އަންނަ މަހުން ފެށިގެން ކުނި ވަކި ކޮށްގެން އުކާލަން ނިންމުމާ ގުޅިގެން، އެކަމުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ތިލަ ފުށީގެ ކުނީގެ ފަރުބަދައިން އަރާ ދުމުގެ އަސަރު މިހާރު ނައްތާލެވިފައިވާ ކަމަށާއި، އެދެވޭ ގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމަށް މިހާރު އަމަލުކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ތިލަފުށިން މިގެ ވިއްސަކަށް އަހަރުވަންދެން އަރަމުން އައި ބޯ ދުންގަނޑު މިހާރު ހުއްޓާލެވިފައިވާ ކަމަށާއި އެއީ ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ތިލަފުށީގައި ވޭސްޓް އެނާޖީ ޕްލާންޓެއް ގާއިމުކުރެވިގެންދާނެ ކަމަށެވެ.
ކުންޏަކީ މިވަގުތު ރާއްޖެއަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ކުނީގެ ވާހަކަ ދައްކާއިރު އާންމުކޮށް އެންމެ ބޮޑަށް ފެންނަ ތަނަކީ ތިލަފުށީގައި އޮންނަ ކުނީގެ ފަރުބަދަ ކަމަށެވެ.
1992 ވަނަ އަހަރުން ފެށިގެން މުޅި ރާއްޖޭގައި އުފެދެމުން އައި އެކި ޒާތްޒާތުގެ ކުނި އަޅަމުން އައީ ތިލަފުއްޓަށް ކަމަށާއި އެހެން ނަމަވެސް ޒަމާނާއި އެއްގޮތައް މިކަން މެނޭޖު ކުރެވި ކުނީގެ ބާވަތްތައް މިހާރު ވަކިކުރުވުމުން ތިލަފުށިން އަރާ ދުމުގެ އަސަރަށް ހައްލެއްވެސް ލިބިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހަމައެކަނި މާލެ ސަރަހައްދުން އެކަނި ދުވާލަކު ގާތްގަނޑަކަށް 1200 އެއްހާ ޓަނުގެ ކުނި އުފައްދާ ކަމަށާއި، މިރޭޓުގައި ކުނި އުފެދޭ ކަމަށްވާނަމަ ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި ތިލަފުށި ފުރިގެންދާނެ ކަމަށެވެ.