ads
ކުޑަކުދިން
ބައްޕައެއްގެ ތަފާތު އާދޭހެއް!؟
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގައި، އެސިސްޓެންޓް މެނޭޖަރެއްގެ ވާޒީފާގައި މަސައްކަތް ކުރަމުންދާ އަހްމަދު މަހުމޫދު (އަސްލު ނަމެއް ނޫން)، އަކީ ތިން ކުދިންގެ ބައްޕަ އެކެވެ. އެއީ އެއް އަހަރުގެ ކުއްޖަކާއި، ހަ އަހަރުގެ ނުކުޅެދުންތެރިކަން ހުރި ކުއްޖަކާއި، 12 އަހަރުގެ ފިރިހެން ކުއްޖެކެވެ.

މީގެތެރެއިން ހަ އަހަރުގެ ކުއްޖާ ސްކޫލަށް ލާން ކުރި މަސައްކަތް ކާމިޔާބުނުވީ ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ސަބަބުންނެވެ. ދެން ހުރި 12 އަހަރުގެ ކުއްޖާ ސްކޫލަށް ނުގެންދެވޭތާ މިހާރު ވަނީ ހަތަރު މަސްވެފަ އެވެ. އެކުއްޖާގެ ނުކުޅެދުންތެރި ކަމެއްގެ ސަބަބަކުން ނޫނެވެ. ބައްޕަގެ އެވަރުގެ ތަނަވަސްކަމެއް ނެތިގެންނެވެ. 

އެވާހަކަތައް "ސީއެންއެމް" އާއި ހިއްސާކުރަމުން އެ ކުއްޖާގެ ބައްޕަ ބުނީ، ކޮންމެ ދުވަހަކު ގެޔަށް އައިސް ވަނުމުން އަޑުއަހަން ޖެހެނީ، "ބައްޕަ ކޮއްކޮ އަށް ސްކޫލަށް ދެވޭނީ ކޮން ދުވަހަކުން" މިހެން ބުނެ ކުރާ ސުވާލާއި ޝަކުވާތަކުގެ އަޑުކަމަށެވެ. ކުއްޖާގެ ތައުލީމުގެ މުހިންމު އަހަރެއް ގެއްލިގެންދާތީ އާއި އެހެންކުދިންނެކޭ ވެސް އެއްގޮތަށް ސްކޫލަށް ދިއުމުގެ ފުރުސަތު ނުލިބި ގޭގައި އިންނަންޖެހޭތީ ކުއްޖާއަށް ނަފްސާނީ ގޮތުންވެސް އަސަރުތަކެއް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ޕޯޓްސް ލިމިޓެޑުގައި، އެސިސްޓެންޓް މެނޭޖަރެއްގެ ވާޒީފާ އަދާކުރަމުން ދިޔަ ނަމަވެސް އެތަނުން ލިބޭ 14،000 ރުފިޔާ އަކީ ޒިވާންގެ ދެ އަނބިންނާއި، ތިން ދަރިންގެ ޒަރޫރީ ބޭނުންތައް ފުއްދާދެވޭ ވަރުގެ މިންވަރެއް ނޫނެވެ. 

ޒިވާންއަކީ ކުރިން އަތްމަތި ތަނަވަސް މީހެއް ނަމަވެސް، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑާއި ގުޅިގެން ތަދުމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރިމަތީވީ މީހުންގެތެރޭގައި އޭނާ ހިމެނުނެވެ. 

ދެ އަނބިންނާއި، ދަރިންގެ ހަރަދުތައް ހަމަޖެއްސުމަށް ވަގުތާއި ފުރުސަތު ލިބޭ ވަރަކުން އަމިއްލަ މަސައްކަތްވެސް، ކުރިން ކޮށް އުޅުނެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން، ކޮވިޑްގެ ހާލަތު އައުމުގެ ކުރިން ލިބެމުންދިޔަ ކުދިކުދި ވިޔަފާރީގެ ފުރުސަތުތައްވެސް މުޅިން ގެއްލުނު ކަމަށް އޭނާ ބުންޏެވެ. 

ދޮށީ އަނބިމީހާއާއި ދެ ކުދިން ދިރިއުޅޭ ދެ ކޮޓަރީގެ އެޕާޓްމަންޓަށް މަހަކު 18,000ރ (އަށާރަހާސް ރުފިޔާ) ދައްކަންޖެހެއެވެ. ކަރަންޓު ބިލައި ފެންބިލާއި، ފޯން ބިލްތައް ދައްކައި، އަނބިދަރީންގެ ކެއިންބުއިމުގެ ހަދަރުތައް ކިރިޔާ ފުދޭ މިންވަރަށް ކުރުމަށްފަހު، އިތުރު ހޭދައެއް ކުރާނެ އެއްޗެއް ޒިވާން އަތަކު ނޯވެއެވެ. ޒިވާން ބުނިގޮތުން އެ ހަރަދުތައްވެސް ކުރެވެނީ ބައެއް މަސްމަހުއެވެ. 

"ފާއިތުވި ހައެއްކަ މަސްދުވަހުގެތެރޭގައި ފެންބިލު ނުދެއްކިގެން 3 ފަހަރު، އަޅުގަނޑު ދިރިއުޅޭ އެޕާޓްމަންޓުން ފެންކަނޑާލާފި. މިއިން ކޮންމެފަހަރަކު އަލުން ފެން ލިބޭގޮތްވަނީ ރަހުމަތްތެރީންގެ އެހީގައި ފެންބިލުގެ ކޮންމެވެސް މިވަރެއް ދައްކައިގެން. އެޕާޓްމަންޓުގެ ކުލިވެސް ގިނަ މަސްމަހު ދައްކަމުން މިދަނީ، އާއިލާ އާއި ރައްޓެހިންގެ ދޭ އެހީގެ އިތުރުން، ކުރީން ގެނެވިފައިހުރި (އަތުކުރި ގަޑި) ފަދަ ތަކެތި ވިއްކައިގެން ލިބޭ އެއްޗަކުން. މިދަންނަވާލީ، ކުރުގޮތަކަށް އަޅުގަނޑުގެ ދިރިއުޅުމުގެ ޙާލަތު" ޒިވާންގެ ހާލަތު މިހާރު ހުރިގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.

އެކަންކަން އެއްކައިރީ އޮއްވައި، އޭނާގެ އެންމެ ބޮޑު ހާސްކަމެއް އޮތީ އުމުރުން 12 އަހަރުގެ ގްރޭޑު 5 ގައި އުޅެމުންދާ ދޮށީ ދަރިފުޅަށް ތައުލީމީ މުހިންމު ހަރުފަތްތަކެއް ގެެއްލިގެންދާތީއެވެ. 

ދޮށީ ދަރިފުޅު ސްކޫލަށް ނުގެންދެވިވަނީ، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ލިބޭ އެއްޗަކާއި، ކުރަންޖެހޭ ހަރަދު ދިމާނުވުމުގެ ސަބަބުން އަތްމަތި ދަތިވެފައިވާތީއެވެ. 

ކޮވިޑްގެ ދެވަނަ ރާޅާއެކު ދޮށީ ދަރިފުޅަށް ކޮވިޑް ޖެހުނެވެ. އެދުވަސްވަރަކީ ސްކޫލްތައް ބަންދު ދުވަސްވަރެކެވެ. މާތްﷲ ގެ ރަޙްމަތްފުޅުން ގިނަދުސްތަކެއް ނުވެ އޭނާ އެރޯގާއިން ރަނގަޅުވިއެވެ. އޭރު ސްކޫލްތަކުގައި ކިޔަވައިދިނުން އޮތީ ފަށާފަ އެވެ. އެއީ ފެބްރުއަރީ މަހުގެ ކުރީކޮޅެވެ. 

އޭނާ ކިޔައިދިން ގޮތުން ދަރިފުޅު ސްކޫލަށް ގެންދިޔަ ފުރަތަމަ ދުވަހު ސްކޫލުން ހަވާލުކުރި ސިޓީއެއްގައި ބުނެފައިވަނީ، ފެބްރުއަރީ 10 ވަނަ ދުވަހުގެ ފަހުން ދަރިފުޅަށް ސްކޫލަށް އާދެވޭނީ ނުދެއްކިހުރި ފީތައް ދެއްކުމުން ކަމުގައެވެ. ދެމަހުގެ ފީ އެއްފަހަރާ ދެއްކުމަށްފަހު ބާކީ މަސްތަކަކަށް ބަހާލައިގެން ދައްކާގޮތަށް، ދަރިފުޅަށް ސްކޫލަށް އާދެވޭނެ ގޮތް ހަދައިދިނުމަށް އެދުމުން ވެސް އެހުށަހެޅުން ސްކޫލުން ބަލައެއް ނުގަތެވެ. 

އެންސްޕާގެ އެހީއަށް އެދުނު، ނަމަވެސް އެ އެހީއެއް ނުދިން

ސްކޫލް ފީ ދެއްކޭނެ އެއްވެސް ގޮތެއް ނެތިގެން ދަރިފުޅު ސްކޫލަށް ނުގެންދެވޭތާ މިހާރު ހަތަރު ވަރަކަށް މަސް ވީއެވެ. ކުއްޖާގެ ފީއަށް މަހަކަށް 1،400 އަރައެވެ. 

ދަރިފުޅުގެ ކިޔެވުން މެދުނުކެނޑި ކުރިއަށްގެންދެވެން އޮތީ، ނުދެއްކިވާ ފީ އެކީ އެއްފަހަރާ ދައްކައިގެން ކަމުގައިވަތީ، މިކަމުގައި، ދައުލަތުގެ ދީލަތި އެހީއަށް ޒިވާން އެދުނީ އެނޫން އެހެން މަގެއް ފެންނާން ނެތުމުންނެވެ.

އެހެންކަމުން އޭނާގެ ހާލަތު ބަޔާންކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ) އަށް އޭނާ ސިޓީއެއްވެސް ލިއުނެވެ. އެސިޓީގެ ޖަވާބުގައި، އެންސްޕާއިން ބުނެފައިވަނީ މިފަދަ އެހީތައް ދޭނޭ ޕްރޮގްރާމެއް ރާވާފައިނުވާތީ އެ އެހީ ދެވެން ނެތްކަމަށެވެ. 

ނަމަވެސް އިޖްތިމާއީ ރައްކާތެރިކަމުގެ ޤާނޫނުގެ ތިންވަނަ މާއްދާގައި އިޖްތިމާއީ ރައްކާތެރިކަމުގެ ގޮތުން ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ އެހީގެ ބާވަތްތައް ލިސްޓްކޮށްފައިވާއިރު އޭގެތެރޭގައި "ދަރިވަރުންނަށްދޭ އެހީ" ހިމަނާފައިވެއެވެ. 

އިޖްތިމާއީ ރައްކާތެރިކަމުގެ ގޮތުން ރައްޔިތުންގެ ތެރެއިން ދަތި ހާލުގައިވާ މީހުންނަށް ސަރުކާރުން ދޭ އެކިއެކި އެހީތައް

  1. އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ ފައިސާގެ އެހީ
  2. އަޅާލާނެ ފަރާތެއް ނެތް މީހުންނަށް ދޭ އެހީ
  3. ނަފްސާނީ ބަލީގެ މީހުންނަށް ދޭ އެހީ
  4. މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދޭ އެހީ
  5. ކަރަންޓު ބިލު ދެއްކުމަށް ދޭ އެހީ
  6. ކާބޯތަކެއްޗަށް ދޭ އެހީ
  7. ފެން ބިލު ދެއްކުމަށް ދޭ އެހީ
  8. ގޯތިގެދޮރުގެ އެހީ
  9. ކުއްލި ޙާލަތެއް ދިމާވެގެން ރައްކާތެރިކަން ދިނުމުގެ ގޮތުން ދޭ އެހީ
  10. އެކިއެކި ޞިނާޢީ ދާއިރާތަކުގައި ކުދި ނުވަތަ މެދު ފަންތީގެ ވިޔަފާރި ހިންގާ މީހުންނަށް ދިމާވާ ދަތި ޙާލެއްގެ ސަބަބުން ދޭންޖެހިއްޖެނަމަ ދޭ އެހީ
  11. ދަރިވަރުންނަށް ދޭ އެހީ

ޒިވާން ދަރިފުޅުގެ ހައްގުގައި އެންސްޕާގައި އެހީއަށް އެދުނީ، އެ ގާނޫނުގައި އޮންނަ "ދަރިވަރުންނަށް ދޭ އެހީ" ގެ ދަށުންނެވެ. ނަމަވެސް "ފަދަ އެހީތައް ދޭނޭ ޕްރޮގްރާމެއް ރާވާފައިނުވާތީ އެ އެހީ ދެވެން ނެތްކަމަށް" އެންސްޕާއިން ބުނާތީ އެކަންބޮޑުވުން ފާޅުކޮށް ޒިވާން ދެން ސިޓީ ލިއުނީ ރައީސް އޮފީހަށެވެ. 

އެ އޮފީހަށް ޒިވާން ލިއުނު ސިޓީގައި ބުނެފައިވަނީ، ޤާނޫނުގައި ކަނޑައެޅިގެން ދަރިވަރުންނަށް ދައުލަތުން އެހީތެރިވާން ޖެހޭނެ ކަމުގައި ބަޔާންކޮށްފައި އޮންނައިރު، އެއެހީ ދޭނެ އުސޫލެއް ނުވަތަ ޕްރޮގްރާމެއް ނުހަދައި ތިބުމަކީ މި ޤާނޫނު ތަންފީޛުކުރަން ތިބޭ ބަޔަކަށް އޮންނާނެ އިހްތިޔާރެއް ނޫން ކަމަށެވެ. އެހެންކަމުން އެހީދޭނެ އުސޫލެއް ހަދާފައި ނެތޭ ބުނެ ނިކަމެތި ރައްޔިތުންނަށް ހައްޤުވާ މާލީ އެހީތަކުން ރައްޔިތުން މަހްރޫމް ކުރުމަކީ ދައުލަތުގެ އިދާރާއަކަށް ކުރެވިގެން ވާނެކަމެއް ނޫން ކަމަށާއި، އެހީއަށް އެދޭ މީހާއަށް މި މޭރުމުން ޖަވާބުދިނުމަކީ، އެ މުއައްސަސާއިން ކުރި ވަރަށް ނާތަހުޒީބު، އަދި އެހައިމެ ޛިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

"އިހުމާލުވީމާ އެކަމުގެ ޝަކުވާޔައިގެން ދާންޖެހެނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ އަރިހަށެވެ އެހެންކަމުން ދައުލަތުގެ މުއައްސަސާތަކުން ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުމަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ) އިން އެމަނިކުފާނާ، މަތިކޮށްފައިވާ މަސްއޫލިއްޔަތެއްކަން އެމަނިކުފާނުގެ ސަމާލުކަމަށް ގެންނަމެވެ." ޒިވާން ރައީސް އޮފީހަށް ލިއުނު ސިޓީގައި ވެއެވެ.

އިޖްތިމާއީ ރައްކާތެރިކަމުގެ ޤާނޫނުގައި ބުނާ އެހެނިހެން ބާވަތްބާވަތުގެ އެހީތެރިކަމަށް ބޭނުންވާފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖޭހެ ފޯމުތައް އެ އިދާރާގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ އިރު، ދަރިވަރުންގެ އެހީއަށް އެދޭނެ ވަކި ފޯމެއް ވެބްސައިޓުން ފެންނާކަށް ނެތެވެ.

މި ގަވައިދުތައް ހެދުމުގެ ޒިންމާ ޤާނޫނުން މަތި ކޮށްފައިވަނީ، އެންސްޕާ އާއެވެ. އެއޭޖެންސީގައި ދަރިވަރުންނަށް އެހީދޭނޭ ޕްރޮގްރާމެއް ނެތްތާގައި، މިކަމާގުޅޭ ގަވައިދެއްވެސް ފެންނާކަށް ނެތެވެ. 

އިޖްތިމާއީ ރައްކާތެރިކަމުގެ ގާނުނާށް އަމަލުކުރަންފެށިތާ 6 އަހަރަށްވުރެ ގިނަދުވަސް ފާއިތިވެފައިވާއިރު މި ގާނޫނުގެ ތިންވަނަ މާއްދާގެ (ފ) ގައިވާ "ދަރިވަރުންނަށް ދޭ އެހީ" ދޭނެ އިންތިޒާމެއް ނެހެދި އޮތީ ކީއްވެ ކަމެއް ސާފުވާގޮތެއް ނުވިއެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް