ads
ފިޝަރީޒް މިނިސްޓަރު މިއަދުގެ ޖަލްސާގައި. ފޮޓޯ: މަޖިލިސް
ސައުދީ ލޯނުގައި އަޅާ ކޯލްޑް ސްޓޯރޭޖުތައް ވަރަށް އަވަހަށް ފެށޭނެ: މިނިސްޓާ
ސައުދީ ޑިވަލޮޕްމަންޓުގެ ލޯނު އެހީގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް ތަކުގެ ޑިޒައިން ކޮންސެޕްޓް އަދި ޓެންޑާ ޑޮކިއުމަންޓް މި ހަފްތާގެ ތެރޭގައި ސައުދީ ފަންޑަށް ފޮނުވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގއ. ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ކޯލްޑް ސްޓޯރޭޖް ތަކުގެ ޑިޒައިން ކޮންސެޕްޓް ތައްޔާރުކޮށް ޓެންޑަރ ޑޮކިއުމަންޓް މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި، މި ހަފްތާގެ ތެރޭގައި ސައުދީ ފަންޑަށް ފޮނުވައި އަވަސް މުސްތަގުބަލެއްގައި މި މަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. 

މިނިސްޓާ ވިދާޅުވީ މި މަސައްކަތުގެ ކޮންސެޕްޓް ޑްރޮއިންނާއި ޓެންޑާ ޑޮކިއުމެންޓް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ މި ޕްރޮޖެކްޓައް ހޯދާ ކޮންސަލްޓެންޓެއް މެދުވެރިކޮށް ކަމަށާއި، އެފަދަ ފަރާތެއް ހޯދަން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ މަސައްކަތް ކުރުމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯ އާއި ހަވާލުކޮށްފައިވާ ކަމަށެވެ. 

ކޯލްޑް ސްޓޯރޭޖް ތައް ގާއިމުކުރަނީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގަ އެވެ. އެއީ ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި ގދ. ތިނަދޫގައި 1000 ޓަނުގެ ސްޓޯރޭޖް އަދި މ.މުލަކުގައި 500 ޓަނުގެ ސްޓޯރޭޖާޢި، ކ.ކަނޑުއޮތްގިރީގައި 250 ޓަނުގެ ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތެކެވެ.

މިނިސްޓަރ ވިދާޅުވީ ސައުދީގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކަކީ ދޯނިފަހަރުގައި މަސް ފިނިކޮށް ގަނޑުކޮށް ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތުގެ ތެރެއިން މަސްވެރި އުޅަނދު ފަހަރުގައި ލޮނނުފެނުންމަސްފިނިކުރާ ނިޒާމު (ރެފްރިޖިރޭޓް ސީވޯޓާ ސިސްޓަމް) ގާޢިމުކުރުމަށާއި، އިތުރު ރަށްރަށުގައި އައިސް ޕްލާންޓް ގާޢިމުކުރުމަށާއި، ގަންނަ މަސް ފްރީޒް ކުރުމަށާއި، މަސް ތާޒާ ކަންމަތީ ބެހެއްޓޭނެ ކޯލްޑް ސްޓޯރޭޖްތައް ގާއިމުކުރުން ކަމަށެވެ. 

މި ޕްރޮޖެކްޓުތައް ކުރިއަށްގެންދަން ސަރުކާރުން ނިންމާފައިވަނީ ސައުދީ ޑިވަލޮޕްމަންޓު ފަންޑާއި، އިންޑިއަން އެގްޒިމް ލައިން އޮފް ކްރެޑިޓްގެ އެހީގެ ދަށުންނެވެ.

ރާއްޖެއަށް އެންމެ ގިނައިން މަސްބާނާ ސަރަހައްދަކީ އައްޑު އަތޮޅާއި ހުވަދު އަތޮޅުކަން ފާހަގަކުރައްވަމުން މިނިސްޓްރ ވިދާޅުވީ މަހުން މަތީއަގު ލިބޭ އުފެއްދުންތައް އުފައްދާނެ އެއްވެސް ފެކްޓްރީއެއް މިސަރަހައްދުގައި ސަރުކާރުން ގާއިމުކޮށްފައި ނެތް ކަމަށެވެ. އަދި ވިދާޅުވީ މި ސަރަހައްދުތަކުގައި މަސްފެކްޓީތައް ގާއިމުކުރުމަށް ހޯދަންޖެހޭ އިންވެސްޓްމަންޓް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް