ރައީސް ސޯލިހް އާއި ރައީސް ނަޝީދު
ޕްރައިމެރީގައި ވާދަ ނުކުރަން ނުނިންމަން، އެހެން ވިދާޅެއްވެސް ނުވަން: ރައީސް ސޯލިހް
Share
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމެރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެ، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިޔަސް، އެކަމާއި އެމަނިކުފާނާއި މަޝްވަރާކޮށްފައި ނުވާނެ ކަމަށާއި، އެހެން ދަންނަވާފައިވެސް ނުވާނެކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

"ދިވެހި ޗެނަލް" އަށް ނަޝީދު ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވަނީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމެރީގައި ރައީސް ސޯލިހް ވާދަކުރައްވާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މިއަދު ރައީސް ސޯލިހް "ސަންގް ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ އެކަން ދޮގުރައްވާފައެވެ.

"އަޅުގަނޑު އެމްޑީޕީ ޕްރައިމެރީގައި ވާދަ ކުރެއްވުމާއި ގުޅޭގޮތުން ރައީސް ނަޝީދާއި އެއްވެސް މަޝްވަރާއެއް ނުހިންގަން. އެފަދަ ނިންމުމެއްވެސް ނުނިންމަން. އެހެން ރައީސް ނަޝީދު އަރިހު ދަންނަވާފައެއް ނުވާނެ" ރައީސް ސޯލިހް ވިދާޅުވި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައި ވެއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ، 2023ވަނަ އަހަރުގެ އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވެ ވަޑައިގަންނަވާ ވާހަކަ އަބަދުވެސް ވިދާޅުވަމުން ދަނީ އެމަނިކުފާނު ކަމަށާއި، ނަމަވެސް ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ އެއްވެސް އިޝާރާތެއް އެއްވެސް އިރެއްގައި ދެއްވާފައިވެސް ނުވާ ކަމަށެވެ.  

އަދި ބޭނުންވަނީ އެހެން ބޭފުޅަކާއިއެކު ވާދަކުރައްވަން ކަމަށް ނަޝީދު ވިދާޅުވިއެވެ. 

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމެރީގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުނުވަން ކަަމަށް ރައީސް ސޯލިހު ވިދާޅުވިއިރު، މީގެ ކުރިން ރައީސް ވިދާޅުވަމުން އައީ އެމަނިކުފާނު ފޯކަސް އޮތީ މިދައުރުގެ ވައުދުތައް ފުއްދުމަށް ކަމަށާއި، އެހެން ދައުރެއްގެ ވާހަކަ ދައްކަވަން ވެސް ވާނީ އެކަން ކޮށްފައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

ނަމަވެސް އެއްވެސް އިރެއްގައި ސީދާ ވާދަ ނުކުރައްވާނަމޭ އަދި ވާދަ ކުރައްވާނަމެކޭ ވެސް ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވެފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް