އިންޓަނެޓާ ނުލާ ދިރިނޫޅެވޭހާ އަސާސީ އެއްޗަކަށް އިންޓަނެޓްވެފައިވާއިރު ވެރިކަމުގެ ކުރީކޮޅު އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ މިދިޔަ، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ވިދާޅުވެފަ އެވެ.
ރާއްޖޭގެ ހުރިހާ ކަމެއް ބަރޯސާވަނީ އިންޓަނެޓަށް ކަމުން އިންޓަނެޓްގެ އަގުހެޔޮވުން ނުވަތަ ކަތާވަރުގެ އަގަކަށް ތިރިވުމަކީ ތަރައްގީގެ ދުވެއްޔަށް އިތުރު ހަލުވިކަމެއް ލިބިގެންދިއުން ކަމަށް މަލީހް ވަނީ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވިދާޅުވެފަ އެވެ.
އޭގެ އިތުރުން މާޗު މަހުގެ 14 ވަނަ ދުވަހު، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް "ސީއެންއެމް" އަށް ވިދާޅުވީ ލަސްތަކެއް ނުވެ އިންޓެނެޓްގެ އަގަށް ހެޔޮބަދަލެއް އަންނާނެ ކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ރައްޔިތުންނަށް ހެޔޮ ހަބަރެއް ލިބޭ ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެހެން ވިދާޅުވި ފަހުން ގާތްގަނޑަކަށް 44 ހަފުތާ އަދި 11 ވަރަކަށް މަސް މިވަނީ ފާއިތުވެ ގޮސްފަ އެވެ. ރައްޔިތުންނަށް އެބުނާ އުފާވެރި ހަބަރު އަދި ނުލިބެ އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި އިންޓަނެޓްގެ އަގުތައް
ދެކުނު އޭޝިއާ ގައުމުތަކުގެ ތެެރެއިން އިންޓަނެޓްގެ އަގު އެންމެ ބޮޑީ ރާއްޖޭގަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ސަރަހައްދުގައި އިންޓަނެޓް އެންމެ ހެޔޮ އަގުގައި ލިބެން ހުރީ އިންޑިއާގައެވެ. އެގޮތުން އިންޑިއާގައި ހަތަރު ރުފިޔާއަށް އެއް ޖީބީގެ ޑޭޓާ ލިބެން ހުރެ އެވެ.
އަވަށްޓެރި ސްރީލަންކާއަށް ބަލާއިރު 1.28 ޖީބީ ޑޭޓާ ޕެކޭޖެއްގެ އަގު އުޅެނީ 8.40 ރުފިޔާގަ އެވެ. އަދި 2.86 ޖީބީގެ ޕެކޭޖެއްގެ އަގު 16.89 ގައި ހުރިއިރު ލަންކާގައި 154 ޖީބީގެ ޑޭޓާ ޕެކޭޖެއްގެ އަގު އުޅެނީ 547.48 ރުފިޔާގަ އެވެ.
ރާއްޖެއަށް ބަލާއިރު މި އަގުތަކާއި ބޮޑު ފަރަގެއް އެބަހުއްޓެވެ. އާންމުންނަށް ޝަކުވާނުކޮށް ތިބެވޭހާ ވަރަށް ވުރެ އަގު ބޮޑެވެ.
ދިރާގު، ޑޭޓާ ޕެކޭޖްތަކުގެ އަގުތައް:
- 1 ޖީބީ _ 85 ރުފިޔާ
- 5 ޖީބީ - 350 ރުފިޔާ
- 10 ޖީބީ - 500 ރުފިޔާ
-25 ޖީބީ - 1175 ރުފިޔާ
އުރީދޫ ޑޭޓާ ޕެކޭޖުތަކުގެ އަގުތައް:
- 1 ޖީބީ - 125 ރުފިޔާ
- 5 ޖީބީ - 350 ރުފިޔާ
- 8 ޖީބީ - 500 ރުފިޔާ
- 12 ޖީބީ - 660 ރުފިޔާ
- 25 ޖީބީ - 1100 ރުފިޔާ
ދުނިޔޭގެ އެކި ކަންކޮޅުތަކާއި އަޅާބަލާއިރު އިންޓަނެޓްގެ އަގު ރާއްޖޭގައި ބޮޑުކަމުން އެކަމުގެ ޝަކުވާތަށްކޮށް ގިނަ ބަޔަކު އަންނަނީ އެ ގައުމުތަކުގައި އެހާ ހެޔޮ އަގުގައި އިންޓަނެޓް ލިބޭއިރު އެކަން ރާއްޖޭގައި ނުކުރެވެންވީ ކީއްވެތޯ ސުވާލު އުފައްދާ، ސަރުކާރަށް ފާޑުކިޔަމުންނެވެ. މިއީ އިއްުޔެއަކު މިއަދަކު ކުރަމުން އައި ޝަކުވާތަކެއް ނޫނެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ކުރިން ވެސް މިޝަކުވާތައް ކުރި އެވެ. ނަމަވެސް އަޑުތައް ގަދަވީ އަގު ހެޔޮ ކޮށްދެއްވާނެ ކަމަށް ރައްޔިތުންނަށްވި ވައުދުފުޅުގައި ހަގީގީ ކުލަ ޖެހުމުގެ ނިޝާނެއް ވެސް ލޯކުރިމަތިން އަދިވެސް ނުފެންނާތީ އެވެ.
އިންޓަނެޓްގެ އަގާއި ގުޅިގެން އެތައް ކަންބޮޑުވުމެއް ކޮންމެ ދުވަހަކު ސޯޝަލް މީޑިއާގައި ވެސް އެތައް ބަޔަކު ފާޅުކުރަމުންދަނިކޮށް ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަށް ދިރާގާއި އުރީދޫ ނޫން ކުންފުންޏެއް ބޭނުންވާ ކަމަށް މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވެސް ވަނީ ވިދާޅުވެފަ އެވެ.
އީވާ ވިދާޅުވީ އިންޓަނެޓްގެ އަގު ހެޔޮ ނުވާ ކަމަށާއި، އަދި އިންޓަނެޓް ލިބުމުގައި ހިދުމަތް ނުކެނޑޭ ދުވަހެއް މަދު ކަމަށެވެ. އަދި ދުނިޔޭގެ އަގުތަކާއި އަޅާ ބަލާއިރު ރާއްޖޭގައި އިންޓަނެޓްގެ އަގުތައް ރަނގަޅު ނޫން ކަމަށްވެސް އީވާ ވިދާޅުވީ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދާ ދެމެހެއްޓުމުގެ ބިލަށް ވާހަކަ ދައްކަވަމުން މަޖިލީހުގެ ތަޅުމުގަ އެވެ.
އަގުހެޔޮ ކުރަން ކުރާ މަޝްވަރާގެ ނަތީޖާ ކޮބާ؟
އިންޓަނެޓް އަގު ހެޔޮ ކުރުމަކީ ރައީސުލްޖުމްޖޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމުން، މާޗު މަހުގެ ތެރޭގައި ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ ރާއްޖޭގައި އެ ހިދުމަތް ދޭ ކުންފުނިތަކާއެކު މަޝްވަރާ ފައްޓަވާފަ އެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.
އެ މަސައްކަތުގެ ތެރެއިން 25 ޤައުމެއްގެ އިންޓަނެޓްގެ އަގުތަކާއި ބެހޭ ގޮތުން ދިރާސާތަކެއް ހަދާފައިވާ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ. އަދި އެ ދިރާސާ އަށް ބިނާކޮށް، ވަރަށް އަވަހަށް ހެޔޮ ނަތީޖާއެއް ނިކުތުމަށް އުއްމީދު ކުރައްވާ ކަމަށް އޭރު ވެސް ވިދާޅުވެ އެވެ.
"ދެ ފަރާތަށް ވެސް ވިން-ވިން ވާނެ ގޮތަށް އަގުހެޔޮ ކުރުމަށް މި މަސައްކަތް ކުރަމުން ދަނީ،" ނުރަސްމީ މަޝްވަރާތަކަށް ފަހު މަލީހް މިދިޔަ އޭޕްރިލް މަހު ވިދާޅުވި އެވެ.
ކޮންމެއަކަސް، މި ޝަކުވާތަަަށް ގިނަވެ އާންމުން ކަންބޮޑުވަނީ އިންޓަނެޓްގެ އަގާއި ބަލާއިރު ސްޕީޑް ވެސް އިންތިހާއަށް ލަސްކަމުންނެވެ. މި ކަންބޮޑުވުންތަކާއެކު ދޭތެރެ ދޭތެރެއިން މިނިސްޓަރުގެ އިސްތިއުފާއަށް ވެސް އާންމުން ގޮވާލާއިރު ޓެލެކޮމިއުނިކޭޝަން ދާއިރާއަށް ވާދަވެރި ފަރާތެއް ގެނެސްގެން ނަމަވެސް މި ކަމަށް ހައްލެއް ގެންނަން ދިވެހިން ބޭނުންވެ އެވެ.
ދުނިޔޭގެ ކުރިއަރަމުން އަންނަ ގައުމުތަކާ އެއް މިސްރާބަކަށް ރާއްޖެ ދަތުރުކުރަމުން އަންނަ މި ދަނޑިވަޅުގައި އެހެން ގައުމުތަކާ އަޅާ ކިޔައި ރާއްޖޭގައި އިންޓަނެޓް އަގު، އިންތިހާއަށް މަތީގައި އުޅޭއިރު ދިވެހިން ތިބީ ހެޔޮ ބަދަލެއް މި އަގުތަކަށް އަންނާނެ ދުވަހަކަށް ކެތްމަދުވެފަ އެވެ.ނަމަވެސް ސުވާލަކީ މި ވައުދު ފުއްދުމުގައި ފަހަތު ބަޔަށް ބަރަވެގެން އުޅެނީ ކީއްވެތޯ އެވެ. ކިޔާހާ ޅެން ފަރިއްސަށް ވާ އުސޫލުން އިންޓަނެޓުގެ އަގު ހެޔޮ ކުރުން ވެސް އެ މަގަށް ދިޔައީ ބާއްވަ އެވެ.