއެވެ. ކުރު ހަޔާތަކުން ދެވަނަ އުމްރާގެ އަޅުކަން ހެއްދެވި ފަރާތަށް ހާލިސް ހިތަކާއެކު ކުރުމަށް އެދިގެންނެވެ.

ސައީދުގެ ވާހަކަތައް "ސީއެންއެމް" އާއި ހިއްސާކުރީ ސައީދުގެ އާއިލީ ފަރާތެވެ. އޭނާ ބުނީ ސައީދުބެ އާއި އޭނާގެ އަންހެނުން ވެސް ގޮވައިގެން އުމުރާ އަށް ދާންވެގެން ނިމިދިޔަ ރަމަޟާން މަހުގައިވެސް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކޮވިޑްގެ ކަންތަކާއި ހެދި މި ރަމަޟާން މަހަށް އުމްރާގެ ދަތުރު ފަސްކުރެވުނީ ކަމަށެވެ.

your imageސައީދު ޔޫސުފް އާއިލާއާއެކު

އެވަގުތު ހާލަތު ހުރި ގޮތުން ނުދެވުނަސް މިއަހަރު ތިން ދަރިންނާއި އަނބިމީހާ ގޮވައިގެން މައްކާގެ މާތް ބިމަށްދާން ދަތުރު ހެދީ ބުރަމަސައްކަތް ކޮށްގެން ލިބިފައިވި ފައިސާ އެއްކޮށްގެން ކަމަށެވެ. ސައީދުބެ އަކީ ކުރިން މަސްވެރިއެއް ކަމަށާއި، އުމުރުން ދުވަސްވުމާއެކު ސަރުކާރުންދޭ އެލަވެންސް ލިބެން ފެށުމުން މަސްވެރިކަން ހުއްޓާލީ ކަމަށެވެ.

ނަމަވެސް ކޮންމެވެސް ވަރަކަށް ފަރުމަސްވެރިކަން ކުރުމަށް ކައިރި ރަށްރަށަށްދާ ކަމަށާއި، އެގޮތުން ފައިނާއި، ތުޅާދު އާއި، ނައިފަރަށް ވެސް ދާކަމަށާއި، އެގޮތަށް މަސްވެރިކަމަށް ބޭނުންކުރާ ދާ ހެދުން ފަދަ ކަންކަން ވެސް އެ ރަށްރަށަށް ގޮސް ކުރާ ކަމަށެވެ. 

"އަބަދުވެސް ވަރަށް ބުރަ މަސައްކަތް ކުރާނެ ކައިރި ރަށްރަށަށް ގޮސް. ސަރުކާރުން އެލަވެންސް ލިބުނު ނަމަވެސް ސައިދުބެ އަބަދުވެސް މަސައްކަތް ކުރާނެ ފައިސާ ހޯދުމަށް. ފުރަތަމަ އުމުރާ އަށް ފޮނުވީ ދަރިންނާއި އަންހެނުން. އޭގެ ފަހުން ސައީދުބެވެސް ދިޔަ. މީ ސައީދުބެގެ ދެވަނަ އުމްރާ . މި އަހަރުވެސް ކުރިން އުމްރާ އަށް ނުދެވޭ ކުދިންނާއި އަންހެނުން ގޮވައިގެން ސައީދުބެ މައްކާ ބިމަށް އުމްރާ އަށް ދިޔައީ." އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ ސައީދުބެއާއި އާއިލާ ފުރުވަން ދިޔަ ކަމަށާއި އެދުވަހު ވެސް އެންމެންތިބީ މައްކާގެ ބިމަށް ދެވޭތީ އުފަލުން ކަމަށެވެ. އެ ބިމުގައި ފައި ޖެހުމާއެކު އުމުރުން ދުވަސްވެ ވަރުބަލިވެފައިވާ ހާލުގައިވެސް އުމްރާ ފުރިހަމަ ކުރުމަށް އަޅުކަމުގައި ވަގުތު ހޭދަކުރަމުން ދިޔަކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އިތުރަށް، އާއިލާއިން ވާހަކަ ދެއްކި މީހާބުނީ އުމުރުން ދުވަސްވެފައި ވުމާއެކު ވެސް ފަހުވަގުތު ސައީދުބެ ކެއުމާއި ބުއިމާއި އެއްކޮށް ދުރުވެފައިވާ ކަމަށެވެ. އެހެންވުމުގެ ސަބަބުން ވަރުބަލިވެ ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރި ފަހުން ސައީދުބެއަށް ވާހަކަ ނުދެއްކޭ ކަމަށާއ، ނަމަވެސް މައްކާ އަށް ދިއުމުގެ ކުރިން މާލޭގައި ދިރިއުޅެމުންދާ ސައީދުބެގެ ދޮށީ ދަރިފުޅާއި ވާހަކަ ދައްކަމުން ސައީދުބެ ބުނީ ދެން އަބުރާ ރާއްޖެ އާދެވޭނެ ކަމެއް ނޭނގޭ ކަމަށެވެ. 

" ނޭނގެ ދެން އާދެވޭނެ ކަމެއްވެސް ގޭގައި ހަދަން ފަށާފައިވާ ފާރު ހަދާނީ ބައްޕަ އެދޭގޮތަށް" ސައީދުބެ އެދުނު ގޮތް ސައިދުގެ އާއިލާ މެމްބަރު ބުންޏެވެ.

ސައީދު އަކީ ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހެއް ކަމަށާއި، ހޮސްޕިޓަލަށް ސައިދު ގެންދިޔައީ ނުކައި ހުރެ ވަރުބަލި ވުމުން ކަމަށް ވުމުން ވާހަކަވެސް ނުދެއްކި އޮތް ކަމަށް އޭނާ ބުންޏެވެ. ސައިދު މެން ދިޔަ ގުރޫޕުގައި ސައީދުގެ ރަށުގެ 17 ފަރާތެއް އުމްރާއަށް ދިޔައެވެ.

އެގޮތުން ނަރުހުންވެސް އެ ގުރޫޕުގައި ހިމެނުނު ކަމަށް އޭނާ ބުންޏެވެ. ހޮސްޕޓަލުގައި ސައީދުބެ އޮއްވާ އެވަގުތު އެތާގައި ހުރި ނަރުސް ކުއްޖެއް ބުނި ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ ސައިދުގެ ފަރާތުން ފެނުނު އަލާމާތުން އެ ވަގުތު ކޮޅަކީ ސައީދުގެ އެންމެ ފަހު ވަގުތުކޮޅަށް ވެދާނެ ކަމަށެވެ.

އޭގެ މާގިނަ އިރު ތަކެއް ނުވެ ސައީދު މި ފަނާވަނިވި ދުނިޔެއާއި ވަކިވެދިޔައީ ކަމަށެވެ. ހެޔޮ މަރަކުން މާތް ﷲ އެފުރާނައިގެ ވެރި އިލާހަށް ގެންދެވީ އެވެ. ސައިދު ޔޫސުފްގެ ފަސްމުށް އޮތް ބިމުގައި އޭނާ ވަޅުލީ އާއިލާ އާއި ދަރިނަގެ ލޯ ކަރުނައިން ތެންމާފައެވެ.

 إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ  ހިތާމަވެރި މި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވާ، ސައީދު ޔޫސުފްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރަމެވެ.   

22%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
61%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް