ads
ފޮޓޯ: އަވަސް
މާލެ އަށް އަންނަނީ ފަސޭހަވެގެނެއް ނޫން! މަޖުބޫރު ވެގެން!
މާލެ - ރާއްޖެ ތެރޭ ބަހުސަކީ އަބަދުމެ ކުރެވޭ ބަހުސެކެވެ. އަދި މި ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް މަގާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން މި ކަމުގައި ދައްކަވާ ވާހަކައިން ކަންބޮޑުވާހާ ވެއެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ ވާހަކަ އާއި މާލޭގެ ދިރިއުޅުމުގެ ހާލަތުގެ ވާހަކަ އާއި މާލޭ ރައްޔިތުންނާއި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާއި ތަފާތު ކުރުމުގެ ވާހަކައެވެ. މާލޭގައި ގާއިމުކުރެވޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އެންމެ ފުރަތަމަ ފުރުސަތު ލިބެންޖެހޭނީ މާލޭ ރައްޔިތުންނަށް ކަމަށް ބުނެ ދިވެހި ރައްޔިތުންގެ މެދުގައި ތަފާތު ކުރުމުގެ ވިސްނުމަކުން ދެކެވޭ ވާހަކަ ތަކެވެ. ކަޅު މީހުނާއި ދޮން މީހުނާއި ދެމެދު ގެންގުޅުނުފަދަ ތަފާތު ކުރުމެކެވެ. 

މިފަދަ ވާހަކަތައް ދައްކަވާ ބޭފުޅުންނަށް ސާފުވާނެ ވަރަށް އަސާސީ ކަންތައްތަކެއް އެބަހުއްޓެވެ. 

އޭގެތެރޭގައި ރާއްޖޭގެ މި ވެރިކަން ކުރާ ރަށަށް ހުރިހާ ހިދުމަތެއް ފުނިޖަހާފައި ހުރި ހުރުމެވެ. އަދި މިވީހާތަނަށް އެއްވެސް ވެރިކަމަކަށް މި ދެންނެވުނު ހިދުމަތްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކަށް އެއްވަރަކަށް ބަހާލުމުގައި އެދެވޭވަރަކަށް މަސައްކަތް ކުރެވިފައި ނެތެވެ. ނަތީޖާ އެއްގެ ގޮތުން ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް މި ކުޑަ "ކޮންކްރިޓް ޖަންގައްޔަށް" ހިޖުރަ ކުރުމަށް މަޖުބޫރު ކުރުވީއެވެ. އެންމެ އަސާސީ ކަންކަމުގެ ތެރޭގައި ހިމެނޭ ކިޔެވުމުގެ ފުރުސަތު ތަކާއި ވަޒީފާގެ ފުރުސަތުތަކަށް ޓަކައެވެ. 

މީގެ އިތުރުން ރާއްޖޭގެ ހަމަހިމޭން ރަށްތައް ދޫކޮށް، އާއިލާ ދޫކޮށް ގޯތިގެދޮރު ދޫކޮށް މާލެ އައުމަކީ ހަމަ އެއްވެސް މީހަކު ކުރާ ހިތުން ކުރާ ކަމެއް ނޫނެވެ. އެރައްޔިތުންނަށް ވެސް އެމަގުން އެމީހުންގެ ދިރިއުޅުން ބަދަލުކުރުމަށް މަޖުބޫރު ކުރުވަނީ ހާލަތެވެ. ކުރިންވެސް ދެންނެވެނު ހާލަތްތަކެވެ. 

މިގޮތަށް އެމީހުންގެ މުޅި ދިރިއުޅުން މާލެ އަށް ބަދަލުކުރާ ކިތަންމެ އާއިލާއެއް އެބަހުއްޓެވެ. އެމީހުނަށްވެސް ބޯހިޔާވަހިކަން ބޭނުންވާނެ ކަން ގަބޫލުކުރަންޖެހޭނެ އެވެ. އެމީހުންގެ އަމިއްލަ ބިމެއް ގޯއްޗެއް ފްލެޓެއް އެޕާޓްމެންޓެއް މި މާލެ އަކު ނެތެވެ. ތެދުފުޅެކެވެ! މާލޭގެ ބައެއް ރައްޔިތުންގެ ހާލަކީވެސް މިއީ އެވެ. އެމީހުނަށް ވެސް ބޯހިޔާވަހިކަން ބޭނުންވާނެ އެވެ. 

އެހެން ނަމަވެސް ރައްޔިތުން ތަމްސީލުކުރުމަށް ހޮވާފައި ތިބޭ މެމްބަރުން ރައްޔިތުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ މޭރުމުން ވާހަކަ ދައްކަވާ ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މާލޭ ރައްޔިތުން ފިޔަވާ ދިވެހި އެހެން ރައްޔިތުންނަކީ އިޒްރޭލުގެ ޔަހޫދީންގެ ގޮތުގައި ސިފަކުރުމަކީ ރައްޔިތުން އިންތިހާބު ކުރާ މަގާމެއްގައި ހުންނަ ބޭފުޅެއްގެ ވިސްނުން ހުންނަންވާނޭ ގޮތެއް ނޫނެވެ. ދިވެހި ރައްޔިތުންނަށް ހަމަހަމަ ކޮށް ހިދުމަތްތައް ބެހުމާއި އެކު އެ ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލުން ކަންކުރުމަށް ވަކާލާތު ކުރުުގެ ވިސްނުމެއް ނެތް މެމްބަރުން މަޖިލީހުގައި ތިބުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. 

ބޯހިޔާވަހިކަމަކީ ވަކި ރަށެއްގެ ވަކިބަޔަކަށް އިސްކަން ދީގެން ނުވަތަ ވަކި ބަޔަކަށް ލިބި ނިމުމުން ދެންތިބި ބަޔަކަށްލިބެންޖެހޭ އުސޫލުން އޮންނަ ކަމެއްކަމަށް ބައެއް ފަރާތްތަކުން އަދިވެސް ދެކޭކަމީ ހިތާމަހުރި ކަމެކެވެ. އަދުގެ މަޖިލީހުގައި މިފެންވަރު ވިސްނުން ހުރި ބޭބޭފުޅުން ތިބި ކަމީ ރައްޔިތުންނަށް ވެސް ހުރި ދެރައެކެވެ. 

75%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
19%
ވަރަށް ސަލާމް
ކޮމެންޓްސް