ރައުފް އިސްތިއުފާ ދެއްވިއިރު އޭނާއަށް ފުލެޓް ލިބުނު މައްސަލައެއް ޖޭއެސްސީ އިން އަންނަނީ ބަލަމުންނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމީ ގޯސްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައި ވާކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ޖޭއެސްސީއަށް ހުށަހެޅުނު މައްސަލައެއް ބެލުމަށްފަހު، ފަނޑިޔާރު އަބުދުއްރައޫފް އަދި ފަނޑިޔާރު އަބްދުﷲ އެ ފްލެޓުތަކާއި ހަވާލުވުމަކީ ޤާނޫނު އަސާސީއާ ހިލާފު އަމަލެއްކަމަށް ކަނޑައަޅާ ފަނޑިޔާރުކަމުން ވަކި ކުރަން ނިންމައި މަޖިލީހަށް ހުށަހެޅަން ނިންމާފައިވަނީ މިދިޔަ އެޕްރީލު މަހުގެ 20 ވަނަ ދުވަހުގެ ރޭ ބޭއްވުނު، އެ ކޮމިޝަނުގެ ބައްދަލުވުމެއްގައެވެ.
ޖޭއެސްސީން މަޖިލީހަށް ފޮނުވި އެ ހުށަހެޅުން ދިރާސާކުރުމަށް މިދިޔަ އެޕްރީލް މަހު އެކޮމެޓީން ބޭއްވި ބައްދަލުވުމުގައި ކޮމެޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ، އެމައްސަލަ ދިރާސާ ކުރިއިރު ދެފަނޑިޔާރުންގެ ފަރާތުން ފޮނުވާފައިވާ ސިޓީއާއި، ޖޭއެސްސީގެ ރިޕޯޓުވެސް ބަލާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން ފާހަގަވި ދެކަމެއް އެބައޮތް ކަމަށާއި އެކަން ސާފުކުރަން ބޭނުންވާ ކަމަށް ސިރާޖް ވިދާޅުވިއެވެ.
އެހެންކަމުން ހަތަރު ސުވާލެއް އުފައްދަވާ އެކަންކަން ސާފުކުރަން ޖޭއެސްސީއަށް ސިޓީއަކުން ދެންނެވުމަށް އޭނާ ހުށަހެޅުއްވިއެވެ. އެ ހުށަހެޅުން އެދުވަހުގެ ކޮމެޓީގެ އިއްތިފާގުން ފާސްވެފައިވާތީ، އެ ސުވާލުތަކަށް ޖަވާބުދާރީވެ، ޖޭއެސްސީން ކޮމެޓީއަށް ފޮނުވި ލިއުންތައް އިއްޔެއާއި މިއަދު ކޮމެޓީގައި ވަނީ ދިރާސާކޮށްފައެވެ.
އެ ލިއުންތައް ދިރާސާކުރުމަށްފަހު އެ ކޮމެޓީގެ އިއްތިފާގުން ނިންމީ ޖޭއެސްސީގެ ނިންމުން ގޯސް ކަމަަށާއި، ދެ ފަނޑިޔާރުންގެ މައްސަލަ އަލުން ބެލުމަށް ޖޭއެސްސީއަށް އެންގުމަށެވެ. އަދި އެމައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއަތާ ހިލާފަށް ކަމަށް ނިންމާ، އެމައްސަލަ އަލުން ބެލުމަށް ޖޭއެސްސީއަށް މައްސަލަ އަނބުރާ ފޮނުވާލުމަށް ކޮމެޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
އެކަމަށް ރައްދުދީ ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޖުޑިޝަރީ ކޮމިޓީން ފާހަގަކުރައްވާކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާ އެއް ކަމަކީ މައްސަލައިގެ ސީޣާއާ ނުގުޅޭ ކަންތައްތަކަކަށް ރިއާޔަތްކޮށްފައިވާ ކަމަށް ކަމަށެވެ.
އެ ކަމުގެ ރައްދުގައި ޖޭއެސްސީން ބުނީ، ފަނޑިޔާރު އަބްދުއްރައޫފް އަދި ފަނޑިޔާރު އަބްދުﷲ އާމެދު އެ ކޮމިޝަނުން ބަލަން ނިންމި ސުލޫކީ މައްސަލައިގެ އިބާރާތުގައި އޮންނަނީ މައްސަލަ ރައްދުވާ ފަނޑިޔާރުން ޤާނޫނުއަސާސީއާ ގާނޫނާ ހިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގެންފައިވާ ކަމަށް ކަމަށެވެ. މައްސަލައިގެ މައިގަނޑު ނިންމުމަކީ 20000 ރުފިޔާގެ ޑައުން ޕޭމަންޓަކަށް ކުރީގެ ހައުސިން މިނިސްޓްރީ މެދުވެރިވެ މާލެއިން ފްލެޓް މި ދެ ފަނޑިޔާރުން ޤާނޫނުއަސާސީއާ ހިލާފަށް ހޯދާފައިވާތީ، އެކަން އެ ގޮތުގެ މަތިން ހިނގާފައިވާކަން ސާބިތުވާ ކަން ކަމަށާއި، މައްސަލައިގެ ސީޣާއިން ނުވަތަ މައުލޫއިން ބޭރުން އެއްވެސް ކަމެއް ތަހުގީގުކުރެވި ގޮތް ނިންމާފައި ނުވާ ކަމަށެވެ.
މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާކަމަށް ކޮމެޓީން ބުނެފައިވާތީ އެކަމަށް ވެސް ޖޭއެސްސީން ވަނީ ރައްދުދީފަ އެވެ.
ޖޭއެސްސީން ބުނީ، މައްސަލަ ނިންމަން ފެންނަ ގޮތް ކަނޑައަޅައި ތައްޔާރުކުރާ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަކީ އެ ކޮމިޝަންގެ ގާނޫނުގައި ބަޔާންކުރާ ފަދައިން، ސީދާ ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭ ރިޕޯޓެއް ކަމަށެވެ. ގާނޫނުގައި ބަޔާންކުރަނީ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން ނުވަތަ މައްސަލަ ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުރުމުގެ ކުރިން ތަހުގީގު ރިޕޯޓެއް ތައްޔާރުކޮށް ލިޔުމުން އަދި އަނގަބަހުން ޖަވާބުދާރީވުމަށް ފުރުސަތު ދޭން ޖެހޭނެކަމަށް ކަމަށާއި، ދެ ފަނޑިޔާރާއި މެދު އެ ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލައިގައި، މައްސަލައިގެ ތަހުގީގު ރިޕޯޓް ފަނޑިޔާރުންނާ ހިއްސާކޮށް އެރިޕޯޓަށް ލިޔުމުން ޖަވާބުދަރީވުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.
އިތުރު ތަފްސީލު އަންނަނީ...