ads
ފޮޓޯ: ރައީސް އޮފީސް
އައިޓީއެފްސީގެ މެންބަރު ގައުމަކަށް ރާއްޖެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާ ދީފި
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) ގްރޫޕްގައި ހިމެނޭ އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ)ގެ މެންބަރު ގައުމަކަށް ދިވެހިރާއްޖެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާ ދީފި އެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު މެންބަރު ގައުމަކަށް ރާއްޖެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް އެފި ހުށަހެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފަ އެވެ. 

އައި.ޓީ.އެފް.ސީ އަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ މެންބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމުގެ ތެރެއިން އެ ގައުމުތަކުގެ ރައްޔިތުންގެ އިގްތިސާދީ އިޖްތިމާއީ ހާލަތު ރަނގަޅުކުރުމަށް މަގުފަހިކުރުމަށް އުފައްދާފައިވާ ކޯޕަރޭޝަނެކެވެ.

އައި.ޓީ.އެފް.ސީގެ މެމްބަރު ގައުމަކަށް ރާއްޖެވުމުން ލިބޭނެ ފައިދާތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް އެހީލިބުމާއި، އޯއައިސީގެ މެންބަރު ގައުމުތަކުގެ މެދުގައި އިންޓްރާ-ޓްރޭޑްގެ ފުރުސަތުތައް ތަނަވަސްވުމާއި، އާންމު އަދި އަމިއްލަ ވިޔަފާރިތަކަށް ޓްރޭޑް ޕޮލިސީތަކާ ބެހޭގޮތުންނާއި އަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން ލަފާ ލިބުން ހިމެނެއެވެ. 

މީގެ އިތުރުން މެންބަރު ގައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރި މުއާމަލާތްތަކުގައި ލެޓާ އޮފް ކްރެޑިޓް ފޯރުކޮށްދިނުމާއި އާންމު ރޭޓްތަކަށްވުރެ އަގުހެޔޮކޮށް މުދާ އިންޕޯޓްކުރަން މަގުފަހިވުމާއި، އާންމު އަދި އަމިއްލަ ވިޔަފާރިތަކަށް އާންމު އަގުތަކަށްވުރެ ހެޔޮ އަގުގައި ފައިނޭންސް ލިބުން ހިމެނެއެވެ.

އައި.ޓީ.އެފް.ސީގެ މެންބަރު ގައުމަކަށް ރާއްޖެ މިހާތަނަށް ވެފައި ނެތްނަމަވެސް 2005 ވަނަ އަހަރުން ފެށިގެން އައި.ޓީ.އެފް.ސީގެ އެހީ ރާއްޖެއަށް ލިބެމުންދެއެވެ. އެގޮތުން ރާއްޖެއަށް ފުރަތަމަ އައިޓީއެފްސީގެ އެހީތެރިކަން ލިބިފައި ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖެއަށް އައި.އެސް.ޑީ.ބީ ގުރޫޕުން ލިބުނު އެހީގެ ގޮތުގައެވެ. 

އޭގެ ފަހުން މިއަހަރާ ހަމައަށް 10 ފަހަރެއްގެ މަތިން ޓްރޭޑް ފައިނޭންސިން އެހީ ރާއްޖެއަށް ލިބިފައިވެއެވެ. އެންމެފަހުން އައި.ޓީ.އެފް.ސީގެ އެހީ ރާއްޖެއަށް ލިބިފައި ވަނީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރު އެސްޓީއޯއަށް ކާބޯތަކެއްޗާއި ސިއްހީ ދާއިރާއަށް ބޭނުންވާ އެކި އާލާތްތައް ގަތުމަށް 15 މިލިއަން ޑޮލަރުގެ ޓްރޭޑް ފެސިލިޓީއަކާއި 2021 ވަނަ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ލިބުނު މާލީ ގެއްލުންތަކުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލިބުނު ފަސް މިލިއަން ޑޮލަރުގެ އެހީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް