މިގޮތަށް ނިންމެވީ ރައްޔިތުންގެ މަޖިލީހަށް ހައިކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ހުށަހެޅި މައްސަލައިގައި މިއަދު މަޖިލީހުަގައި ނެގުނު ވޯޓުންނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމީ ގޯސްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމެޓީން ވަނީ މީގެ ކުރިން އިއްތިފާގުނެ ނިންމާފައެވެ.
މި މައްސަލަ ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ ދެ ފަނޑިޔާރުން ވަކިކުރުމަށެވެ. ނަމަވެސް މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ވަނީ އިސްތިއުފާ ދެއްވާފައެވެ. މިހެންކަމުން މިއަދު މަޖިލީހުގައި ވޯޓަށް އެހީ ހަމައެކަނި، ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމަށެވެ.
ފަނޑިޔާރުންގެ މައްސަލައިގައި ޖޭއެސްސީން އިޖުރާތްތައް ފުރިހަމަ ނުކުރާތީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި މައްސަލައިގެ ރިޕޯޓު ހުށަހަޅުއްވަމުން ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު އިމްތިއާޒް ފަހުމީ ވިދާޅުވީ، ފަނޑިޔާރުންނަށް ޖަވާބުދާރީ ވާން ފުރުސަތު ދީފައިނުވާކަން ފަހަގަކުރެވޭ ކަމަށެވެ.
އިންތިއަށްފަހު ވާހަކަ ދައްކަވަމުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ އެނާ ދެކިލައްވަނީ ޖޭއެސްސީއަށް ރިޕޯޓު އަލުން ފޮނުވައި، "އިޖުރަތްތައް ފުރިހަމަ ކުރުމަށްފަހު" އަލުން މަޖިލީހަށް ހުށަހެޅުންޖެހޭކަމަށެވެ.
އެމްޑީޕީއަށް ނިސްބަތްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މި މަޖިލީހުންވެ އިޖުރާތްތައް ހަމަނުކުރާނަމަ 17 ވަނަ ރައްޔުތުންގެ މަޖިލީހާ 18 ވަނަ ރައްޔިތުންގެ މަޖިލީހާ އޮތް ތަފާތަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.