ޗެއަޕާސަން އިންތިހާބާއި ގުޅިގެން ޕާޓީތެރޭގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް ވަނީ އުފެދިފައެެވެ. ސަބަބަކީ މިއިންތިހާބަކީ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ގޮތެއް ނިމިގެންދާނެ އިންތިހާބަކަށް ވުމެވެ.
ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ކެމްޕެއިން ތެރޭ ވެސް އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ މިއީ ރިޔާސީ އިންތިހާބަށް އެމްޑީޕީ އޮތް ގޮތް އެނގޭނެ އިންތިހާބެއް ކަމަށެވެ.
ޗެއާޕާސަން ކަން އިންތިއަށް ލިބިއްޖެނަމަ އޭގެ މާނައަކީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ޓިކެޓު ޔަގީންވާނެ ކަން ކަމަށާއި، ފައްޔާޒް ހޮވިއްޖެނަމަ 2023ގެ ޓިކެޓް ލިބޭނީ ރައީސް ސޯލިހް އަށް ކަމަށް ބުނެ ވާހަކަތައް ކެމްޕެއިން ތެރޭ ޓީމުތަކުން ވެސް ވާހަކަދެއްކިއެވެ.
އިންތިހާބު ކާމިޔާބު ކުރުމަށްފަހު ފައްޔާޒުގެ ޓީމުން ފައްޔާޒު މީޑިއާތަަކަށް ދިން އިންޓަވިއުގައި 2023ގެ ޕްރައިމަރީއާއި ބެހޭގޮތުން ސުވާލުކުރުމުން ވިދާޅުވީ، ހުންނަވާނީ ރައީސް ސޯލިހް އާއެކު ކަމަށެވެ.
ނަމެވެސް މިހާރު އޭނާއަކީ ޕާޓީގެ ޗެއާޕާސަން ކަމަށްވާތީ، ޕާޓީގެ ކަންކަމުގައި "ނިއުޓްރަލް" ވާނެ ކަމަށް ވިދާޅުވިއެވެ. އަދި ގައުމީ މަޖިލީހުންނާއި، ކޮންގްރެސްއިން ނިންމާ ނިންމުންތަކަށް އިހްތިރާމް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެންމެ ފަހުގެ ނިންމުން ނިންމާނީ ޕާޓީގެ ގުނަވަންތަކުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީ އޮތީ ދެފަޅިވެފައި ނޫންކަމަށާއި، އެކީގައި މަސައްކަތްކޮށްގެން އަމާޒަކީ 2023ގެ އިންތިހާބުވެސް އެމްޑީޕީ ދިފާއު ކުރުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އަދި ނެނގިގެން ދިޔަ ވޯޓުން އާއްމު މެމްބަރުން ދިން މެސެޖަކީ، ސަރުކާރާއިއެކު މަސައްކަތް ކޮށްގެން ނޫނީ 2023 ނުހޯދޭނެކަން އިސް ލީޑަރުންނަށް އަންގާދިނުމަށް ދިން މެސެޖެއްގެ ގޮތުގައި ދެކޭ ކަމަށާއި އެއީ ފައްޔާޒަށް ދިން ވޯޓެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ތާއިދުކުރައްވާނީ ރައީސް ސޯލިހް އަށް ކަމަށް ފައްޔާޒް ވިދާޅުވިއިރު، ޕްރައިމަރީގައި ވާދަކުރައްވާނެކަން ނުވަތަ ނޫންކަންވެސް ރައީސް ސޯލިހް މިހާތަނަށް ހާމައެއް ނުކުރައްވައެވެ.
ރައީސް ވިދާޅުވަމުން އައީ އެމަނިކުފާނު ފޯކަސް އޮތީ މިދައުރުގެ ވައުދުތައް ފުއްދުމަށް ކަމަށާއި، އެހެން ދައުރެއްގެ ވާހަކަ ދައްކަވަން ވެސް ވާނީ އެކަން ކޮށްފައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޕްރައިމެރީގައި ރައީސް ސޯލިހް ވާދަކުރައްވާނެ ކަމަށް ނުބެލެވޭކަމަށް ނަޝީދު މިފަހުން ވިދާޅުވެފައިވަނިކޮށް، ރައީސް ސޯލިހް ވަނީ، ވާދަނުކުރައްވާނެ ކަމަށް ވިދާޅުނުވަން ކަަމަށް ވިދާޅުވެފަ އެވެ.
ޕްރައިމެރީގައި ވާދަ ކުރެއްވުމާއި ގުޅޭގޮތުން ރައީސް ނަޝީދާއި އެއްވެސް މަޝްވަރާއެއް ނުހިންގަން ކަން ފާހަގަކޮށް ރައީސް އިއްޔެ ވިދާޅުވީ، އެފަދަ ނިންމުމެއްވެސް ނުނިންމަން ކަމަށާއި، އެހެން ރައީސް ނަޝީދު އަރިހު ދަންނަވާފައެއް ނުވާނެ ކަމަށެވެ.