ads
ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުއްޓުވައިދޭން މަޖިލީހުގެ ރައީސްއަށް ޒަމީރު ގޮވާލައިފި
ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލަން ތައްޔާރު ވަމުން އަންނަ ކަމަށް ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނިކޮށް އެކަން ހުއްޓުވައިދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، މައްޗަންގޮޅި ދެކުނު ދާއިރާގެ މާލޭ ސިޓީ ކައުންސިލުގެ މެމްބަރު އަހުމަދު ޒަމީރު ގޮވާލައްވައިފި އެވެ.
Advertisement

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "އަވަސް" އޮންލައިންނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ  ފޭސް ދޭކުން ބިން ކުއްޔަށް ދޭން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި އެގޮތުން އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. 

އެކަމާއި ކަންބޮޑުވެވަޑައިގެން ޒަމީރު ސީއެންއެމްއަށް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި މިލިއަނުން އޮތް އެޗްޑީސީގެ ދަރަނި ދެއްކުމުގެ ނިޔަތުގައި އޭރުގެ ވެރިކަން ނިމެނިކޮށް ނުއަގުގައި ބިންތައް ދޫކޮށްފައި އެބަހުރި ކަމަށެވެ. އެގޮތުން ނުއަގުގައި ދޫކުރި ބިންތަކުގެ ފައިސާ އަދި ވެސް ނުލިބި އުޅެނިކޮށް އަނެއްކާ ވެސް ބިން ވިއްކަން އުޅެނީ އެ ދަރަނި ދެއްކުމަށް ކަމަށް ޒަމީރު ވިދާޅުވި އެވެ.

ހުޅުމާލެއަކީ އެޗްޑީސީގެ މިލްކެއް ނޫންކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ ތިން ވަނަ ދައުރުގެ 88 ވަނަ އާންމު ޖަލްސާގައި އޭނާ ވާނީ ގާނޫނުގައިވާ ގޮތުން މާލެއަކީ ވިލިމާލެ އާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށްކަމުން، މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގައި މާލޭ ސިޓީގެ ރައްޔިތުންނާއި ދިރިއުޅޭ ރަށްވެހިންގެ ހިޔާލާއެކު ހުޅުމާލޭގެ ބިން ބޭނުންކުރާނެ ގޮތް ވެސް ލޭންޑް ޔޫސް ޕްލޭނުގައި ހިމަން ޖެހޭ ގޮތަށް ކަނޑައަޅާފައި ކަމަށެވެ. އެގޮތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ މެޖޯރިޓީން އެކަން ފާސްވެފައިވާކަން ވެސް އޭނާ ފާހަގަ ކުރައްވަ އެވެ.

ޒަމީރު އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްކަމުން މި މައްސަލަ ހައްލުކުރެން އޮތް ގޮތަކީ ހުޅުމާލެ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ހުޅުމާލޭ ހިއްކަން ފެށީ ވެސް އެބޭނުމަށްކަން ފާހަގަކުރައްވާ ޒަމީރު ވިދާޅުވީ އެކަން އެގޮތަށް އޮތް ނަމަވެސް މިހާތަނަށް ފެނިގެންދަނީ އެތަނުގައި ފައިސާވެރިން ވަޒަންވެރިވަމުންދާ މަންޒަރު ކަމަށެވެ.

"ފައިސާވެރިންނަށް ބިން ވިއްކަމުން ބިން ގަނެގެން ފައިސާވެރިން އެތަނުގަ ދިރިއުޅެމުންދާތަން މި ފެންނަނީ،" 

އޭގެ އިތުރުން ޒަމީރު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިއިރު ވެށިފަހި ޕްރޮގްރާމުގެ ދަށުން ބިން ލިބި ލިޔުން ހަވާލުކޮށްފައިވާ ފަރާތްތަކެއް އެބަތިބި ކަމަށާއި އެ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ބިން ދޭން ކައުންސިލުން ވެސް ބޭނުންވާ ކަމަށެވެ. 

"އެހެންވީމަ ހުޅުމާލެއިން ބިން ދޭން ބަލާއިރުގަ ހުޅުމާލެއިން ބިން ވިއްކުމާ ދޭތެރޭގަ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަން ކައުންސިލަރެއްގެ ހައިސިއްޔަތުން. މިހާރުން މިހާރަށް އެކަން ހުއްޓާލަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އަޅުގަނޑު ގޮވާލަން ރައްޔިތުން މަޖިލިސް މެދުވެރިކޮށް މިކަން ހުއްޓާލުމަށް މަސައްކަތްކޮށްދިނުމަށް،" ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަށް މައްޗަންގޮޅި މެދު ދާއިރާއަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ބޮޑު ތަފާތަކުން މެމްބަރުކަން ދިފާއު ކުރެއްވި ޒަމީރު މިރޭ ސީއެންއެމްއަށް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި 240 ހެކްޓަރުގެ ބިން ހިއްކީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އެގޮތުން 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފަހު ދުވަސްކޮޅު އެތަނުން ނުއަގުގައި ބިން ވިއްކި މައްސަލައެއް ފެންމަތިވި އެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް