ads
އިއްޔެ ފުވައްމުލަކުގައި އޮތް ސައިކަލު ބުރުގެ ތެރެއިން
"ކުނި ވަކިކުރުމަކީ ރައްޔިތުންގެ ހެވާއިލާބައަށް ކުރެވޭ މަސައްކަތްތަކެއް"
ކުނީގެ ބާވަތްތައް ވަކިކުރުން ފަދަ ކަންކަމަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންގެ ހެވާއިލާބައަށް ކުރެވޭ މަސައްކަތްތަކެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައި ތިމާވެށީގެ ދުވަހެއް ފާހަގަކުރެވެނީ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކާއިމެދު ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށްޓަށް ގެއްލުންލިބޭ ކަންތައްތަކުން ދުރުހެލި ކުރުމަކީ އެންމެ މުހިންމު އެއް ބޭނުން ކަމަށް ދެކިގެން ކަމަށާއި، ނެތިގެންދާ ވަސީލަތްތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް މިފަދަ ދުވަހެއްގައި ވިސްނަންޖެހޭ ކަމަށެވެ. 

އެގޮތުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި ގުދުރަތީގޮތުން ތަނަވަސްވެފައިވާ އެކިއެކި ވަސީލަތްތައް ދިރިއުޅުމުގެ ފަސޭހައަށްޓަކައި ބޭނުންހިފާއިރު އެ ވަސީލަތްތައް ގެއްލިގެން ދިއުމުން އެ ކަމުން ކުރިމަތިވާނެ ނުތަނަވަސްކަން ހިތަށް ނުގެނެވޭކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

‎ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހިންގާ އެންމެހާ މަސައްކަތްތަކަކީ ރައްޔިތުންގެ ހެވާއިލާބައަށް ކުރެވޭ މަސައްކަތްތަކެއް ކަމަަށާއި، އެގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މިހާރު ތަންފީޒުކުރަން ފަށާފައިވާ ކުނީގެ ބާވަތްތައް ވަކި ކުރުމާއި، އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޒާތުގެ ޕްލާސްޓިކާއި ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

އަދި އެކަންކަމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި އެމަގުން މަސައްކަތް ކޮށްދެއްވުމަށް ނައިބު ރައީސް ފައިސަލް އެދިވަޑައިގަތެވެ.

ވެމްކޯ އިން ހިދުމަތް ހޯދާ ގޭބީސީތަކުން ކުނި އުކާލުމުގައި ކުނީގެ ބާވަތްތައް ތިން ބަޔަށް ވަކިކޮށް ބެހެއްޓުމަށް އަންގައި އެގޮތައް އަމަލުކުރަން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ ފަށާފަ އެވެ.

އެ 3 ބަޔަކީ: 

  1. ގޭބީސީތަކުން އުފެދޭ ކުނިވާ ޒާތުގެ ކުނި: ބަދިގެއިން އުފެދޭ ކުނިވާޒާތުގެ ތަކެތި 
  2. ޕްލާސްޓިކު ފުޅި: މިނަރަލް ވޯޓާ ފުޅި، ކޮސްމެޓިކްސްގެ ބާވަތްތައް ހިމެނޭ ފުޅި ފަދަ ތަކެތި 
  3. އެހެނިހެން ކުނީގެ ބާވަތްތައް: ދަގނޑު، ބިއްލޫރި، ފަދަ ތަކެތި

your imageނައިބު ރައީސް ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ--

ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތައް އަންނަމުންދާ މިދަނޑިވަޅުގައި ޖައްވު ހޫނުވެ ތަގައްޔަރު ވަމުންދާ ކަމަށާއި ކުރީގައި އަޑުނާހާ މިންވަރަށް ރާއްޖޭގެ އިތުރުން އެހެނިހެން ޤައުމުތަކުގައިވެސް އުދައެރުމާއި ފެންބޮޑުވުމުގެ ހާދިސާތައް ފަދަ ޤުދުރަތީ އެކިއެކި ހާދިސާތައް ހިނގުން އިތުރުވެފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ. 

އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށާއި އެހެނިހެން ކަންކަމަށް ލިބެމުންދާ ގެއްލުން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މޫސުމަށް އަންނަމުންދާ ބަދަލުތަކާއިމެދު ދުނިޔޭގެ އެކިއެކި ލީޑަރުންނާއި ތިމާވެށީގެ ހައްޤުގައި ވަކާލާތުކުރާ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ އިތުރުން އެ ކަމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. 

"ދިވެހިރާއްޖެ ހިމެނިގެންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާ ޤައުމުތަކުގެ ތެރޭގަ. މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތަކީ ހަމަ އެކަނި ދެކެވޭ ވާހަކައަކަށް ވެގެން ނުވާނެ. ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤޫބޫލު މަންޒިލެއް. ދިވެހިރާއްޖެއަށް ފަތުރުވެރިންގެ އެހާބޮޑު ސަމާލުކަމެއް ލިބެނީ މި ރާއްޖޭގެ ޤުދުރަތީ ނިއުމަތުގެ ސަބަބުން. މި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ސާފު މޫދާއި ދޮންވެލި ތުނޑިތައް ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ވާސިލުކޮށްދިނުމަށްޓަކައި އެންމެހާ ފަރާތްތަކުން ގުޅިގެން މިވަނީ މަސައްކަތް ކުރަންޖެހިފަ" ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.

your imageއިއްޔެ ފުވައްމުލަކުގައި އޮތް ސައިކަލު ބުރުގެ ތެރެއިން

ރޭގެ ޖަލްސާގައި ފުވައްމުލައް ސިޓީ ބަޔޮސްފިޔަ ރިޒަވް ލޯގޯ އިފްތިތާހުކުރުމުގެ އިތުރުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ލޯ އެންޑް ނަން ކެމިކަލް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް" ގެ ޑޮކިއުމަންޓްގައި ސޮއިކޮށްފައިވެއެވެ. މީގެ އިތުރުން "އޮންލީ ވަން އާތް" ވާހަކަފޮތް މުބާރާތުގެ އެއްވަނައަށް ދިޔަ ޝަރަފުއްދީން ސްކޫލުގެ ދަރިވަރުންނަށް ނައިބު ރައީސް ފައިސަލް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ.

‎ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އިއްޔެ ހަވީރު ވަނީ ފުވައްމުލަށް ސިޓީ އެއަޕޯޓުން ފެށިގެން ތުނޑީ ސަރަހައްދާއި ހަމައަށް ބައިސްކަލް ބުރެއް ވެސް ބާއްވާފަ އެވެ. މި ބައިސްކަލު ބުރުގައި ނައިބު ރައީސް ފައިސަލް ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް