ads
އިމްތިޔާޒް ފަހުމީ
"ދެ ފަނޑިޔާރަކު ގާނޫނު އަސާސީއާ ހިލާފަށް ވަކި ކުރުން ކުށްވެރިކުރަން"
"ދެ ފަނޑިޔާރަކު ގާނޫނު އަސާސީއާ ހިލާފަށް ވަކި ކުރައްވާ ވަކި ކުރެއްވުން އަޅުގަނޑު އެންމެ ހަރުއަޑުން ކުށްވެރިކުރާ ވާހަކަ ދަންނަވަމުން އަޅުގަނޑު ވާހަކަ ކުރުކޮށްލާނަން" މިއީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަ ނިންމަވާލައްވަމުން އެންމެ ފަހުން އިންތި ވިދާޅުވި ޖުމްލަ އެވެ.
Advertisement

އެއީ އޭރުގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިނާ، މިހާރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުޢުތަސިމް ޢަދުނާން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމުގެ މަރުހަލާގައި މަޖިލީހުގައި އިމްތިޔާޒު ފަހުމީ ދެއްކެވި ވާހަކަ އެވެ.

އިމްތިޔާޒް ފަހުމީ އަކީ އަބަދު ވެސް ވަރަށް ތިލަކޮށް، ސާދާކޮށް އެ ކަމެއް އޮންނަ ގޮތް ފާޅުގައި ވިދާޅުވި މެންބަރެކެވެ. އޭނގެ ނުވަ އަހަރު ފަހުން، މިއަދު ވެސް އިމްތިޔާޒް ފަހުމީ ބަދަލެއް ނުވެ އެވެ. އެ ދުވަހު ރައްޔިތުންގެ މަޖިލީހުން، ގާނޫނު އަސާސީއާ ހިލާފަށް ފަނޑިޔާރަކު މަގާމުން ވަކި ކުރަން ހުށަހެޅުމުން ފާޅުގައި އެކަމާ ދެކޮޅު ހައްދަވާފައި، އެކަމާ ދެކޮޅަށް އިންތި ވޯޓު ވެސް ދެއްވި އެވެ.

ދިވެހިރާއްޖޭގެ ރައްޔިތުން ނިކަން ބައްލަވަން ތިއްބަވާ! މި ރާއްޖޭގައި އަދުލުއިންސާފަށް މި ސަރުކާރުން އަދި އިއްޒަތްތެރި ރައީސް ރިޔާސަތުގައި އިންނަވައިގެން މި ކުރައްވާ ފުރައްސާރައެއް. އަދުލުއިންސާފަށް މި ރާއްޖޭގެ ގާނޫނު އަސާސީ އާއި ދިވެހި ރާއްޖޭގެ ރައްޔިތުންނަށް މި ކުރައްވާ ފުރައްސާރައެއް ބައްލަވާ. އެހެން ވީމާ، އަޅުގަނޑު މިކަން ކުށްވެރި ކުރަން. އަދި ދިވެހި ރާއްޖޭގެ ރައްޔިތުން މިކަން ކުށްވެރި ކުރައްވާނެކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން. އަޅުގަނޑުމެންނަށް އެނގިގެން މި ދަނީ މި ދިވެހި ރާއްޖޭގައި މިހާރު މި އޮތީ ގާނޫނު އަސާސީއެއް އޮވެމެ، ގާނޫނު އަސާސީ ނެތް ހާލަތަށް ގެނެސްފައި. މިއީ އެންމެ ނުރައްކާތެރި ހާލަތު. ގާނޫނު އަސާސީއެއް އެބަ އޮވޭމެ، އެކަމަކު ނެތް ހާލަތަށް ގެނެސްފައި. މި ރާއްޖޭގައި އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކީ މި ރާއްޖޭގެ ގާނޫނު އަސާސީ އަށް ތުރެޓުވެގެންދާ ދުވަހެއް.

މިއަދު ވެސް އެފަދަ ހާލަތެއް މިވަނީ ކުރިމަތިވެފަ އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން ހައިކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ހުށަހެޅި ހުށަހެޅުން ގާނޫނު އަސާސީއާ ގާނޫނުތަކާއި އަދި ޖޭއެސްސީން ކަނޑައަޅުއްވާފައިވާ އިޖުރާއަތުތަކާ ހިލާފު ކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ސާފުވާތީ އެ މައްސަލަ އަނބުރާ ފޮނުވާލުމަށް އިމްތިޔާޒް ފަހުމީ ރިޔާސަތު ބަލަހައްޓަވާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ނިންމަވާފަ އެވެ. އިމްތިޔާޒް ފަހުމީއަށް ސާބަސް ދޭ ހާލު އެކަމަކު ދަންނަވަން ޖެހެނީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ޖުޑީޝަރީ ކޮމިޓީގެ އެ ރިޕޯޓް ބަލައިނުގަންނަން ނިންމި ނިންމުމާއެކު ސިހުމެއް ލިބިފައިވާ ކަމަށެވެ.

އަންނަ ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، ހައިކޯޓުގެ ފަނޑިޔާރުން ވަކި ކުރުން އެޖެންޑާ ކުރާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެފައިވާއިރު، ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓް ބޮލާލައި ޖެހުން ވާނީ ތިލަފަތުގެ ރަމްޒު ކަމަށް އެމްޑީޕީން އަދި ހުދު ރައީސް ނަޝީދު ވެސް ދެކެވަޑައިގެންނެވި އިމްތިޔާޒް ފަހުމީގެ މޫނުގައި ވެސް ޖެއްސެވުން ކަމަށެވެ. ކުރީގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު އެކޭ ރައީސް ނަޝީދު އެކޭ އެހެން ވެއްޖެނަމަ ތަފާތެއް ނެތެވެ.

ފަސް ދޮޅަސް ފަސް  މެންބަރުންގެ ސާފު މެޖޯރިޓީއާއެކު، ދެން އިތުރަށް އެމްޑީޕީން ފަނޑިޔާރުގެ އިސްލާހު ކުރާ ވާހަކައެއް، ގުޑްގަވަނަންސްގެ ވާހަކައެއް އަދި ޑިމޮކްރެސީގެ ވާހަކައެއް ދައްކާނެ ކަމެއް ނެތެވެ. ހޯމަ ދުވަހު އެމްޑީޕީން ކަން ކުރާގޮތް ރައްޔިތުން ބަލާނެ އެވެ.

އެ ދުވަހު (2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އޮތް) ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރުން ވަކި ކުރުމާ ދެކޮޅަށް 21 މެންބަރުން ވޯޓު ދެއްވިއިރު، އޭނގެ ތެރޭގައި އިމްތިޔާޒް ފަހުމީގެ އިތުރުން މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ކުރާނެކަމެއްނެވެ. ހޯމަ ދުވަސް ދިވެހިންނާ ބައްދަލު ކުރާނެވެ. އަދުލު އިންސާފޭ އިޖުރާތޭ ޑިޔު ޕްރޮސެސް އޭ ކިޔައިގެން އެމްޑީޕީއަށް ވާހަކަ ދެއްކި ދާނެތޯ އެނގޭނެ ފަދަ ނިންމުމެއް ހޯމަ ދުވަހު ނިންމާނެ އެވެ. އަޅެ ހަދާ ގޮތް ބަލަމާ ހިނގާށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް