މިއަހަރު ހައްޖަށް ދާން، އާއްމުކޮށް ހުޅުވާލާ ސަތޭކަ ކޯޓާއަށް އެދުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނުން އާއްމުކޮށް ހުޅުވާލާފައިވަނީ އާދިއްތަ ދުވަހުއެވެ. މޭމަހުގެ 30 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ދެވަނަ ދުވަހާ ހަމައަށް އެ ކޯޓާތަކަށް އެދި ހުށަހެޅޭނެއެވެ.
ސައުދީ ސަރުކާރުން ކޮވިޑަށް ފަހު ގަވައިދަށް ގެނައި ބައެއް ބަދަލުތަކާއި އެކު މި އަހަރު ރާއްޖޭން ހައްޖަށް ގެންދަން ލިބިފައިވަނީ ހަތަރު ސަތޭކަ ފަންސާސް ތިން ޖާގައެވެ. އޭގެ ތެރެއިން ސަތޭކަ ޖާގަ އާއްމުކޮށް ހުޅުވާލައިގެން މީހުން ގެންދަން ނިންމާފައިވާއިރު، އަނެއް ތިން ސަތޭކަ ފަންސާސް ތިން ޖާގައަށް ގެންދާނީ ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ މީހުންގެ ކިޔު ލިސްޓް ތަރުތީބުންނެވެ. ހައްޖަށް ދާން ފައިސާ ދައްކާފައި ކިޔުގައި ތިން ހާސް ފަސް ސަތޭކައަށްވުރެ ގިނަ މީހުން އެބަތިއްބެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާއްމުކޮށް ހުޅުވާލައިގެން ހައްޖަށް ގެންދާ ސަތޭކަ މީހުން ނަގާނީ ގުރުއަތު ލައިގެންނެވެ. ގުރުއަތުން ނަގާ ސަތޭކަ މީހުންގެ އިތުރުން ވެއިޓް ލިސްޓެއްގެ ގޮތުގައި އިތުރު ފަންސަވީސް މީހުން ނަގާނެއެވެ.
ކޮވިޑަށް ފަހު އައިސްފައިވާ ބައެއް ބަދަލުތަކާއެކު ހައްޖަށްދާން ހުއްދަ ދީފައިވަނީ ފަސްދޮޅަސް ފަސް އަހަރުން ދަށުގެ މީހުންނަށެވެ. އަދި އެއީ މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންނެވެ.