ads
އެފްއޭއެމްގެ ކޮންގްރެސްއެއްގެ ތެރެއިން: ފޮޓޯ ހަފްތާ
އެފްއޭއެމް ގެ މި އަހަރުގެ ކޮންގްރެސް ވެސް ސިއްރު! ވޯޓް ވެސް އޮޅުވާލި!
އެފް.އޭ.އޭމް ގެ 6 ޖޫން 2022 ގެ އޯޑިނަރީ ކޮންގްރެސްވެސް ވެގެންދިޔައީ ސިއްރު ކޮންގްރެސްއަކަށެވެ. އަދި ވޯޓުވެސް އޮޅުވާލި ކޮންގްރެސްއަކަށެވެ.

ކޮންގްރެސްގައި 44 ވޯޓް އޮންނަކަމަށް ހިންގާ ގަވާއިދުގެ 22 ވަނަ މާއްދާއިގައި ބުނިނަމަވެސް، އަސްލު ވޯޓްގެ އަދަދަކީ 35 އެވެ. އެއީ، 10 ވަނަ މާއްދާގައި ބަޔާންކޮށް، 22 ވަނަ މާއްދާގައި ތަފްސީލްކޮށްދީފައިވާ މާލޭގެ އެއްވަނަ ޑިވިޒަންގެ 8 ކްލަބަށް، ކޮންމެ ކްލަބަކަށް 2 ވޯޓާއި، ދެވަނަ ޑިވިޒަންގެ 10 ކްލަބަށް، ކޮންމެ ކްލަބަކަށް އެއްވޯޓާއި، ރާއްޖެ 9 ޒޯނަށް ބަހާ، ކޮންމެ ޒޯނަކަށް އެއް ވޯޓްގެ މަގުން، ޖުމްލަ 35 ވޯޓެވެ.

މުޅި ކޮންގްރެސްގައި 35 ވޯޓް އޮތްއިރު، ވޯޓުލުމުގެ ހައްގު ނުލިބޭ  ފަސްދޮޅަސް އެއް ކްލަބް އެބައޮތެވެ. އެއީ، ޕްރެމިއަރ ލީގް ކޮލިފިކޭޝަންގައި މިއަހަރު ބައިވެރިވެފައިވާ "ރާއްޖެތެރޭގެ" ކްލަބްތަކެވެ. މި 61 ކްލަބްގެ ފަރާތުން ވޯޓުލާން ލިބެނީ 9 މަންދޫބަކަށެވެ. ވޯޓު ލާ މަންދޫބެއް ނޭންގެއެވެ. ފަސްދޮޅަސް އެއް ކްލަބް، ނުވަޒޯނަށް ބަހާލީމާ، "ރާއްޖެތެރޭގެ" ކްލަބަކަށް ޖެހެނީ ވޯޓެއްގެ ހަބައިކުޅަ އެއްބައެވެ. ރަށު ކްލަބް ނަމުގައި ވޯޓު ލަނީ ކާކުކަމެއް ނޭނގެއެވެ. ވޯޓާސް ލިސްޓް އޮތީ ސިއްރުކޮށްފައެވެ.

your imageއެފްއޭއެމްގެ ކޮންގްރެސް ތެރެއިން

"ރާއްޖެތެރެއަށް" ވޯޓުގެ ބައިކުޅަބައި!

ފަސްދޮޅަސް އެއް ކަލްބް، ނުވަޒޯނުގެ ރޭޓުން، ކޮންމެ ޒޯނަކަށް އެއްވޯޓުގެ މަގުން ގުނާލީމާ، "ރާއްޖެތެރޭގެ" ކްލަބަކަށް ޖެހެނީ ވޯޓެއްގެ ހަތްބައިކުޅަ އެއްބައެވެ. މިހެން މިކަން އޮންނަ ސަބަބާއިިމެދު ފިކުރުކޮށްލުމަލީ ކޮންގްރެސްއެއް ނިމިގެންދާއިރު ބޭނުންތެރިކަމެކެވެ. ފަހުގެ ތާރީހަށް ނަޒަރުހިންގާލުމުން އެތައް ކަމެއް ސާފުވާނެއެވެ.

އެފް.އޭ.އެމް ގެ އިންތިހާބަކީ، އުދޭ ސައްދާމް ހުސެއިން ގެ އިރާގް އެފް.އޭ އާއި ދާދި އެކުއެކީ، 2008 ވަނަ އަހަރު، ސަސްޕެންޝަންގެ ބިރުދައްކައިގެން އިންތިހާބުކުރުވަންޖެހުނު، ދުނިޔޭގެ މަދު އެސޯސިއޭޝަންގެތެރެއިން އެސޯސިއޭޝަނެކެވެ. ފީފާ އިން ރާއްޖޭގެ އެފް.އޭ އިންތިހާބު މަޖުބޫރުކުރަންޖެހުނީ 2005 ވަނައަހަރުގެ އެޖަމިއްޔާގެ ޑެޑްލައިނަށް، އިހްތިރާމްނުކޮށް "ފޫކެހުމުން" ނެވެ. ފީފާއިން، މީގެ 14 އަހަރު ކުރިން ގަދަކަމުން އިންތިހާބު ކުރުވިނަމަވެސް، ފުޓުބޯޅައަށް އެއްވެސް ހެޔޮ ބަދަލެއް އައިސްފައެއް ނުވެއެވެ. ފުޓުބޯޅައާއި ޖެހުނީމާ، މިހާރުގެ "ޑިމޮކްރެޓިކް" ސަރުކާރުންވެސް، އަދި ކިޔެއްތަ، ރައްޔިތުންގެ މަޖިލިހުންވެސް، ރަށު ކްލަބަށް ވޯޓުލުމުގެ ހައްގު ކަށަވަރުކޮށްދެވިފައެއް ނުވެއެވެ. ފެންނަނީ، ޑިމޮކްރަސީގެ ރޫހާއި ހިލާފަށް "ގޮނޑިކޮއްކޮ" އެސޯސިއޭޝަނެއް ދަމަހައްޓަން ސަރުކާރުންވެސް ބޭނުންވެގެން އުޅޭތަނެވެ.

ފީފާ އިން ސަސްޕެންޝަންގެ ބިރުދައްކައިގެން، އިންތިހާބު މަޖުބޫރުކުރުވުމުން، 2008 ގައި އަސާސީ ގަވާއިދެއް ހަދަން މަޖުބޫރުވިއެވެ. އަދި،  އޭރުއޮތް، ޖަމިއްޔާތަކާބެހޭ ގާނޫނު 2003/1 ގެދަށުން އިންތިހާބު ކަށަވަރު ކުރެވޭ ކްލަބެއްވެސް އޮތްކަމުގެ ހެއްކެއް ނުދެއްކުނެވެ. ކްލަބްތައް ޑިމޮކްރެޓިކް އުސޫލަށް ހިންގުމަކީ، އެއިރުވެސް އަދި މިއަދުވެސް ސަރުކާރުން ހިޔްވަރުދޭކަމެއް ކަމަކަށް ނުފެނެއެެވެ. ވީމާ، ސަސްޕެންޝަންގެ ބިރަށް، އެންމެފަހުން މަޖުބޫރުވީ، އިންތިހާބު ކަށަވަރުނުކުރެވޭމާލޭ ކްލަބްތަކުގެ ނަމުގައި ވޯޓުދީ، ދެލޯ މަރާ، އެކަން ނިންމާލާށެވެ. އެފް.އޭ.އެމް ގެ ކޮންގްރެސް މިއަދުވެސް ރަމްޒުކޮށްދެނީ މިހަގީގަތެވެ. މާލޭގެ އަށްކްލަބުން "ގައުމީ ޖަމިއްޔާއެއް" ހިންގާތަނެވެ.

އެފް.އޭ.އެމް އިންތިހާބު ކުރިފަހުން ސާދަ އަހަރު ވެއްޖެއެވެ. އެހެންނަމަވެސް، ރަށުކްލަބަކަށް ވޯޓްލުމުގެ ހައްގާއިއެކު ބޯހިއްލާލެވޭ ފުރުސޮތެއް ނުދެއެވެ. އެހެންނަމަވެސް، މީގެ ތިރީސް ހަ އަހަރުކުރީން، 1986 ން ފެށިގެން، އަތޮޅުފެންވަރުގައި ރަސްމީ މުބާރާތް ކުޅެން ފަށައިފިއެވެ. އެހެންނަމަވެސް މާލޭގެ ކްލަބްތަކެކޭ އެއްހަމައިން އަތޮޅުތަކުގެ ކްލަބްތަކަށް ވޯޓްލުމުގެ ހައްގު ހޯދައިދޭކަށް އެސޯސިއޭޝަނަކުންވެސް، ސަރުކާރަކުންވެސް އުޅޭތަނެއް ނުފެނެއެވެ.

އަންހެން ކުޅުންތެރިންގެ ވޯޓު އުނިކޮށްފި

އެސޯސިއޭޝަންގެ ކަންކަން ހުރީ ވަރަށްވެސް ދެރަވަރުކޮށެވެ. 2016 ވަނަ އަހަރު ފާސްކުރި ހިންގާ ގަވާއިދުން އަންހެން ކުޅުންތެރިންނާއި، ރެފްރީންނާއި، ކޯޗުން ފަދަ "އިންޓަރެސްޓް ގްރޫޕް" ތަކަށް ދީފައިއޮތް ނުވަ ވޯޓް ވަނީ އުނިކޮށްފައެވެ. ވޯޓް އުނިކޮށްފައިވަނީ 2020 ގެ ކޯވިޑް ލޮކްޑައުންގެ ސިއްރު ކޮންގްރެސްއިން ނެވެެ. ވީމާ ކޮންގްރެސްގައި މިހާރު އޮތީ އެންމެ 35 ވޯޓެވެ. ސާޅީސް ހަތަރު ވޯޓެއް ނޫނެވެ.

މީގެ ދެ އަހަރުކުރިން މި ވޯޓްތައް ނައްތާލާފައިވަނީވެސް ސިއްރުން ނެވެ. އާދެ، ސިއްރުކުރުމުގެ ބޭނުމުގައި މިފަދަކަންކަން ޔައުމިއްޔާވެސް ނުކުރަނީ ތާއެވެ! އެންމެ ފަހުން، މިއަހަރުގެ ކޮންގްރެސް ފެށުނުއިރު، މި ގްރޫޕްތަކުގެ ނަންތައް ހިންގާ ގަވާއިދުން އުނިކޮށްފައިވީނަމަވެސް، ވޯޓުގެ އަދަދު އޮތީ "އެޑީޓް" ކުރަން ހަނދާންނެތި ނުކުރެވިފައެވެ. ވޯޓް އަދަދަކީ ހަމަ 44 ކަމުގައެވެ. އެހެންވީމާ، މިދިޔަ ހަތަރު އަހަރު ހިންގާގަވާއިދު ކިޔާލި މީހަކުވެސް އެސޯސިއޭޝަންގައި ނެތީތާއެވެ. ރައީސް ބައްސާމް އަދީލް ޖަލީލްގެ ރިޔާސަތުގައި، ޑިމޮކްރެޓިކް ހައްގުތައް ރައްކާކޮށްދީ، ލިޔެކިޔުން ބެލެހެއްޓުމުގެ މިންވަރާއި ފެންވަރު، މި ކޮންގްރެސްއިން އަނެއްކާވެސް ރަމްޒުކޮށްދެއްވައިފިއެވެ. 

ފުޓްބޯލް އެސޯސިއޭޝަނަކީ ހިންގާގަވާއިދަށް އަމަލުކުރާ ޖަމާއަތަކަށް ނުވާތީވެ، މިހާރު ބެލެވެނީ، އެފް.އޭ.އެމް ވެސް އޮތީ ވެންޓިލޭޓަރ ޒަމާނުގެ "ނިޔު ނޯމަލް" ގައިކަމަށެވެ. ވެންޓިލޭޓަރުގެ ފައިސާކޮޅު ގެއްލުނުގޮތަށް، 9 ޒޯންގެ ބައިކުޅަ ބައި ވޯޓްވެސް ގެއްލުނީއެވެ. އިންޓަރެއްސްޓް ގްރޫޕަކަށް ވޯޓެއްގެ މަގުން ދިންއިރު އަންހެނުން ބާރުވެރިކުރުވަން އަހަންމިއްޔަތުކަން ދިނުމުގެ ގޮތުން 2 ވޯޓް ދީފައިވެއެވެ. އެހެންމަވެސް އަންހެންކުޅުންތެރިންގެ ދެވޯޓާއިއެކު، ރެފްރީންނާއި، ކޯޗުންނަށްވެސް ކުރީންއޮތް ވޯޓުކޮޅުވެސް، ވެންޓިލޭޓަރު ފައިސާއާއި އެއްގޮތަށް ގެއްލި ދިޔައީއެވެ. ރައީސް ބައްސާމް ވިދާޅުވަނީ ފުޓުބޯޅަިއގެ މުސްތަގްބަލް އުޖާލާކަމަށެވެ. 

your imageއެފްއޭއެމްގެ ރައީސް ބައްސާމް އަދި ކުޅިވަރު ވަޒީރު މަހްލޫފު

ސެކްޓްރީ ޖެނެރަލްއާއި، ހިންގާކޮމިޓީއާއި، އެސޯސިއޭޝަންގެ "ލޯޔަރުން" ނަކީ މިފަދަ ކަންކަމަށް ކޮށި، އަދި ނާގާބިލް ބައެއްގޮތުގައި ސިފަކޮށްދީފިއެވެ. އެސޯސިއޭޝަންތަކުގެ މައްޗަށް ބަލަން އައްޔަންކޮށްފައި ހުންނެވި ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހުން ހިންގާގަވާއިދު "ފާސް" ކުރެއްވިއިރުވެސް، މިކަން ފާހަގަކުރެވިފައިނެތުމަކީ ވެންޓިލޭޓަރުގެ ޒަމާނުގައި، ކުޅިވަރުގެ ދާއިރާގެ "ނިޔު ނޯމަލް" ކަމުގައި ވެ ނިމުނީއެވެ.

ކޮންގްރެސް

އެފް.އޭ.އެމް ގެ ހިންގާ ގަވާއިދުގެ 21 ވަނަ މާއްދާގައި ބުނަނީ، "ކޮންގްރެސް އަކީ، އެފް.އޭ.އެމް ގެ ހުރިހާ މެމްބަރުން ތަމްސީލްކުރާ މަންދޫބުން ހާޒިރުވެ، ގަވާއިދުން ބައްދަލުވާ" ޖަލްސާއެއް ކަމަށެވެ. އަދި "މީގެން ރަމްޒުކޮށްދެނީ އެފް.އޭ.އެމް ގެއެންމެ އިސް ގާނޫނު ހަދާ އިދާރާއެވެ. އެފް.އޭ.އެމް ގެ ނިންމުންތައް ނިންމުމުގެ ބާރު ލިބިގެންވަނީ ގަވާއިދުން ބޭއްވޭ ކޮންގްރެސްއަކުންނެވެ". ކޮންމެއަކަސް، ކޮންގްރެސް އޮތީ ސިއްރުކޮށްފައެވެ. ކޮންގްރެސްގެ ތާރީހް، 45 ދުވަސްކުރިން މެމްބަރުންނަށް ލިޔުމަކުން އަންގަން ޖެހޭކަމަށް ހިންގާގަވާއިދުގެ 27 ވަނަ މާއްދާގެ 2 ގައި ބުނެއެވެ. ނޫސްވެރިންނަށް ކޮންގްރެސް އޮތްކަން އެގުނީ އެދުވަހު މެންދުރު އެވެ. މިގޮތަށް ކޮންގްރެސް ސިއްރުކުރުމަކީ އެފް.އޭ.އެމް ގެ އާއްމު ކަމަކެވެ.

ކޯރަމް

ކޮންގްރެސް ހުޅުވުމަށްފަހު ކުޑަ ވަގުތުކޮޅަކަށް ނޫސްވެރިންވައްދާ އެންމެ ފަނަރަ މިނިޓަށްފަހު އަވަހަށް ބޭރުކޮށްލިއެވެ. އެފް.އޭ.އެމް ގެ ކޮންގްރެސްއަށް ގަޑިއެއްހާއިރުވެސް ނުނަގައެވެ. ކޮންގްރެސް މިބާއްވަނީ ހިންގާގަވާއިދާއި އެއްގޮތަށް ކަމަށް ގަރާރެއް ފާސްކުރެއެވެ. ވޯޓްލުމުގެ ހައްގު ދީފައިވާ 27 ކްލަބްގެތެރެއިން 13 ކްލަބް ހާޒިރުވިކަން އިއުލާނުކޮށް، ކޯރަމް ލިބުނީކަމަށް ކަނޑައަޅާ ކޮންގްރެސް ފެށިއެވެ. ހާޒިރުވެ ތިބި 13 ކްލަބްގެތެރެއިން އަށް ކްލަބަކީ، ކްލަބަކަށް 2 ވޯޓްލިބޭ އެއްވަަޑިވިޒަންގެ އަށް ކްލަބްތައް ކަމަށް ބަލަމާތޯއެވެ. އެއީ 16 މަންދޫބުންކަމުގައި ބަލާ، ދެންތިބި ފަސް ކްލަބްގެ ކޮންމެ ކްލަބެއްގެ އެއް ވޯޓާއިއެކު 21 މަންްދޫބުން ހިމަނާ ކޮންގްރެސް ކުރިއަށް ގެންދިޔައެވެ. މަންދޫބުންގެ ތަފްސީލް ލިސްޓެއް ހާމަނުކުރާހާހިނދު، ކޮންގްރެސްގެ ކޯރަމް ހަމަވާކަމާމެދު ސުވާލު އުފެއްދޭނެ ޖާގަ އެބައޮތެވެ. އަދި ވޯޓް އޮޅުވާލިކަމުގެ ތުހުމަތު ކުރާނެ ޖާގަވެސް އެބަ އޮތެވެ.

ކޮންގްރެސް އެކުލެވޭ 27 ކްލަބްގެތެރެއިން ޖަލްސާގައި ތިބީ އެންމެ 13 ކްލަބަވެ. 14 ކްލަބް ނެތެވެ. ކްލަބްގެ އަދަދުންނަމަ، މެޒޯރިޓީ ކްލަބްތައް ތިބީ މިކޮންގްރެސްއިން ބޭރުގައެވެ. ކޮންގްރެސްގައި ހާޒުރެވެއެއް ނެތެވެެ. ހާއްސަ ގޮތެއްގައި ފާހަގަކުރެވުނީ ރަށު ކްލަބް ތަމްސީލްކުރާ ޒޯންތަކުގެ މަންދޫބުން ނެތް ކަމެވެ. އެވެރިންނަށް ދައުވަތު ފޮނިވިކަމެއް ނޭނގެއެވެ. ރާއްޖެތެރޭގެ ކްލަބަކަށް ލިބޭ 7 ބައިކުޅަ އެއްބައި ވޯޓުގެ ބައިކުޅަބައިވެސް ކޮންގްރެސްގައި ނެތެވެ. ނުވަ ޒޯން މަންދޫބުންނަކީ، ކޮންގޮތަކަށް ހޮވާ ކޮން ބައެއްކަން އެނގޭ މީހަކުވެސް ނެތެވެ. 

ކޮންގްރެސްގެ ނިންމުންތައް

ކޮންގްރެސްއަށްފަހު އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ ހަފްތާއެއްގެ ތެރޭ ފައިސާގެ ދަތިކަން ނައްތާލެވޭނެކަމަށެވެ. އަދި ކޮންގްރެސްގެކުރިން، ރައީސް ބައްސާމް، ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވާ ފޮޓޮއެްއްވެސް ފައުޅުކުރެއްވިއެވެ. އުމްރާނީ ތަރައްގީއަށް ކަޑަޖަހާ ޝަގާފަތުގެ ވާރުތަވެރިން، ކޮންގްރެސް ވޯޓާ ދިމާކޮށް، މިފަދަ އުޖާލާ ހަބަރުތައް އަބަދުވެސް ދެއްވައެވެ. ވިކްޓްރީ އާއި ނިޔުރޭޑިއަންޓްގެ ސަސްޕެންޝަން އުވާލުމުގެ ފެހި ސިގްނަލް ފިޔަވާ ކޮންގްރެސްއިން ވީކަމެއް ނެތެވެ. އަށްޑިހަވަރަކަށް މިލިއަން ރުފިޔާގެ ބަޖެޓެއްް ފާސްކުރިއިރު، ދެބައިކުޅައެއްބައި އޮތީ ސްޕޮންސަރޝިޕުން ހޯދާގޮތަށެވެ. ސަރުކާރުން ދޭ ގްރާންޓަ ފައިސާއަކީ އެންމެ 3.7 މިލިއަން ރުފިޔާއެވެ! ކޮންގްރެސްގެ ނިވަލުގައި ކްލަބް ފުޓުބޯޅަ ޝަގާފަތަށް އައު ވިސްނުމެއްވެސް ތައާރަފް ވެއްޖެއެވެ. އެއީ ރަށްރަށަކީ، މާލޭގެ މޮޅު ކްލަބްތަކް ކޭމްޕް ޖެހުމުގެ ހިދުމަތްދޭ ބައެއްގެ ގޮތުގައި ދެކެންފެށުމެވެ!

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެއްޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް