އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަންނަ ދިރާސީ އަހަރަށް މާލޭ ސަރަައްދުގައި ހުރި ސަރުކާރު ސުކޫލްތަކަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ހުޅުވާލާފައި ވާކަމަށެވެ.
އަދި ސަރުކާރު ސުކޫލްތަކުގެ އެހެނިހެން ގުރޭޑް ތަކުން ޖާގަ ހޯދަން ބޭނުންވާ ދަރިވަރުންނަށް ފޯމު ހުށައެޅުމުގެ ފުރުސަތު ޖުލައި މަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ، ސުކޫލްތަކުން ޖާގަ ހޯދަން ބޭނުންވާ ފޯމު ހުށައަޅަން ޖެހޭނީ އޮންލައިން ކޮށް ކަމަށާއި، އެކަމަށް ހާއްސަ ލިންކެއް މިހާރު ހުޅުވާލާފައި ވާކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން ގެނައި ބަދަލާއި އެކު ދިރާސީ އާ އަހަރުގެ ކިޔެވުން މިހާރު ފަށާނީ، ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ ތެރޭގަ އެވެ. މި ބަދަލާއެކެ ބޮޑު ޗުއްޓީ ލިބޭނީ ޖޫން މަހުގެ ފަހުކޮޅާއި ޖުލައި މަހުގެ ކުރީކޮޅު އެވެ.