
ފައްޔާޒު އިންތިހާބު ކުރެއްވީ ވަގުތީ ނަތީޖާ އިން ދައްކާގޮތުން 8000ގެ ތަފާތަކާއިއެކު ކުރީގައި އޮވެ، 28520 ވޯޓުންނެވެ. އެއީ މުޅި ޖުމްލަ ވޯޓުގެ 58 އިންސައްތަ އެވެ.
އިންތި ލިބިފައިވަނީ 20855 ވޯޓެވެ. އެއީ މުޅި ޖުމްލަ ވޯޓުގެ 42 އިންސައްތަ އެވެ.
އިންތިހާބު ކާމިޔާބު ކުރުމަށްފަހު ފައްޔާޒު ވިދާޅުވީ އެއީ ފައްޔާޒަށް ދިން ވޯޓެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެއީ 2023ގައިވެސް ރައީސް ސޯލިހުގެ ސަރުކާރު ބޭނުންވާ ކަމުގެ ހެއްކެއް ކަމަށެވެ.
ޗެއަޕާސަން އިންތިހާބާއި ގުޅިގެން ޕާޓީތެރޭގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް ވަނީ އުފެދިފައެެވެ. ސަބަބަކީ މިއިންތިހާބަކީ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ގޮތެއް ނިމިގެންދާނެ އިންތިހާބަކަށް ވުމެވެ.
އެމްޑީޕީތެރޭ ޗެއަކަމަށް ވާދަވެރި ދެ ކެންޑިޑޭޓުން ވާދަކުރާއިރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދިފާއުކުރުމަށް ކަމަށް ކެމްޕެއިން ތެރޭގައިވެސް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ކެމްޕެއިން ތެރޭ ވެސް އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ މިއީ ރިޔާސީ އިންތިހާބަށް އެމްޑީޕީ އޮތް ގޮތް އެނގޭނެ އިންތިހާބެއް ކަމަށެވެ.