ads
މާލޭ ފަޅުގައި އަޅާފައި އޮތް ދޯންޏެއް--- ފައިލް ފޮޓޯ
2 ދޯނި ދޭތެރޭ ފިތިގެން މަރުވި 60 އަހަރުގެ މީހާ: މޭކަށިގަނޑަށް ބޮޑެތި އަނިޔާތަކެއް!
މ. އަތޮޅު ކޮޅުފުށީ ކައިރީ ދެ ދޯންޏެއް ކައިރިކޮށްގެން އުޅެނިކޮށް މިއަދު ހަވީރު 16:41 ހާއިރު ދެ ދޯނި ދޭތެރޭގައި ފިތިގެން މަރުވެފައިވަނީ، ބ.އަތޮޅު ހިތާދޫއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ އަބްދުﷲ އަހްމަދު ނަމަކަށް ކިޔާ މީހެކެވެ. އެ ހާދިސާ ހިނގުމާ އެކު ދެދޯނި ދޭތެރެއިން ނެގި އިރު ވެސް އަބްދުﷲ މިދުނިޔެ އާ ވަކިވެއްޖެ އެވެ.
Advertisement

އެ ހާދިސާގެ މައުލޫމާތު "ސީއެންއެމް" އާ ހިއްސާ ކުރަމުން މުލީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު ނާފިޒް ވިދާޅުވީ، ދެ ދޯނި ދޭތެރޭގައި މީހަކު ފިތިގެން ވަރަށް ބޮޑަށް މީހަކަށް އަނިޔާވެގެން އުޅޭ ކަމަށް އެ ހޮސްޕިޓަލަށް މައުލޫމާތު ލިބުނީ މިއަދު ހަވީރު 17:30 އެހާކަށް ހާއިރު ކަމަށެވެ. 

އެމައުލޫމާތު ލިބުމުން ގާތްގަނޑަކަށް 30 މިނެޓުގެ ދަތުރެއް ކުރުމަށް ފަހު ޑޮކްޓަރުންގެ ޓީމަކާ އެކު އެ ދޯނި އޮތް ހިސާބަށް ގޮސް އަބްދުﷲ ބެލި އިރު، އޭނާގެ ފުރާނައެއް ނެތް ކަމަށް ޑޮކްޓަރު ވިދާޅުވި ކަމަށެެވެ. 

ނާފިޒު ވިދާޅުވީ، ދެ ދޯނި ދޭތެރޭގައި އަބުދުﷲ ފިތިގެން އޭނާ ދޯންޏަށް ނެގި އިރު ވެސް ނޭވާ ނުލާކަމަށް ފަޅުވެރިންވެސް ބުނި ކަމަށެވެ. 

ނަމަވެސް އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް މުލީ ހޮސްޕިޓަލަށް އަބްދުﷲ ގެންދިޔަ އެވެ. ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް އަބްދުﷲ, އެ ހޮސްޕިޓަލަށް ގެނެސް ނެގި ސްކޭންތަކުން އެނގުނު ގޮތުގައި މޭކަށިގަނޑު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. 

"އަބްދުﷲ ނެގި އިރު ވެސް ނޭވާ ނުލާކަމަށް ދޯނީގައި ތިބި މީހުން ބުނަނީ، އަދި ޑޮކްޓަރު ވެސް ކަށަވަރުކޮށްދިން ނިޔާވެފައިވާކަން. ނަމަވެސް އަޅުގަނޑުމެން މިކޮޅުން ސްކޭނެއް ހެއްދީ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތުމުން. ސްކޭނުން ދައްކާގޮތުން މޭކަށިގަނޑުގެ ވަރަށް ގިނަ ތަންތަނުން ބިންދައިގެން ގޮސް ވަރަށް ބޮޑަށް ހަލާކުވެފައި ހުރީ، ބޮޑަށް ބެެލެވެނީ ދެ ދޯނި ދޭތެރެއަށް ވެއްޓެން ދިޔަ ގަޑީގައި އަބްދުﷲ ދޯނީގައި ހިފެހެއްޓުމުން ދޯނި އައިސް ޖެހި ލިބިފައިވާ އަނިޔާ ކަމަށް," ނާފިޒް ވިދާޅުވި އެވެ.

މޫސުން ގޯސް ދުވަހެއް: ތުވަރުގައި މަޑުކޮށްލަން ނިންމީ އެހެންވެ!

"ސީއެންއެމް" އަށް އެ ހާދިސާ ހިނގި ގޮތުގެ މައުލޫމާތުު ދިން ފަރާތުން ބުނިގޮތުގައި، އަބްދުﷲ ހުރި އެ ދޯންޏަކީ މާލެ އިން އައްޑޫއަށް މުދާ ހިފައިގެން ދިޔަ ސްޕްލައި ދޯންޏެކެވެ. އެއީ ލިޓަސް ކުންފުނީގެ ލިޓަސް ކެރިއާ-02، ކިޔާ ދޯންޏެކެވެ. 

އެ ދޯންޏާ އެކު ޓަސް ކެރިއާ-06 ނަމަކަށް ކިޔާ ދޯނި ވެސް އައްޑު އަށް ދިޔުމަށް ދަތުރު ކުރި އެވެ. އަބްދުﷲ މަސައްކަތް ކުރަނީ ލިޓަސް ކެރިއާ-02 ގައެވެ. އެދޯނީގައި އޭނާ މަސައްކަތް ކުރާތާ އަހަރު ވަރު ވެއްޖެ އެވެ. 

ދެ ދޯނި އެކުއެކީ، ދަތުރު ކުރަމުން ދިޔައީ އައްޑޫއަށް މިސްރާބު ޖަހައިގެން ނެވެ. ކޮޅުފުށީ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ތުވަރުގައި ދެ ދޯނި ބަނދަރުކޮށްލަން ނިންމީ މޫސުން ވެސް ގޯސްވުމާ އެކު، މޫސުން ރަނގަޅު ވަންދެން ނެވެ. ނިންމައިގެން ތިބީ މި ރޭ މަޑުކޮށްލުމަށް ފަހު މާދަމާ ހެނދުނު އަނެއްކާ ފުރާށެވެ.

ތުވަރަށް ކައިރިކޮށް އެ ރަށުގެ ބޭރުގައި ދެ ދޯނި އަޅަން ދެ ދޯނި ގާތްކޮށް ބަދެލަން އުޅުނު އިރުު އެމަސައްކަތުގައި ވަލުގައި ހިފަން އުޅުނު މީހުންގެ ތެރޭ އަބްދުﷲ ވެސް ހިމެނެ އެވެ. ކުއްލިއަކަށް ދެ ދޯނީގެ ދޭތެރެއަށް އަބްދުﷲ ވެއްޓުނެ އެވެ. އޭރު ދެ ދޯނި ބަނދެލަނީ އެވެ. ބެލެވެނީ ވެއްޓުނީ ރާޅާ އެކު ދޯނި ގުޑުނު ވަގުތު ކަމަށެވެ.

ދޯނީގައި އެވަގުތު ތިބި މީހުން ބުނާގޮތުން ދެ ދޯނީގެ ދޭތެރެއިން އަބްދުﷲ ނެގުނު އިރު ވެސް ނޭވާއެއް ނުލަ އެވެ. ސަލާމަތް ކުރެވޭތޯ ސީޕީއާރް ވެސް ދިނެވެ. ނަމަވެސް އޭރު ވެސް އަބްދުﷲގެ ފުރާނަ ވަކިވެއްޖެ އެވެ.

މިވަގުތު އަބްދުﷲ އޮތީ މުލީ ރީޖަނަލް ހޮސްޕިޓަލުގަ އެވެ. ނަމަވެސް އޭނާގެ އާއިލާގެ ގިނަ ބަޔަކު ދިރިއުޅެނީ މާލޭގައި ކަމުން އާއިލާއިން ބޭނުން ވަނީ އަބްދުﷲ މާލެ ގެންނާށެވެ. އަބްދުﷲގެ އަނބަކާއި ފަސް ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. އެހެން ކަމުން މިވަގުތު މަސައްކަތް ކުރަމުން ދަނީ އަބްދުﷲގެ ހަށިގަނޑު މާލެ ގެނައުމަށެވެ. 

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ، ހިތާމަވެރި މި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވާ، އަބްދުﷲގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރަމެވެ.    

13%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް