ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ، 18 ފެބުރުވަރީ 2022 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި މިލަދޫ، މާގަސްދޮށުގެ ގޯތި ތެރޭގައި ބަހައްޓާފައި ހުރި އެރަށު ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައިގައި އަބްދުﷲ ޝުހާދުގެ މައްޗަށް އުފުލާފައިވަނީ މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި އެ ދައުވާ އުފުލާ އެ ރަށު މެޖިސްޓްރޭޓް ކޯޓަށް މިދިޔަ ހުކުރު ދުވަހު ހުށަަހަޅާފައިވާ ކަމަށެވެ.
ރޯކޮށްލާފައިވަނީ މިލަދޫ ޕޮލިސް ޑެސްކްގައި މަސައްކަތް ކުރައްވާ އެރަށަށް ނިސްބަތްވާ ފުލުހެއް ކަމަށްވާ މުހައްމަދު އަރީޝްގެ ސައިކަލުގައެވެ. އަރީޝް އަކީމިލަދޫގައި، ޕޮލިސް ޑެސްކާ ހަވާލުވެގެން ހުންނެވި ފަރާތެވެ.
އެދުވަހު "ސީއެންއެމް" އަށް އަރީޝް ވިދާޅުވީ ސައިކަލް ރޯކޮށްލާފައިވަނީ އެރޭ ޑިންގީއެއްގައި އެރަށަށް ބަޔަކު ކައިރި ކުރި ކަމަށާއި، އެއީ ޑްރަގް ޑީލެއް ހިންގަން އުޅެނީ ކަމަށް ލިބުނު މައުލޫމާތާއިއެކު އެތަނަށް ފުލުހުން ދިޔަކަމަށެވެ. އަދި އެކަމުގައި އުޅުނު މީހުން ފަހައިގަތުމުން ގޮސް ވަލަށް ވަނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭގެފަހުން އިންޒާރު ތަކެއް ދިންކަމަށާއި، ސައިކަލް ރޯކޮށްލި ހާދިސާ ހިންގާފައިވަނީ އޭގެ ފަހުން ކަމަށެވެ. އަދި ސައިކަލް ރޯކޮށްލި މީހާ ޝައްކު ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާގެ ސައިކަލުގައި ރޯކޮށްލާފައިވަނީ އެރޭ ދަންވަރު 3:37 ގައެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެރޭ 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވެއެވެ.
މިލަދޫ ކައުންސިލުން ފާހަގަކުރާ ގޮތުގައި 800 އެއްހާ މީހުން ދިރިއުޅެމުން އަންނަ އެރަށުގައި މަސްތުވާ ތަކެތީގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ.