މިހާތަނަށް ބޭއްވި އެމްޑީޕީގެ އެންމެ ފޯރިގަދަ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރައްވާ ޗެއާޕާސަން ކަން ކަށަވަރުކުރެއްވިއިރު އެންމެ ބޮޑު ސުވާލެއް އުފެދިފައި އޮތީ ދެފަޅިވެފައި އޮތް އެމްޑީޕީ ތެރޭ އެކަކު އަނެކަކާއި ގުޅިގެން މަސައްކަތް ކުރެވިދާނެތޯ އެވެ.
އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ނޫސްވެރިންގެ މި ސުވާލަަށް ޖަވާބުދެއްވަމުން ފައްޔާޒު ރޭ ވިދާޅުވީ، އެމްޑީޕީ އޮތީ ދެފަޅިވެފައި ނޫންކަމަށާއި، އެކީގައި މަސައްކަތްކޮށްގެން އަމާޒަކީ 2023ގެ އިންތިހާބުވެސް އެމްޑީޕީ ދިފާއު ކުރުން ކަމަށެވެ.
އަދި ނެނގިގެން ދިޔަ ވޯޓުން އާއްމު މެމްބަރުން ދިން މެސެޖަކީ، ސަރުކާރާއިއެކު މަސައްކަތް ކޮށްގެން ނޫނީ 2023 ނުހޯދޭނެކަން އިސް ލީޑަރުންނަށް އަންގާދިނުމަށް ދިން މެސެޖެއްގެ ގޮތުގައި ދެކޭ ކަމަށް ވިދާޅުވިއެވެ.
ކެމްޕެއިންތެރޭ އެކަކު އަނެކަކަށް ތަފާތު ބޮޑެތި ޒާތީ ބަސްތަކެއްވެސް ރައްދުކޮށް، އެއް މެމްބަރަކު އަނެއް މެމްބަރަކު ފަލީހަތް ވެސް ކޮށްފައިވާއިރު، އޭގެފަހުންވެސް މަސައްކަތް ކުރެވިދާނެތޯ އާއި، ހާއްސަކޮށް ރައީސް ނަޝީދު ކުރައްވާފައިވާ ތުހުމަތުތަކާއިއެކުވެސް އެކީގައި މަސައްކަތް ކުރަން އުނދަގޫ ނުވާނެތޯ ސުވާލުކުރުމުންވެސް ފައްޔާޒު ވިދާޅުވީ އުނދަގޫ ނުވާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދުވެސް އެކުރައްވަނީ ސިޔާސީ ގޮތުން ކުރަން ޖެހޭ މަސައްކަތް ކަމަށާއި، ނަޝީދު އަދި އިންތިއާއެކުވެސް ވަރަށް ރަނގަޅު މަސައްކަތެއް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަމަށްޓަކައި "އަތް ވަނީ ހުޅުވިގެން" ކަަމަށެވެ.
ޕާޓީ ދެފަޅި ނުވާނެ ކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ ވާދަވެރި އިންތިހާބުތަކުގައި ވާދަކުރާއިރު، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ރައްދުކުރަައްވާނެ ކަމަށާއި އެއީ ހިތުގައި ލައިގެން އުޅޭނެ ކަންކަން ނޫން ކަމަށެވެ.
ފައްޔާޒު ވިދާޅުވީ، ޕްރައިމަރީއަކަށް ގޮސްފިނަ ބޭނުންވަނީ ހުންނަވާނީ ރައީސް ސޯލިހް އާއެކު ކަމަށާއި، ނަމަވެސް ޗެއާ ޕާސަންއެއްގެ ހައިސިއްޔަތުން އެކަމަށް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.
ފައްޔާޒު އިންތިހާބު ކުރެއްވީ ވަގުތީ ނަތީޖާ އިން ދައްކާގޮތުން 8000ގެ ތަފާތަކާއިއެކު ކުރީގައި އޮވެ، 28520 ވޯޓުންނެވެ. އެއީ މުޅި ޖުމްލަ ވޯޓުގެ 58 އިންސައްތަ އެވެ.
އިންތި ލިބިފައިވަނީ 20855 ވޯޓެވެ. އެއީ މުޅި ޖުމްލަ ވޯޓުގެ 42 އިންސައްތަ އެވެ.
އިންތިހާބު ކާމިޔާބު ކުރުމަށްފަހު ފައްޔާޒު ވިދާޅުވީ އެއީ ފައްޔާޒަށް ދިން ވޯޓެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެއީ 2023ގައިވެސް ރައީސް ސޯލިހުގެ ސަރުކާރު ބޭނުންވާ ކަމުގެ ހެއްކެއް ކަމަށެވެ.