
ރައީސް އޮފީހުގައި ގިނަ ދުވަހު ހިދުމަތްކުރި އަދި ހިދުމަތް ކުރަމުން ގެންދަވާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ދުނިޔެއަށް އަންނަމުންދާ ލޮޅުންތަކުން ރައްކާތެރިވުމަށް ކޮންމެ ކަމެއްގައިވެސް އިޤްތިޞާދުކުރުމާއި ފަހަށް ރައްކާކުރުމަށް ސަމާލުކަންދޭން ޖެހޭކަމަށެވެ.
މި ހަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވި 126 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައިވާއިރު މި ބޭފުޅުންގެ ތެރެއިން މި ދުނިޔެ ދޫކުރައްވާފައިވާ 20 ބޭފުޅަކަށް ފިލާ އަރުވާފައި ވަނީ އެބޭފުޅުންގެ ހަނދާނަށެވެ.
ރައީސް އޮފީހުގެ މުވައްޒަފުންނާ މުހާތަބްކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައިސުލްޖުމްހޫރިއްޔާ ވަނީ ޒަމާނުއްސުރެ ސަރުކާރު ހިންގުމުގައި ރައީސް އޮފީހުން އަދާކުރައްވަމުން ގެންދެވި ދައުރު ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިރޭ ހިދުމަތުގެ އަގު ވަޒަންކުރެވުނު ބޭފުޅުންގެ ރެކޯޑްތަކަށް ބަލާއިރު، އެ ބޭފުޅުންގެ ފަރާތުން ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، އެބޭފުޅުން ދެމެހެއްޓެވި ވަޒީފާގެ އަހުލާގުކަމުގައި ވިދާޅުވެ، އެ މުވައްޒަފުންނަށް ދިގު މުއްދަތަކަށް އެއް ވަޒީފާއެއްގައި ދެމިތިއްބެވޭ އެއް ސަބަބަކީ ވެސް، އެ ސިފަކަމަށް ވިދާޅުވެފައެވެ.